ކުޅިވަރު

ސަޕޯޓަރުން ނުވައްދައި ޖޫން ނުވަތަ ޖުލައިގައި ޕްރިމިއާ ލީގު ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަނީ

އައިދާ އަބްދުލް ހަކީމް

މިހާރު ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ހަމައެކަނި ޓީވީ އިވެންޓެއްގެ ގޮތުގައި ވެމްބްލީ ސްޓޭޑިއަމްގައި ޖޫން ނުވަތަ ޖުލައިގައި ކުރިޔަށް ގެންދިއުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެފްއޭއިން މަޝްވަރާ ކުރަމުން އަންނަނީ ޖޫން ހައެއްގައި ސީޒަން ފެށުމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ލީގު ނިންމާލުމަށެވެ.

ޕްރިމިއާ ލީގުގެ ޗެއާމަންއާއި ގުޅުންހުރި ފަރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަޝްވަރާކުރަމުން އަންނަނީ އަވަހަށް ސީޒަން ނިންމާލުމަށް ދުވާލަކު ހަތަރު މެޗު ކުޅޭގޮތަށެވެ. އަދި އިނގިރޭސި އެފްއޭއިން ވިސްނަނީ އެއްވެސް ސަޕޯޓަރަކު އެއްވެސް މެޗަކަށް ނުވައްދާ ކުރިޔަށް ގެންދިއުމަށެވެ.

ޕްރިމިއާ ލީގު އަލުން ފެށުމުގެ މަޝްވަރާތައް ކުރަމުން އަންނަ އިރު މިވަގުތު ޕްރިމިއާ ލީގު އޮތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. މި ދަނޑިވަޅުގައި ސަޕޯޓަރުން ނުވައްދައި ވިޔަސް ސީޒަން ނިންމާލުމަށް މަގެއް ފެނޭތޯ އިނގިރޭސި އެފްއޭއިން އަންނަނީ މަސައްކަތަކެއް ކުރަމުންނެވެ.

ޕްރިމިއާ ލީގު ނުބޭއްވި ދިގުލައިގެން ދިއުމާއި ގުޅިގެން ގިނަ ކްލަބުތަކަށް މާލީ ގެއްލުތަކެއް ކުރިމަތިވަމުން ދިއުމާއި ގުޅިގެން ކުޅުންތެރިންގެ މުސާރައިންވެސް 30 އިންސައްތަ އުނިކުރަން ކްލަބުތަކަށް ބާރު އަޅަމުންދާއިރު، މިވަގުތު މުސާރަ ކުޑަކޮށްފައިވަނީ ސައުތެމްޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑުން ނެވެ.