ރިޕޯޓް

ކޮވިޑްގެ ބޮޑު ސުވާލު، މާލެއަށް ބަލި ގެނައީ ކާކު؟ އެމީހާ ކޮބާ؟

އަލީ ޔާމިން

15

ޗައިނާގެ މައި ދޮރާށިން ނުކުމެ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19ގެ ގަދަ ތޫފާނުގެ އަސަރު އަޅުގަނޑުމެންގެ ރާއްޖެއަށް ކުރަން ފެށީ މިދިޔަ މަހުގެ ތެރޭގައި، ރާއްޖެއިން އެބައްޔަށް ފުރަތަމަ މީހަކު ޕޮޒިޓިވްވުމާއެކުއެވެ. އޭގެ ފަހުން ކޮވިޑް 19ގެ ބިރުވެރިކަން ރާއްޖެއަށް އައީ ބޮޑުވަންނެވެ. ކޮވިޑް 19އިން ރައްކާތެރިވުމަށް ސަރުކާރާއި ކަމާބެހޭ ވުޒާރާތަކުން ކެނޑިނޭޅި އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. ބޮޑެތި ފިޔަވަޅުތައް ކޮވިޑާއި ދެކޮޅަށް އެޅިއްޖެއެވެ. ކުރެވޭނީ މަސައްކަތެވެ. އެންމެ ފަހުން ކޮވިޑް 19ގެ ބިޔަ ރާޅު މިވަނީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅޭ ފުރަ މާލެއަށް ބިންދާލައިފައެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވިއެވެ. އެއީ އަންހެނެކެވެ. ހަމަ އެ ދުވަހު އެ އަންހެންމީހާ (އެމްއޭވީ 21)ގެ ދެ އަހަރު ނުވާ ތުއްތު ދަރިފުޅު (އެމްއޭވީ 22) ވެސް ބައްޔަށް ޕޮޒިޓިވް ވިއެވެ. ޖެހިގެން އައި ދުވަހުވެސް އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ. އެއީ ކޮވިޑަށް އެންމެ ފުރަތަމަ މާލެއިން ޕޮޒިޓިވްވި އަންހެން މީހާ (އެމްއޭވީ21)ގެ ފަހަރިއެވެ. އެކަމަކު ދިރާސާވެރީން ބުނާގޮތުގައި، މި ތަނުން ފަހަރިއަށް ޖެހުނީ ކުރީން ބަލި ޖެހުނު ކޭސް 21 ގެ ފުށުންތޯ ނުވަތަ ފަހަރީގެ ފުށުން އޭނާއަށް ޖެހުނީތޯ މިއީވެސް ޖަވާބު ނުހޯދޭ ސުވާލެކެވެ. ބަލި ޖެހިފައިވާކަން ކުރީން އެނގުނީ ކޭސް 21 ކަމަށް ވިޔަސް، އޭނާއާ ހަމަޔަށް އަސްލު މި ބަލި ދިޔައީ ފަހަރީގެ ފުށުންކަމަށް ވުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮވިޑް 19އަށް މާލެއިން މިހާތަނަށް ޕޮޒިޓިވްވި މީހުން ހަތަރު ކުރިޔަކަށް ބެހިފައިވާ އިރު، ދެވަނަ ކުރިއާއި ތިން ވަނަ ކުރި ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ އެމްއޭވީ27 އާއި އެމްއޭވީ28 އެވެ. އެމްއޭވީ 27އާ ސީދާ ބައްދަލުވި ތިން މީހަކަށް ބަލި ޖެހިފައިވާއިރު އެމްއޭވީ 28އާ ބައްދަލުވި ދެމީހަކަށް ވެސް ބަލި ޖެހިފައިވެއެވެ. ހަތަރު ވަނަ ކުރިއެއްގެ ގޮތުގައި އެމްއޭވީ 35 ރޭ ފެނިފައިވާ އިރު އޭނާއާ ބައްދަލުވި މީހަކަށް ކޮވިޑް ޖެހުނުކަން އަދި އެނގޭކަށް ނެތެވެ. މާލެއިން މިލި ޖެހުނު މީހުންގެ ޖުމުލަ ވަނީ 15 އަށް އަރައިފަ އެވެ.

މިހާރު އުފެދޭ ސުވާލަކީ ޕޭސެންޓު 0 ނުވަތަ މާލެއަށް ކޮވިޑް ފެތުރިފައިވާ ހަތަރު ކުރި ކަމަށްވާ އެމްއޭވީ 21 އާއި އެމްއޭވީ 27 އާއި އެމްއޭވީ 28 އަދި އެމްއޭވީ 35 އަށް ބަލި ޖެހުނީ ކާކުގެ ފަރާތުން ތޯއެވެ؟ އެއީ މިއަދު ސިއްހީ މާހިރުންވެސް އެންމެ ބޮޑަށް އުފައްދާ އެއް ސުވާލެވެ. އަދި ބަލި ފެތުރިފައިވާ ދުރުމިން ދެނެގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންވެސް މެއެވެ.

