ކޮވިޑު 19 މުޅި ދުނިޔެއަށް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު ދެ މިލިއަނާ ކައިރިވެފައި ވާއިރު، މި ވަބާއިން ދުނިޔެ ސަލާމަތް ކުރުމުގެ މަސައްކަތަށް ދުނިޔޭގެ ކުދި ބޮޑު އެންމެން އަންނަނީ ރެޔާއި ދުވާލު ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ. މި ކަމުގައި ފަގީރެއް މުއްސަންޖެއް ނެތެވެ. އެމީހަކަށް ވެވުނު ވަރަކުން އެންމެންވެސް އަންނަނީ އެމީހެއްގެ ދައުރު އަދާކުރަމުންނެވެ.
ކޮވިޑު ފެތުރުން ކުޑަކުރުމަށް ސިއްހީ މާހިރުން އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ އިޖުތިމާއީ ގައިދުރުކަމާއި ގެއިން ބޭރުގައި ނޫޅުމަށް ބާރު އެޅުމެވެ. ވަރަށް މުހިންމު ޒަރޫރީ ހާލަތެއް މެދުވެރިވެގެން މެނުވީ ގެއިން ބޭރަށް ނުދިޔުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އެވަރުންވެސް އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުވާތީ، އަދި ބަލި ފެތުރުން ކޮންޓްރޯލު ނުވެދާނެ ކަމަށް ބަލައި، ބައެއް ގައުތަކުގައި ވަނީ ރައްޔިތުންނަށް ގޭގައި ތިބުން މަޖުބޫރުވެސް ކޮށްފަ އެވެ.
މީހުން ބޭރުގައި އުޅުން މަނާކޮށް، އެކި މިންގަނޑުގައި ކާފިއު އިއުލާނުކޮށްފައިވާ ގައުމުތަކާއި ލޮކްޑައުންކޮށްފައިވާ ގައުމުތައް ވެސް ގިނަ އެވެ. ބަލި ކޮންޓްރޯލުކޮށް ދުނިޔެ މި ވަބާއިން ސަލާމަތްކުރުމަށް އޮތް އެންމެ ކާމިޔާބު މޮޑެލަކީ ގޭގައި ތިބުން ކަމަށްވާއިރު، އެކި ފަންނު ތަކުގެ މީހުން، އެކި ގިންތިތަކުގެ މީހުން މި ހޭލުންތެރިކަމުގެ ހަރަކާތް ހިންގަނީ އަދި އެ ހަރަކާތުގައި ބައިވެރިވަނީ އެކި ގޮތަށެވެ.
މި ފަހަރު މިއޮތީ ވެސް މިކަމުގައި ފާހަގަކޮށްލެވޭ ތަފާތު ވާހަކަ އެވެ. ދުނިޔޭގައި އިސްކޮޅުން އެންމެ ކުރު އަންހެނާ ވެސް މި ވަނީ ކޮވިޑަށް ހޭލުންތެރިކުރުވުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޖްޔޯތީ އެމްގޭ އެ ގައުމުގެ ރައްޔިތުން ކޮވިޑަށް ހޭލުންތެރިކުރުވުމަށް ނުކުތީ ނާގްޕޫރްގެ ފުލުހުންނާ އެކުގަ އެވެ.
ފެހި ކުލައިގެ މާސްކެއް އަޅައިގެން، ފުލުހުންގެ ޖިޕުގެ ބޮނެޓު މަތީގައި ހުރެ ޖްޔޯތީ ވަނީ ކޮވިޑުން އިންޑިއާ ސަލާމަތް ކުރުމަށް ރައްޔިތުން ގޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ. ބައެއް ވަގުތުތަކުގައި ޖްޔޯތީ ހުންނަނީ ސެލިޔުޓްވެސް ނަގައިގެންނެވެ.
ޖްޔޯތީގެ މި ހަރަކާތް ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް، އިންޑިއާގެ ސޯޝައަލް މީޑިއާގައި އާންމުވެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީއަށްވެސް އަރައިފަ އެވެ.
އިންޑިއާގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 10،000 އަށް އަރާފައިވާ އިރު، މަރުވި މީހުންގެ އަދަދު ވަނީ 400 އަށް އަރަން ކައިރި ވެފަ އެވެ. އެގައުމުގައި ކުރީން، މިއަދުގެ ނިޔަލަށް އޮތް ލޮކްޑައުންގެ މުއްދަތުވެސް ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފަ އެވެ.