ރާއްޖެ ބައިވެރިވާ ބޭރުގެ ކުޅިވަރު މުބާރާތްތަކުގައި ގައުމީ ޖޯޒީގައި ކުޅޭ ކޮންމެ ކުޅުންތެރިއަކަށް އަންނަ އަހަރުން ފެށިގެން 5000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަހުމަދު މަޚުލޫފު ވިދާޅުވީ ބޭރުގެ ކުޅިވަރުތަކުގައި ގައުމީ ޖޯޒީގައި ބައިވެރިވާ ކޮންމެ ފަރާތަކަށް އަންނަ އަހަރުން ފެށިގެން އެލަންވަންސް ދިނުމަށް ނިންމާފައިވާނެ ކަމަށެވެ.
އަދި ރާއްޖޭގެ އަންހެން ގައުމީ ޓީމާއި، ފިރިހެން ގައުމީ ޓީމަށް ދެމުންދާ އެލަވަންްސްގެ ތަފާތުތައް ނައްތާލައްވާނެ ކަމަށް ވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 75 އިންސައްތައަކީ ޒުވާނުން ކަމަށާއި، ޒުވާނުންނަށް ފައިދާހުރި ހަރަކާތްތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ރަށްރަށުގައި ހަދަން ފަށާފައި ހުރި ފުޓްސަލް ދަނޑުތައް ނިންމުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، ފުޓްސަލް ދަނޑުތައް ގިނަ ކުރުމުގެ ސަބަބުން ފުޓްބޯޅައަށް ހީނަރުކަން އައިސްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެކި ފަރާތްތަކާއެކު މިހާތަނަށް 70 އަށް ވުރެ ގިނަ ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.