ކުޅިވަރު

ޗެލްސީގެ ގޯލް ބެލެހެއްޓި ޕީޓާ ބޮނެޓީ މަރުވެއްޖެ

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކީޕަރުންގެ ލިސްޓުގައި ގުނާލެވޭ ގޯލް ކީޕަރު އިނގިރޭސި ވިލާތައް އުފަން ޕީޓާ ބޮނެޓީ މަރުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމާއި ޗެލްސީއަށް ގިނަދުވަސްތަކެއް ވަންދެން ކުޅެދިން ޕީޓާ މަރުވި އިރު އޭނަގެ އުމުރަކީ 78 އަހަރެވެ. އިއްޔެ ވަގުތެއްގައި ޕީޓާ މަރުވިކަން ޗެލްސީ ފުޓުބޯޅަ ކުލަބުން ވަނީ ޔަގީންކޮށްދީފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީޓާ މަރުވީ ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށްފަހުއެވެ.

ބޮނެޓީ އަކީ 1966 ވަނަ އަހަރު އިނގިރޭސިވިލާތުން ވޯލްޑްކަޕުގެ ތަށި އުފުލާލި އިރު ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އަދި ޖެހިގެން އައި ވޯލްޑްކަޕުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ބޮނެޓީ އެންމެ މަޝްހޫރު ވެގެން ދިޔައީ ޗެލްސީގައި އޭނާ ދައްކަމުން ދިޔަ މޮޅު ކުޅުމުގެ ސަބަބުންނެވެ.

ބޮނެޓީ ވަނީ ޗެލްސީ އަށް 729 މެޗު ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް އެޓީމަށް ހޯދައިދީފަ އެވެ. އެގޮތުން 1970 ވަނަ އަހަރުގެ އެފްއޭކަޕާއި 1965 ވަނަ އަހަރުގެ ލީގު ކަޕުގެ އިތުރުން 1971 ވަނަ އަހަރުގެ ޔޫއެފާ ކަޕް ވިނާސް ކަޕު ހިމެނެ އެވެ. އަދި މީގެ އިތުރުން 1969-1970 ވަނަ ފުޓުބޯޅަ ސީޒަނުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދާފައެވެ.

ކުޅުން ހުއްޓާލުމަށްފަހު ބޮނެޓީ ފެނިގެންދިޔައީ ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައެވެ. އޭނާ މަސައްކަތް ކޮށްފައިވާ ކްލަބުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ޔުނައިޓެޑްގެ އިތުރުން ފުލްހަމް ހިމެނެ އެވެ.