މިމަހުގެ 15 ދުވަހު ބޭއްވި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފް ވިދާޅުވީ އެމްއޭވީ 21ގެ ގަޔަށް ބަލި އެރި ގޮތް އަދި ދެނެއެއް ނުގަނެވެއެވެ. އޭނާ ބޭރު ގައުމަކަށް ދަތުރު ކޮށްފައި ނުވާއިރު، ބަލި ޖެހިފައި ހުރި މީހަކާވެސް ބައްދަލުވެފައި ނުވާ ވިދާޅުވިއެވެ.

މި ހަތަރު ކުރި ފެށޭ މީހާއަށް ބަލި ޖެހުނު ގޮތް މިއަދާ ހަމައަށްވެސް ހޯދިފައި ނުވާއިރު، އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. އެމީހުންނަށް ބަލި ޖެހުނު ގޮތް ނޭނގުމުން މުޖުތަމައުގެ ތެރޭގައި ބަލި އުޅޭކަން ނުވަތަ ކޮމިޔުނިޓީ ޓްރާންސްމިޝަންގެ ހާލަތަށް ގޮސްފައިވާކަން ޔަގީން ކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

ކޮމިއުނިޓީ ޓްރާންސްމިޝަން އަކީ ސީދާ ކޮވިޑް ކޭސް އަކާ އެއްވެސް ގުޅުމެއް ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމެވެ. އަދި އެއީ، މުޖުތަމައުގައި ބަލި ޖެހިފައި ހުރި މީހެއްގެ ކިބައިން އެކަކު އަނެކަކު ގަޔަށް ބަލި ފެތުރެން ފެށުމުގެ ހާލަތެވެ. މިއީ މި ވައިރަސް ފެތުރި ގަންނަ އެންމެ ނުރައްކާ ހާލަތެވެ.

މާލެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ އެމްއޭވީ 21 އާއި އެމްއޭވީ 27 އާއި 28 އަދި އެމްއޭވީ 35 އަށް ބަލި ޖެހުނު ގޮތް ނުވަތަ ޕޭޝަންޓް 0 އުފެދުނު ގޮތާ ގުޅޭ ބައެއް ސިނާރިއޯތައް ވިސްނައިލެވިދާނެ އެވެ.

ފުރަތަމަ ސިނާރިއޯއަކީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައި އައި މީހެއްގެ ގައިގައި އެ ވައިރަސް ހުރީ ހެއްޔެވެ؟ ރާއްޖެ އަންނަ ހުރިހާ އެންމެން ކަރަންޓީނު ކުރަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ކަރަންޓީން ކުރާ އެންމެން ކޮވިޑަށް ޓެސްޓުކުރަން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެހެންކަމުން އެ ތާރީހުގެ ކުރީގައި ކަރަންޓީނު ފުރިހަމަވެ އެއްވެސް އަލާމާތެއް ނުފެންނާތީ ޓެސްޓު ނުކޮށް ދޫކުރި މީހުންގެ ތެރޭގައި ބަލި ޖެހިފައި ހުރި މީހަކު ހުރީ ކަމަށް ވެދާނެހެއްޔެވެ؟. އެހެން ވެއްޖެ ނަމަ، އެމީހާގެ ކިބަައިން އެހެން ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އަނެއް ސިނާރިއޯ އަކީ ރިސޯޓެއް ނުވަތަ ސަފާރީއެއްގައި މަސައްކަތް ކުރި މުވައްޒަފެއްގެ ފަރާތުން ބަލި ފެތުރުނީ އެވެ. އާންމު އުސޫލުގެ ދަށުން އެންމެ ފަހު ފަތުރުވެރިޔާ ފައިބާތާ 14 ދުވަސް ފަހުން ރިސޯޓުތަކުންނާއި ސަފާރީތަކުން މީހުންނަށް ފޭބޭނެއެވެ. އެންމެ ފަހު ފަތުރިވެރިޔާ ފޭބިތާ 14 ދުވަސް ހަމަވެފައިވާ ރިސޯޓް އަދި ސަފާރީތަކުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ފައިބައިފައެވެ. އެމީހުންވަނީ މާލެއަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސްފައެވެ. އެގޮތަށް ފައިބާ މީހުން ބައްޔަށް ޓެސްޓެއް ނުކުރެ އެވެ. އެހެންކަމުން އެފަދަ މީހެއްގެ ގައިގައި ވައިރަސް ހުރެ، އަލާމާތް ނުފެންނަ މީހެއްގެ ފަރާތުން މުޖުތަމައުގެ ތެރެއަށް ވައިރަސް ފެތުރުނީ އެވެ.

