ޕޮލިސް

ކުރިން ދީފައިވާ ޑެލިވަރީ ފާސްތައް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދެވޭނެ، އިތުރު ފާހަށް އެދެވޭނެ: ފުލުހުން

މަރިޔަމް ޝަހުދާ

ކުރިން ދީފައިވާ ޑެލިވަރީ ފާސްތައް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި އިތުރު ފާހަށް ވެސް އެދެވޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ 24 ގައިއިރަށް ލޮކްޑައުން ކުރުމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ މިރޭ 7:00 އިން މެންދަމު 12:00 އަށް ޑެލިވަރީ ކުރާ ތަންތަނަށް އެ ހިދުމަތް ދިނުމަށް ހުއްދަ ދޭނެ ކަމަށެވެ. އަދި މިރޭ މި ހިދުމަތް ދެވޭނީ ކުރިން ފާސް ދޫކޮށްފައިވާ ތަންތަނަށް، އެ ފާސްތައް ބޭނުންކޮށްގެން ކަމަށް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން އިތުރު ފާސް ދޫކުރާނީ މިރޭގެ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ނަވީން ވިދާޅުވިއެވެ. ނަވީން ވިދާޅުވީ މާދަމާ ހެނދުނުގެ ވަގުތެއްގައި ޑެލިވަރީ ސާވިސްތަކަށް އިތުރު ފާހަށް އެދުމަށް ވަކި އުސޫލެއްގެ ދަށުން ހުޅުވާލާނެ ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަންނަން ދިއުމަށް ފުލުހުންނަށް ގުޅޭނެ ހާއްސަ ނަންބަރުތަކެއް މިރޭ އާންމު ކުރާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ އެ ނަންބަރަށް ގުޅުމަށްފަހު އެމީހަކު ދާ ތަނަކާއި، އެތަނަކަށް ދާ ސަބަބު ބަޔާން ކުރުމަށްފަހު ދެވޭނެ ކަމަށެވެ. އަދި މިހެން މަގުމައްޗަށް ނުކުންނަ ފަރާތްތަކުގެ އަތުގައި އައިޑީ ކާޑު އޮންނަން ޖެހޭނެ ކަމަށް ނަވީން ވިދާޅުވިއެވެ.

ފެނާއި ގޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ޑެލިވާ ކުރުމުގައިވެސް ވަކި އުސޫލުތަލެއްގެ ދަށުން ހުއްދަ ދޭނެ ކަމަށް ނަވީން ވިދާޅުވިއެވެ.

މާލެ ސިޓީގައި 24 ގަޑިއިރުގެ ލޮކްޑައުނެއް މިއަދު އިއުލާނު ކުރީ ޓްރެވަލް ހިސްޓްރީއެއް ނެތް ދިވެއްސަކު މާލެއިން ކޮވިޑް 19އަށް ޕޮސިޓިވްވުމާ ގުޅިގެންނެވެ.