މަޖިލިސް މެންބަރު އަލީ އާޒިމް

ބޮޑެތި ބަލިތަކުގެ މީހުންނާއި ބަލިހާލުބޮޑުމީހުން މިވަގުތު ރާއްޖެއައުމަކީ ބުއްދިވެރިގޮތެއް ނޫން: އަލީ އާޒިމް

އިބްރާހިމް ޒަކީ

ބޮޑެތި ބަލިތަކުގައި ރާއްޖޭން ބޭރުގައިތިބި މީހުންނާއި، ބަލިހާލު ބޮޑު މީހުން، ކޮވިޑް 19 ގެ މި ދަނޑިވަޅުގައި ރާއްޖެ އައުމަކީ އެންމެ ބުއްދިވެރިގޮތް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީޕީގެ ޕިޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރުދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ފަރުދީ ޒިންމާ ޕްރޮގްރާމް ގައި، ވާހަކަ ދައްކަވަމުން މިވަގުތު ރައްޔިތުންނަށް ދެއްވަން ބޭނުންވެ ވަޑައިގަންނަވާ މެސެއްޖެ ގޮތުގައި އަލީ އާޒިމް ވިދާޅުވީ، މިވަގުތުގ އެފަދަ ބިލީހުން ބޭނުންވާނީ އާއިލާއާއެކު އަމިއްލަ ގައުމުގައި ވަގުތުތައް ހޭދަކުރަން ކަމަށްވިޔަސް، ރާއްޖެ އަންނަ ކޮންމެ މީހަކު މިހާލަތުގައި ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.

އެކަން އެެހެން އޮތްއިރު ކަރަންޓީނަށް ގެންނަ މީހުން ރިސޯޓުތަކުގައި ތިބެންޖެހޭއިރު، ބޮޑެތި ބަލިތަކުގެ މީހުންނަށް އިމަޖެންސީގައި އެޓެންޑުވުމަކީ ދަތިކަމަށްވެފައި އޮންނަ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ޖެހިދާނެތީ، އެފަދަ ބަލިމީހުން މިދަނޑިވަޅުގައި ރާއްޖެއައުން ރަނގަޅު ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކަންބޮޑުވެ ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި ރާއްޖޭން ބޭރުގައިތިބި ދިވެހިންނަށް ސަރުކާރުންނާއި ދައުލަތުން ރަނގަޅަށް އަޅައިލަމުން އަންނަ ކަމަށެވެ. ނަމަވެސް މިދަނޑިވަޅުގައި ރައްޔިތުން ބޭނުންވާ ކޮންމެ ގޮތަކަށް ހުރިހާ ކަމެއް ފުރިހަމަވެގެން ނުދާނެ ކަމަށެވެ.

ބޭރު ގައުމުތަކުގައިތިބި ދިވެހިންނަށް ފޮނުވަން ބޭނުންވާ ކެއާ ޕެކޭޖް ދިވެހި ސަރުކާރުން ހިލޭ އެފަރާތްތަކަށް ފޯރުކޮށްދެމުން އަންނަކަން ފާހަގަ ކުރައްވައި އަލީ އާޒިމް ވިދާޅުވީ، ކޮވިޑް 19 ގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް ގައުމުތަކުގެ ރައްޔިތުން ރާއްޖޭގައިވެސް އެބަތިބި ކަމަށެވެ. ނަމަވެސް އެ ރައްޔިތުންނަށް ކެއާޕެކޭޖެއް ހިފައިގެން އައީ ކޮން ގައުމަކުންތޯ، އާޒިމް ސުވާލު ކުރެއްވިއެވެ.

އަލީ އާޒިިމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ ދިވެހިންގެ ތެރެއިން ދާއިމީކޮށް ފަރުވާ ދޭން ޖެހޭ ބަލިތަކާއި ބޮޑެތި ބަލިތަކުގެ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ވަނީ ބުނެފައެވެ.

