އިބްރާހިމް ޒަކީ
މުޅި ދުނިޔޭގައި ނުރައްކާތެރިކަމާއި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރޭޑެއް ރާއްޖޭގައި އަދި ނެތް ކަމުގެ ޔަގީންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްފަހު، އަލުން މަޖިިލިސް ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ކުރިއަށްގެންދިއުމާ ބެހޭގޮތުން، ސިޔާސީ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާއެކު، ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑް 19 ގެ މިހާލަތުގައިވެސް މަޖިލީހުގެ މަސައްކަތް ކުރތިއަށްދާންޖެހޭ ކަމަށެވެ.
އަދި ގާނޫނުހެދުމާއި، ސަރުކާރުން ކުރާ ކަންތައްތައް ޖަވާބުދާރީ ކުރުމުގެ އިތުރުންވެސް އިތުރު މަސްއޫލިއްޔަތުތައް ރައްޔިތުންގެ މަޖިލީހަށް އޮންނަ ކަމަށާއި، އެއިން އެއްވެސް މަސްއޫލިއްޔަތެއް ދޫކޮށްލެވޭނީ މަޖިލިސް ހިންގުން ހުއްޓާލުމުން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 ގެ ކަންކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނަށް އެހީވުމަކީ ފާޑު ނުބުނެ ތިބުން ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ހާއްސަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުން ހުއްޓާލައިގެން މަޖިލީހަށް ނޯވެވޭނެކަަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ސުންގަޑިހަމަވާ މުހިއްމު މަސައްކަތްތަކެއް މިހާރުވެސް މަޖިލީހުގަިއ ހުރިކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މިމަހުގެ ނިޔަލަށް މުއްދަތު ހަމަވާ އާއްމު ގަވާއިދުތަކުގެ ގާނޫނުގެ މުއްދަތު އިތުރު ކުރުމާއި، ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ހުށަހަޅާފައިވާ ގާނޫނަކީ މިހާރުން މިހާރަށް މަޖިލީހުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
އޮންލައިންކޮށް މިދިޔަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމަށްފަހު، އިއްޔެގެ ޖަލްސާއަށްވެސް ބިލެއް އެޖެންޑާ ކުރުމަށްފަހު އެ ޖަލްސާއާއެކު މަޖިލީހުގެ ޖަލްސާތައް އަނެއްކާ މެދު ކަނޑުއްވާލެއްވުމަށްފަހު، އަނެއްކާ މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމާމެދު މިއަދު މަޝްވަރާތައް ބޭއްވުމުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދަވައިފައެވެ.