މާލެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުން ވެސް އެހެން ގޮތެއް އޮތް ނަމަ އެ ދަތުރުގެ މިސްރާބު އެހެން ގޮތަކަށް ބަދަލު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
މާލެ 24 ގަޑިއިރުގެ ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ކޮންމެހެން މާލެ އަންނަން ނުޖެހޭނަމަ ދަތުރުތައް އެހެން މަންޒިލަކަށް އަނބުރާލުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް، މާލެއިން ވިލިނގިއްޔަށް، ވިލިނގިލިން މާލެއަށް އަދި މާލެ އިން ތިލަފުއްޓަށް ދަތުރުކުރާ މީހުންނަށް އެ ހިދުމަތްތައް ހަމަޖައްސަދޭނެ ކަމަށް ނަވީން ވިދާޅުވިއެވެ. އެގޮތުން މިފަދައިން ދަތުރުކުރަން ބޭނުންވާ މީހުން ގުޅުމުން ފެރީ އޮންނަ ގަޑިއަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ނަވީން ވިދާޅުވިއެވެ.
މިފަދަ މައުލޫމާތު ހިއްސާ ކުރުމަށް ގުޅާނެ ނަންބަރު ޓުވިޓާ މެދުވެރިކޮށް އާންމު ކުރާނެ ކަމަށް ނަވީން ވިދާޅުވިއެވެ.
އޭގެ އިތުރުން މީގެ ކުރިން ކާފިއު ވަގުތުތަކުގައި ދަތުރު ކުރުމުގެ ހުއްދަ ބައެއް ޓެކްސީތަކަށް ދީފައިވާކަން ނަވީން ފާހަގަކުރެއްވިއެވެ. އަދި މި ޓެކްސީތަކަށް ލޮކްޑައުންގެ ހާލަތުގައި ދަތުރުކުރެވޭނެ ކަމަށާއި ކްލިނިކްތަކާއި، ހޮސްޕިޓާތަކަށް ދަތުރު ކުރާއިރު މި ހިދުމަތްތައް ބޭނުން ކުރުމަށް ނަވީން އިލްތިމާސްކުރިއެވެ.
ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ ޔުނިފޯމް ޑިއުޓީ އަދާ ކުރާ މީހުންނަށް ލޮކްޑައުންގެ ވަގުތުތަކުގައި ޑިއުޓީއަށް ދަތުރު ކުރާ މީހުންގެ މައުލޫމާތުތައް ހޯދުމަށްފަހު ބޭނުންވާ ހުއްދަތައް ހަމަޖައްސާނެ ކަމަށް ނަވީން ވިދާޅުވިއެވެ.