އެހެން ސިނާރިއޯއަކީ، ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ހުރި މީހެއްގެ ޓެސްޓްގެ ނަތީޖާ ނެގެޓިވްވި ނަމަވެސް އޭނާގެ ހަށިގަނޑުގައި ވައިރަސް ހުރުމެވެ. ސިއްހީ މާހިރުން ވަނީ ޓެސްޓަށް ނަގާ ސާމްޕަލް އެއްވެސް ހާލަތެއްގައި 100 ޕަސެންޓް ދިމާ ނުވާނެ ކަމަށް އިއްތިފާގު ވެފަ އެވެ. އެހެން ކަމުން މިގޮތަށް ވައިރަސް ހަށިގަނޑުގައި ހުރެ ނެގެޓިވްވާ މީހާ ކަރަންޓީނު ފެސިލިޓީން ދޫވުމުން ރަށު ތެރެއަށް އޭނާގެ ފަރާތުން ބަލި ފެތުރުނީ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ރާއްޖޭގައި ބޭނުން ކުރަނީ 95 އިންސައްތަ އެކުއުރެސީ ޓެސްޓެއް ކަމަށެވެ. އެހެންކަމުން ޓެސްޓުން ބަލި ޖެހުނު ކަމަށް ނުދެއްކިނަމަވެސް ފަހަރުގައި އެ މީހެއްގެ ގައިގައި ބަލި ހުރުން އެކަށީގެންވެއެވެ.

މީގެ އިތުރުންވެސް ލަފާކުރުންތަކެއް އެބަހުއްޓެވެ. ފަހަރުގައި ބައްޔަށް ޕޮޒިޓިވް ވި މީހުންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވާ ޑޮކްޓަރެއްގެ ކިބައިންވެސް ބަލި ފެތުރުންވެސް އެކަށީގެންވެއެވެ. އެއީ ކޮވިޑް 19އަކީ އެއްވެސް އަލާމާތެއް ނުފެނި އަދި ބަލި ޖެހިފައިހުރިކަން ނުވެސް އެނގިމެ ރަނގަޅުވާ ބައްޔަކަށްވެސް ވުމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހޭ 80 އިންސައްތަ މީހުންގެ ފަރާތުން ފެންނާނީ ވަރަށް ކުދިކުދި އަލާމާތްތަކެކެވެ. އެހެން ކަމުން ސިއްހީ ހިދުމަތްތެރިޔަކަށް ބަލި ޖެހި އޭނާގެ ހަށިގަނޑުން އަލާމާތް ނުފެނި ހުރުން ނުވަތަ އޭނާ އެބަލީން އަމިއްލައަށް ރަނގަޅުވެފައިވީ ނަމަވެސް، އޭނާގެ ފުށުން އެހެން ބަޔަކަށް ބަލީގެ ވައިރަސް އަރާފައި ހުރުމަކީ ވެދާނެ ކަމެކެވެ.

ރާއްޖެއިން ފުރިފަހުން ޕޮޒިޓވް ވީކަން އެނގުނު ދެ ފަތުރުވެރިޔެއްގެ ވާހަކަވެސް އެއީ ސިނާރިއޯއެއް ކަމަށް ބައެއް ދިރާސާވެރީން ދެކެއެވެ. އެއީ އެމީހާ ފުރަން ގޮސް އެއާޕޯޓުގައި އުޅުނު އިރު ބައްދަލުވި މީހެއްގެ ހަށިގަނޑަށް ވައިރަސް ވާސިލުވުމެވެ. އެއީ އެ ފަތުރުވެރީން ރާއްޖޭން ފުރި އިރު އެމީހުންގެ ގައިގައި ބަލި ހުރިކަން ވަނީ ދެނެގަނެވިފަ އެވެ. ނަތީޖާ ލިބުނީ އެމީހުން ފްލައިޓުގައި ތިއްބަ އެވެ. މި ސިނާރިއޯގެ ވާހަކަ ފާހަގަކުރާ އިރު، މާލޭން ކޮވިޑު ޖެހުނު މީހުންގެ ތެރޭގައި އެއާޕޯޓުގައި އުޅޭ މީހުން ހިމެނޭކަން ވަނީ ޔަގީންވެފަ އެވެ.

