އަމީރު އަހުމަދު މަގުގެ އިސްލާމީ މަރުކަޒު ސަރަހައްދު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާލަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި އަމީރު އަހުމަދު މަގުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބުލްތައް ނެއްޓުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ނިންމުމަށްފަހު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުޅުވާލާނެއެވެ.
މާލޭގެ މަގުތަކުގެ ހާލަތު ބަލައި ހުޅުވައިލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އަލަށް އުފެއްދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާއެވެ.
''ޖަޒީރާ އޮޅުއަށި'' ނަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ރައްޔިތުން ވަނީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެދިފައެވެ.