ރައްޔިތުންގެ މަޖިލިސް

ގަވައިދުތަކަށް ބެލެނިވެރިކަންދޭ، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްފި

އިބްރާހިމް ޒަކީ

މިހާރުގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އަށް މަހަށް އިތުރުކޮށް އެ ގާނޫނުތައް މިއަހަރުގެ ނިޔަލަށް ހަދައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމިޓީން މިގޮތަށް ފާސްކުރީ، އެންމެފަހުން މިގާނޫނުގެ މުއްދަތުއިތުރު ކުރަންފާސްކޮށްފައިވާ މުއްދަތު މި އޭޕްރީލް މަހުގެ ނިޔަލަށް ހަމަވާއިރުވެސް އެ ހުރިހާ ގާނުނެއް ހެދިފައިނުވާތީ އެކަމަށް އެކަށީގެންވާ ވަގުތެއް ދިނުމަށް އެދި އެޓާނީޖެނެރަލްގެ އޮފީހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ.

އެ ގާނޫނުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އޭޖީ އޮފީހުން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެގަވާއިދުތަކާގުޅިގެން ހަދަންޖެހޭ ގާނޫނުތަކާބެހޭ ބިލްތަކުގެ މަސައްކަތް ކޮވިޑް 19 އާ ގުޅިގެންނާއި ބައެއްކަހަލަ ދަތިތައް ކުރިިމަތިވުމުގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތަށް ނިމެންނެތް ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ މުއްދަތެއް އިތުރުކޮށްދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.

މި މައްސަލައަށް ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ގާނޫނަކީ، 2008 ވަނަ އަހަރު އާ ގާނޫނުއަސާސިއަށްް އަމަލު ކުރާއިރު، ކޮންމެހެން ބޭނުންވާ ގަވާއިދުތަކެއް ހުރުމުން ގަނޫނުތައް ހެދެންދެން އެއް އަހަރު ދުވަހުގެތެރޭގައި އެ ގާނޫނުތައް ނިންމަންދެން، ގާނޫނަކުން ބާރުނުދީ، އެއް އަހަރުގެ މުއްދަތު ދީފައިވާ ގާނޫނެއް ކަމަށެވެ.

ނަމަވެސް އެއް އަހަރު ދުވަހުުގެ މުއްދަތު 12 އަހަރުގެ މުއްދަތަށް ދެމިގެންދިޔައިރުވެސް އެކަންވެފައިނުވާކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މިފަހަރަކީ އެގާނޫނުގެ މުއްދަތު އިތުރުކުރާ ފަހު ފަހަރުކަަމަށް ހަދައި މިއަހަރުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރުމަށް އަސްލަމް ހުށަހެޅުއްވިއެވެ.

އިތުރުުބައެއް ރެކޮމެންޑޭޝަންތަކާއެކު އެ ހުށަހެޅުން ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ، އެ ގާނުނުގެ ތަކުގެ މަސައްކަތް ކުރިއަށްދާގޮތް މަހަކު އެއްފަހަރު ކޮމިޓީއަށް އެންގުމަށް، އޭޖީ އޮފީހަށާއި ކަމާބެގޭ މުއައްސަސާތަކަށް އެންގުމަށް ރެކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނައިގެންނެވެ.

އާންމު ގަވާއިދުތަކުގެ ގާނޫނުގައި ކުރިން ހިިމެނުނު ގިނަ ގަވާއިދުތަކަށް ގާނޫނުތައް ހަދާފައިވާއިރު، މިހާރު މި ގާނޫނުގަ ހިމެނެނީ 22 ގަވާއިދެކެވެ.

ގަވާއިދު ކޮމިޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ އެ 22 ގަވާއިދަށް 15 ގާނޫނުހަދަންޖެހޭ ކަމަށާއި، އޭގެ ތެރެއިން 7 ބިލެއް މިހާރު މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. އަދި ދެބިލެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވާކަމަށްވެސް އާމިރު ވިދާޅުވިއެވެ.

އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ މުއްދަތު 2008 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކު އަންނަނީ އިތުރު ކުރަމުންނެވެ.