ޕެޓްރޯލާއި ޑީސަލް 24 ގަޑި އިރު ވިއްކޭ ގޮތަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި ބަދަލު ގަވައިދަށް ގެނެސް މިއަދުން ފެށިގެން ތަންފީޒުކުރަން ނިންމައި ސަރުކާރުގެ ގެޒެޓުގައި ހިމަނައިފަ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ ޚިދުމަތްތައް ފަސޭހަކޮށް ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވާ ކަންކަމަށް އިސްކަން ދެއްވައިގެން ބަދަލުތައް ގެންނަވަން ނިންމަވައިފައިވާ ކަމަށެވެ.
"އަންނަ ހަފުތާގެ ތެރޭގައި ވެސް އިތުރު ޚިދުމަތްތައް 24 ގަޑި އިރު ދެވޭ ގޮތަށް ހުޅުވައިލެވޭތޯ ބަލަމުން މި އަންނަނީ. ޕެޓްރޯލާއި ޑީސަލް 24 ގަޑި އިރު ނުލިބޭ މައްސަލަ އަކީ އަޅުގަނޑުމެން ޚިޔާލު ހޯދި އިރު ރައްޔިތުން އެންމެ ހައްލެއް ބޮޑަށް ބޭނުންވި އެއް ކަންތައް." ވިސާމް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ އެސްޓީއޯ އިން "ވަން އޮންލައިން" އަށް ދާދި ދެންމެ ވިދާޅުވީ ތެޔޮ ވިއްކާ ގަޑި ތަކާ ގުޅޭ އާ ޝެޑިއުލްގެ މަސައްކަތް އެ ފަރާތުން ކުރައްވަމުން ގެންދަވާ ކަމަށާއި މިރޭގެ ވަގުތެއްގައި އެ ޝެޑިއުލް އާންމު ކުރެއްވޭވަރު ވާނެ ކަމަށެވެ.