މިހާތަނަށް ބަލި ފެނިފައިވާ ގޮތަށް ބަލާ އިރު، ބަލި ޖެހުނު މީހުން ތެރޭގައި ރާއްޖޭން ބޭރަށް ނުދާ މީހުންނާއި، ބޭންކެއްގައި ވަޒީފާ އަދާ ކުރާ މީހަކާއި އޭސީ މަސައްކަތް ކުރާ ތަނެއްގައި މަސައްކތް ކުރާ މީހަކާއި މާލޭގެ ހޯލްސޭލް ވިޔަފާރިކުރާ ފިހާރައެއްގައި އުޅޭ މުވައްޒަފުން ވެސް ހިމެނެ އެވެ. ރާއްޖޭގެ ރިސޯޓު ތަކާއި ސަފާރީތައް ލޮކްޑައުންކޮށްގެން ކަރަންޓީނުކޮށްގެން މާލޭ ސިޓީ ހިމާޔަތްކޮށްގެން ގެންގުޅުނު ގޮތަށް ބަލާއިރު، މި ބަލި މާލެ ތެރެޔަށް ވާސިލުވި ގޮތް މިއޮތީ ސުވާލަކަށް ވެފަ އެވެ.

މި ހުރިހާ ސިނާރިއޯތަކަކީ ހުސް ލަފާކުރުންތަކެވެ. ޕޭޝެންޓް 0 އަކީ ކޮބައިކަން ޔަގީނާ ގާތަށް ބުނާކަށް ނޭނގޭއެވެ. ޕޭޝަންޓް 0 އަކީ ކޮބައިކަމާ މެދު އުފައްދާ ސުވާލުތަކަށް ކިރިޔާވެސް ޖަވާބެއް ލިބޭނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުންނެވެ. ނަމަވެސް ކަށަވަރުވާ އެއް ކަމެއް އެބައޮތެވެ. އެއީ މިހާރު މި ބަލި މުޖުތަމައުގެ ތެރޭގައި އުޅޭކަމެކެވެ. އުޅެނީ ކިހާ ވަރަކަށްކަން އެނގޭނީ ޓެސްޓުތައް ހެދެމުން އަންނަ މިންވަރަކުންނެވެ.

ގަބޫލުކުރާން ޖެހޭ ހަގީގަތަކީ ކޮވިޑަކީ އޭގެ އަލާމާތް އެއްވެސް މިންވަރަކަށް ނެތި ވެސް ހަށިގަނޑުގައި ބަލި ހުރެ ފެތުރެމުން ހިނގައިދާނެ ބައްޔެއް ކަމެވެ. ޓެސްޓުން ވެސް ނުދައްކާ ހާލަތު އަންނަ ކަމެވެ. ރާއްޖެ އަންނަ އެންމެން ކަރަންޓީނު ކުރުމުގެ ކުރީން ވެސް، އަދި ދުނިޔެއިން ކޮވިޑު ފެނުނު ހިސާބުން މީގެ ދެތިން މަސް ކުރީން ވެސް މި ބަލި މާލެ ތެރެއަށް އައިސްފައި އޮތުމަކީ ފުރުސަތު ނެތް ކަމެއް ނޫނެވެ. ބަލި ޖެހި އެތައް ބަޔަކު ރަނގަޅުވެފައި ތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. މާލޭގެ އާބާދީގެ ބޮޑު ބަޔަކީ ހަރަކާތްތެރި، ޒުވާން އާބާދީއަކަށް ވުމުން، އަދި ރޯގާއަކީ ދިވެހީންގެ މެދުގައި އާންމު އެއްޗަކަށް ވުމުން، މި ފަހުން ނޫނީ އެއީ ކޮވިޑުގެ އަލާމާތެއް ކަމަށް ބަލައި ޑޮކްޓަރަކަށް ވެސް ގޮސްފައެއް ނުހުންނާނެ އެވެ. މި ހުރިހާ ކަމަކަށް ބަލާ އިރު މި ބަލި މާލެތެރެޔަށް އައުމަކީ، ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ހައިރާން ވާން ޖެހޭ ކަމެއް ވެސް ނޫނެވެ. އެކަމަކު މާލޭގެ ނުރައްކަލީ ތޮއް ޖެހިފައިވާ އާބާދީ އާއި ބަލި ޖެހޭ ކުރިތަކުގެ ފުރަތަމަ މީހާ ނުވަތަ ޕޭޝަންޓް ޒީރޯ ނުހޯދޭތީ، ކޮންޓްރޯލުކުރަން އުނދަގޫ ވުމެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ކޮންމެ މީހަކީވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް މީހެއްކަމެވެ. މާލޭގައި ދިރުއުޅޭ މީހުން އެކަންޏެއް ނޫނެވެ. އަތޮޅުތެރޭގައި ދިރިއުޅޭ މީހުންވެސް މެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެއެވެ. އެންމެ މުހިންމު ފިޔަވަޅަކީ އެކުވެރިކަމާއި އެއްބާރުލުމެވެ. ބަސް އަހައިގެން ގޭގައި ތިބުމެވެ. އެންމެ ރައްކާތެރިގޮތަކީ އެއީ އެވެ.