އައިވަރީކޯސްޓްގެ އިތުރުން ޗެލްސީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިޑިއޭ ޑްރޮގްބާ އޭނާގެ ހޮސްޕިޓަލް ކޮވިޑް 19 އަށް ފަރުވާދިނުމުގެ ކަންކަމުގައި ބޭނުން ކުރުމަށް އެގައުމުގެ ސަރުކާރަށް ދޭން ނިންމައިފިއެވެ.
ޑްރޮގްބާގެ އަމިއްލަ ހޮސްޕިޓާ، ލޯރެންޓް ޕޯކޯ ހޮސްޕިޓަލަކީ އައިވަރީކޯސްޓްގެ އަބިޖާން ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެކެވެ.
ކޮވިޑް 19 އާއި ގުޅިގެން އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ދިނުމަށް ޑްރޮގްބާ ބޭނުންވަނީ އެ ހޮސްޕިޓާ ސަރުކާރާ ހަވާލުކުރާށެވެ. އައިވަރީ ކޯސްޓްގެ އަބިޑްޖާންގެ ރީޖަނަލް ކައުންސިލްގެ ރައީސް ވަނީ މިކަމުން ޑްރޮގްބާގެ ހިތުގައި ގައުމާމެދު އޮތް ލޯބި ހާމަވާކަން ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
މިވަގުތު މަރާމާތު ކުރަމުން އަންނަ މި ހޮސްޕިޓަލަކީ މިއަހަރުގެ ފަހުކޮޅު ހުޅުވަން ނިންމާފައި އޮތް ހޮސްޕިޓަލެއް ނަމަވެސް ޑްރޮގްބާ ފައުންޑޭޝަނުން ބުނީ މި ހޮސްޕިޓާ ސަރުކާރަށް ދިނީ އެއްވެސް ބަދަލެއް ދޭ ގޮތަށް ނޫން ކަމަށާއި، ސަރުކާރުން ބޭނުންވާ މުއްދަތެއްގައި ހޮސްޕިޓާ ބޭނުން ކުރުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލި ޑްރޮގްބާ އަކީ އައިވަރީ ކޯސްޓްގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓްގެ ކުރީގައި ހިމެނޭ މީހެކެވެ. މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އަށް އައިވަރީ ކޯސްޓުން ވެސް ވަނީ 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.