އިންޑިއާ

އިންޑިއާގައި ލޮކްޑައުންގެ މުއްދަތު އަންނަމަހު ތިނަކާއި ހަމައަށް އިތުރުކޮށްފި

މިންހާ ފާއިޒް ރަޝާދު

ކޮވިޑް 19 ވަބާ ކޮންޓްރޯލް ކުރުމަށް މުޅި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަންނަ މަހު ތިނަކާއި ހަމައަށް އިތުރުކޮށްފިއެވެ.

އެކަން އިއުލާނު ކުރެއްވީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު ޓިވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އިންޑިއާއިން އެބަލި ފުރަތަމަ ފެނުނު ބޮޑެތި ސިޓީތަކުން ކުދި އަވަށްތަކަށް ބަލި ފެތުރެމުންދާ ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެފައި ވާތީއެވެ. މިއީ މުޅި ދުނިޔޭގައިވެސް ކޮވިޑް19 އާ ގުޅިގެން އިއުލާނުކުރި އެންމެ ބޮޑު ލޮކްޑައުނެވެ.

އެ ލޮކްޑައުނުގެ މުއްދަތު މިއަދަށް ހަމަވާއިރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ހޮނިހިރު ދުވަހު ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރައްވަން މޯދީ ނިންމަވާފައިވާކަން ޓުވީޓު ކުރައްވާފައެވެ.

1.3 ބިލިއަން މީހުނާއެކު އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރި އިރު އެކަމުގެ ސަބަބުން އިގްތިސޯދަށާއި އެގައުމުގެ ފަގީރުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

"އިގްތިސާދީ ގޮތުން މިއީ އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް. ނަމަވެސް ގައުމުގެ ރައްޔިތުންގެ ފުރާނައިގެ އަގު އެއަށްވުރެ މާބޮޑު" މޯދީ ވިދާޅުވިއެވެ.

ވެރިކަން ކުރާ ސިޓީ، ނިއުދިއްލީ އާއި ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ އަދި އުއްތަރު ޕްރަދޭޝް ހިމެނޭގޮތަށް ޒަރޫރީ ބޭނުމުގައި ގެއިން ބޭރަށް ނުކުންނައިރު މާސްކު އަޅަން ޖެހޭގޮތަށް އެގައުމުގައި މިމަހު 8 ވަނަ ދުވަހުން ފެށިގެން ވަނީ ލާޒިމުކޮށްފައެވެ.

އިންޑިއާއިން މިހާތަނަށް 10500 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހިފައިވާއިރު އެބަލީގައި އެގައުމުން 350 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.