އިބްރާހިމް ޒަކީ
މިމަހު 4 ގައި ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު މިހާރު ފަސްކޮށްފައިވާތީ، އެ އިންތިހާބަށް ކުރިމަތިލުމާ ގުޅިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ މީހުންނަށް އަވަސް ހައްލެއް ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
މމަހު 4 ގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު ކޮވިޑް 19 އާ ގުޅިގެން މިމަހު 18 އަށް ފަސްކުރުމަށްފަހު، އަދިވެސް ކޮވިޑް 19 ގެ ހާލަތު ރަނގަޅު ވެފައިނުވާތީ އެ މުއްދަތުގައިވެސް ބޭއްވެން ނެތުމާއެކު، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވެން ނެތް ކަމަށް ކަނޑައަޅައި އެކޮމިޝަނުން އިއްޔެ ވަނީ އެކަން އިއުލާންކޮށްފިއެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަކުރަމް، މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ލޯކަލް ކައުންސިލް އިންތިހާބު ފަސްވުމާއެކު، އިންތިހާބަށް ކުރިމަތިލުމާ ގުޅިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށް އަވަސް ހައްލެއް ބޭނުންވޭ، އެހެންނޫނީ އެފަރާތްތަކަށް ވަރަށްބޮޑު ގެއްލުމެއް އެލިބެނީ،" ކަމަށެވެ.
އަކުރަމް އިޝާރާތް ކުރައްވާފައިވަނީ، އިންތިހާބަށް ކުރިމަތިލައިގެން ގާނޫނީގޮތުން ސަސްޕެންޑް ކޮށްފައިވާ ސިވިލްސާވަންޓުންނަށެވެ.
އަކުރަމް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް 19އާ ގުޅިގެން މިމަހުގެ 18 އަށް ފަސްކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 6 އާ ހަމައަށް ފަސްކުރަން ހުށަހަޅާފައިވާ ހާއްސަ ބިލް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގެ ނަމުުގައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އެބިލުގައިވާގޮތުން އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބިލަށް އަމަލުކުރަން ފެށުމާއެކު ބާތިލުވާނެއެވެ.
އެމީހުންގެ ސަސްޕެންޝަން ބާތިލުވުމާއެކު ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއާވާނެ ކަމަށާއި ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕޭންގެ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ނަމަވެސް ވަކި ދާއިރާއަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އޮޓަމެޓިކުން އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ މި ބިލުން ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެންބަރުންނާއެކުގައި ކަމަށް ވެސް ބިލުގައިވެއެވެ.