އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ނާޅައިފިނަމަ، 50 ދުވަހުގެ ތެރޭގައި 8،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހޭނެ ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްފަހު، އަލުން މަޖިިލިސް ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ކުރިއަށްގެންދިއުމާ ބެހޭގޮތުން، ސިޔާސީ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާއެކު، މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮވިޑް 19 ގެ ހާލަތާބެހޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތައްޔާރު ކޮށްފައިވާ، ދިރާސާ ރިޕޯޓަށް ހަވާލާ ދެއްވައި މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 އިން ރައްކާތެރިވުމަށް މިހާރު ގައިދުރުވުންފަދަ ފިޔަވަޅުތައް އަޅާފައިވި ނަމަވެސް އެބަލި ޖެހޭ މީހުންގެ އަދަދު މަދު ނުވާނެ ކަމަށާއި، ހަމަ އެ އަދަދު 8000 އަށްވުރެ މައްޗަށް އަރާނެ ކަމަށެވެ.
ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްފަހަރާ ބަލިޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށް މަޖިިސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ފިޔަވަޅުތަކާއެކު ބަލި ޖެހޭ މީހުންގެ އަދަދު އެހިސާބަށް އަރާނެ ކަމަށް ދިރާސާއިން ދައްކަނީ 210 ދުވަސް ތެރޭގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފިޔަވަޅުތައް އަޅަނީ އެއްފަހަރާ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމުން، ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ހޮސްޕިޓާތަކާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މުއްދަތު ހޯދުމަށް ކަމަށެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، މިކަމަށް ތައްޔާރުވުމަށް ބޭނުންވަނީ 247 އައިސީޔޫ އެނދު ކަމަށާއި، އެއަދަދަށް އެނދު އެބަހުރި ކަމަށެވެ. ނަމަވެސް ބައެއް އެނދު ހުރީ ދުރު ރަށްރަށުގައި ކަމުން، މާލޭ ކައިރީގައި މިހާރު ހުރި 235 އެނދަށްވުރެ އިތުރަށް 33 އެނދު ބޭނުންވާ ކަމަށެވެ. އަދި އެކަމަށް 740 ހޮސްޕިޓާ އެނދު ބޭނުންވާ ކަމަށާއި، 687 ހޮސްޕިޓާ އެނދު އެބަހުރި ކަމަށެވެ. އަދި މިކަމަށް ބޭނުންވަނީ 197 ވެންޓިލޭޓަރު ކަމަށާއި، 45 ވެންޓިލޭޓަރު އެބަހުރި ކަމަށާއި އިތުރަށް 152 ވެންޓިލޭޓަރު ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސުވާލަކީ މަޖިލިސް ބަންދުކުރީމާ މިކަން ވޭހޭ؟" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް އެބަލި ރާއްޖޭން 2000 މީހުންނަށް ޖެހި، އޭގެ ތެރެއިން ދިހަ ޕަސެންޓް، ނުވަތަ ފަސްޕަސެންޓް މީހުން ނުރައްކާތެރި ހާލަތަކަށްދާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.