ޑިއުޓީގައި އުޅޭ ފުލުހުން ގެޔަށް ނުގޮސް ވަކިތަނެއްގައި ތިބޭގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އެސިސްޓަންޓު ކޮމިޝަނާ އިސްމާއީލް ނަވީން މިއަދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އާއިލާތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނަވީން ވިދާޅުވީ ޑިއުޓީގައި އުޅޭ ފުލުހުން ގެއަށް ނުގޮސް މަޑުކުރާނެ ތަނެއް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި އެ އިންތިޒާމު ހަމަޖެހުމުން، މި ހާލަތު ނިމެންދެން ޑިއުޓީގައި އުޅޭ ހުރިހާ ފުލުހުން މަޑު ކުރާނީ އެތަނުގައި ކަމަށް ނަވީން ވިދާޅުވިއެވެ.
ފުލުހުން އަމަލު ކުރާނީ ވަކި އުސޫލުތަކެއްގެ ތެރެއިންކަން ވެސް ނަވީން ފާހަގަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ މާލެ ސިޓީ 24 ގަޑިއިރުގެ ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން ފުލުހުން އަމަލު ކުރާގޮތް އާންމުންނަށް އެންގުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ. މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ މާލެއިން ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.