ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެންބަރުން އިހުތިޖާޖުކުރަމުން ދަނިކޮށް ރިޔާސީ ކޮމިޝަންތަކުގެ ބިލު ބަލައިގަންނަން ފާސްކޮށްފި

އަހުމަދު ޖައިޝަން

ހަގީގަތް ނޭނގޭ މަރުތައް ބެލުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހަށް ބަލަިއގަންނަށް ފެނޭތޯ ވޯޓަށް އެހި ވަގުތު މިއަދުވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރައްވަމުން ގެންދެވި އެވެ. މި ބިލަށް ވޯޓަށް ނޭހި އިއްޔެގެ މަޖިލިސް ނިންމައިލީ އިދިކޮޅު މެންބަރުންގެ އިހުތިޖާޖުގެ ސަބަބުންނެވެ.

ބިލު ބަލައިގަންނަން ފާސްކޮށްފައި ވަނީ ރައްޔިތުންގެ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވާފައި ވަނީ ފަސް މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައި ވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލުގައި ބުނެފައިވާގޮތުން ދެ ކޮމިޝަނަށް ވެސް ގިނަ ބާރުތަކަކާއި ހާއްސަ އިމްތިޔާޒުތަކެއް ލިބެއެވެ.

ބިލުގައި ބުނެފައިވާގޮތުން ދެ ކޮމިޝަނަށް ވެސް ލިބޭ ބާރުުތަކުގެ ތެރޭގައި ކޮމިޝަންގެ ގަވާއިދު އެކުލަވާލުމާއި ބަލަމުންދާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ އެހީތެރިކަން ހޯދުމާއި ރާއްޖެއިން ބޭރުން އިންވެސްޓިގޭޓަރުން ގެނައުން ހިމެނެއެވެ. އޭގެއިތުރުން ތަން ތަން ބަލައި ފާސްކޮށް ތަކެތި ހިފެހެއްޓުމާއި މައްސަލައެއް ހިމެނޭ ފަރާތެއްގެ އެކައުންޓް ފްރީޒް ކުރުމާއި ކޯޓު އަމުރަށް އެދުން ފަދަ ބާރުތައްވެސް އެ ކޮމިޝަންތަކަށް ލިބިގެންދާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

އެ ދެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ފާހަގަކޮށްފައެވެ.