ކޮވިޑް 19 ގެ ސަބަބުން ބޭރުގައުމުތަކުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ރާއްޖެ ނާދެވި އެގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން، ރާއްޖެ ގެނައުމަށް ސަރުކާރުން ކުރިއަށް ގެންދާ މަަސައްކަތްތަކުގެ ދަށުން ރާއްޖެ ގެންނަ މީހންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުން ހިމެނޭއިރު، ކަރަންޓީން ފެސިލިޓީގައި އެމީހުންނާމެދު އަމަލު ކުރަމުންދާ ގޮތާމެދު، މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ ހޮނިހިރު ދުވަހު، ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވީ އެފަދަ މީހުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް އެކަމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ހާލުބޮޑު މީހުން ކަރަންޓީނުގައި ބައިތިއްބަނީ، މާލެ ގެންނަން ޖެހިއްޖެ ނަމަ މާލެ ގެނެވޭ ގޮތަށް މާލެ ކައިރީގެ ފެސިލިޓީތަކުގައި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި މާބޮޑަށް ހާލު ބޮޑުވެއްޖެނަމަ އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ތިން މީހަކު މިހާރު ވެސް އައިޖިއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ، މުޅި ގައުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުގެ ދަށުން ކޮންމެ މީހަކު ވެސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހޭ ކަމަށާއި އެ މުއްދަތު ގޭގައި ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ބަލި މީހުން ރާއްޖެއަށް ދަތުރު ކުރުމުގެ ކުރިން އެބޭފުޅުންގެ ސިއްހީ ހާލަތު އެޗްޕީއޭއަށް އެންގުމަށް ހާއްސަ ފޯމެއް ޓެގުން ތައްޔާރުކޮށް އެކަމަށް އެދިފައިވާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ސިއްހީ ހާލަތުދަށް މީހުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެކަމާބެހޭ މައުލޫމާތު ނޭނގުމަކީ ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަަމަށް ވިދާޅުވިއެވެ.

ކަމާބެހޭފޯމު ނުލިބޭތީ، އެފަދަ ފަރާތްތަކުގެ ސިއްހީ ހާލަތު އޮޅުން ފިލުވަން ޖެހެނީ އާސަންދައިން ކަަމަށްވެސް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ، މީހުން ގޮވައިގެން ފްލައިޓު ޖައްސާއިރު ދެ ޑޮކްޓަރުންނާ ނަރުހުން ތިބޭނެ ކަމަށާއި އޭގެ އިތުރުން ސައިކޯ ސޯޝަލް ސަޕޯޓް ވެސް އެ ހިސާބުން ފަށާނެ ކަމަށެވެ. އޭގެ އިތުރުން ކޮންމެ ކަރަންޓީން ފެސިލިޓީއެއްގައި ފެސިލިޓީ މެނޭޖަރަކާއި ޑޮކްޓަރަކާއި ނަރުހެއް ހިމެނޭ ގޮތަށް މެޑިކަލް ޓީމެއް އަދި ސައިކޯ ސޯޝަލް ސަޕޯޓް ދޭނެ މީހެއް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ އެގޮތުން ކަރަންޓީނުގައި ހުންނަ ބަލި މީހަކަށް ސްޕެޝަލިސްޓެއްގެ އެހީތެރިކަން ބޭނުންނަމަ އަދި ޓެސްޓެއް ހަދަން ޖެހިއްޖެނަމަ އެމީހަކު މެދުވެރިކޮށް، އެކަން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކަރަންޓީން ފެސިލިޓީއެއްގައި ހުންނަ މީހަކަށް މެޑިކަލް އެޑްވައިޒެއް ބޭނުން ވެއްޖެއްޔާ އެކޮޅުގައި (ކަރަންޓީން ފެސިލިޓީގައި) ހުންނަ ޑޮކްޓަރަކު މެޑިކަލް ކްލަސްޓާއަށް ކޮންޓެކްޓް ކުރީމާ ކްލަސްޓާއިން ސްޕެޝަލިސްޓް ހެލްޕު ވެސް އެވޭލަބަލް ކޮށްދޭނެ. ގައިނޮކޮލޮޖިސްޓެއް ނުވަތަ ސާޖަންއެއް، ފިޒީޝަނެއް އެޓެންޑު ކުރާނެ. ފޯންކޯލް ކޮސަލްޓޭޝަން އާއި ވީޑިއޯކޯލް ކޮންސަލްޓޭޝަނުން މެނޭޖްކުރަނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، މާބަނޑު މީހަކަށްވިޔަސް އަދި އެހެން ބައްޔެއް ހުރި މީހެއް ނަމަވެސް ދޭން ޖެހޭ ހިދުމަތެއް މިހާތަނަށް ދީފައިވާ ކަމަށާއި ހަދަންޖެހޭ ޓެސްޓެއް އޮތް ނަމަ އެ މުއްދަތަށް ހަދާފައިވާ ކަމަށެވެ. ނަމަވެސް އާންމުކޮށް ބޭހެއް ކާ މީހެއްނަމަ މަދުވެގެން 15 ދުވަހުގެ ބޭސް ހިފައިގެން އައުން މުހިއްމު ކަމަަށާއި މާބަނޑު މީހެއްނަމަ ބޭނުންވާ ސިއްހީ އެހީތެރިކަމާއި އާއިލީ އެހީތެރިކަން އެހުންނަ ތަނަކުން ލިބޭތޯ ބެލުމަށްފަހު އައުން މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.