ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން

މައްސަލަތައް ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ: އެންއައިސީ

މަރިޔަމް ޝަހުދާ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން، (އެންއައިސީ) އަށް ހުށަހަޅަން ބޭނުންވާ މައްސަލަތައް ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ކުރަނީ އެ ވަގުތަކަށް ނެރެން ޖެހޭ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން ކަމަށެވެ. މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

މިހާލަތުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއ ގުޅޭ މައްސަލައެއް ނުވަތަ އެއިން ތަނެއްގެ މުވައްޒަފެއްގެ މައްސަލައެއް އޮތް ނަމަ، ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ފޯނު މެދުވެރިކޮށް މައްސަލަ ހުށަހަޅާނަމަ 7967329 ނުވަތަ 3302582 އަށް ގުޅުމަށް އެކޮމިޝަނުން އެދިފައި ވެއެވެ. އަދި މެއިލް މެދުވެރިކޮށް މައްސަލަ ހުށަހަޅާނީ [email protected] އަށް ކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް އެޗްޕީއޭގެ ލަފައާއި އެއްގޮތަށް ދެމުން އަންނަކަން އަދި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުވާނެހެން މަސައްކަތް ކުރިއަށް ގެންދާކަން އެ ކޮމިޝަނުން ކަށަވަރު ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ހަމަ އެއާއެކު ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ދަށުން ހިންގާ ޖަލުތަކާއި ކަސްޓޯޑިއަލް ސެންޓަރުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ބަލި ފެތުރޭ ހާލަތެއްގައި އަމަލު ކުރާނެ އުސޫލު އެކުލަވާލާފައިވޭތޯވެސް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.