(11 އޭޕަރީލްގެ އަދަދާ ގުޅޭ)
"މިހާރު ކޮއްކޯފުޅަށް ވިސްނިވަޑައިގަންނަވަންވާނެއެވެ. އޭނާގެ މަޤްޞަދަކީ ބޭބެއާއެކު ބާރު ވަޒަންކުރެއްވުމެއް ނޫނެވެ. ކޮއްކޮ ހައްޔަރުކުރެއްވުމެވެ. އަޅުގަނޑުމެންނާއި އޭނާއާ ދެމެދު ކޯރުގެ ފެންގަނޑާއި އެއަށްފަހު ބޭބެގެ ތީރު ހުރަސްނޭޅިނަމަ އޭނާ އެނބުރި ވަޑައެއް ނުގަންނަވާނެއެވެ. ހަނގުރާމައިގައި ހައްޔަރުވި މީހުން މިނިވަންކުރައްވައިގެން ގެންނެވުމާއި އަޅުގަނޑުމެންގެ އަވަށުގެ މީހުންދެކެ މާބޮޑަށް ލޯބިފުޅުވާކަމަށް ހެދިވަޑައިގެން އުޅުއްވުމުގައި އޭނާގެ މަޤްޞަދަކީ އަޅުގަނޑުމެންނަށް މަކަރެއް ހެއްދެވުން ފިޔަވައި އެހެންކަމެއް ނޫނެވެ. އޭނާގެ ބޭނުންފުޅަކީ އަޅުގަނޑުމެންނަކީ އޭނާގެ ބާރުގެ ދަށުގައި ތިބިބަޔަކަށް ހެއްދެވުމެވެ. އޭނާ އަޅުގަނޑުމެންގެ ދަނޑުވެރީންނާއި ނޯކަރުން ހިތްހަމަޖައްސައިދެއްވީ އަޅުގަނޑުމެން އެކަމަށް ހެއްލިގެން އެނބުރި އަވަށަށް އަތުވެދާނެކަމުގެ އުންމީދުގައެވެ. އިރުއެރުމާއެކު އަވަށުގެ މޮޔައިން އޭނާގެ އަރިހުގައި އަޅުގަނޑުމެން ކޯރާ މާދުރުނޫން އަވަށެއްގައި މަޑުކޮށްގެން ތިބިވާހަކަ ދަންނަވާނެއެވެ. އޭނާ ހިނދުކޮޅެއްވެސް ނަންގަވައިނުލައްވައި އެއަވަށަށް ވަޑައިގަންނަވާނެއެވެ. މިހާރު އަޅުގަނޑުމެންގެ އަވަށަށް ޖަމާވެފައިވަނީ ކިހައި މުސްލިމުންނެއްކަމެއްވެސް ނޭނގެއެވެ. ބޭބެގެ ދުނިއުރަ ހުސްވެގެން ބޭބެގެ އަނގުންތައް ބުރިކޮށްފާނެތީކީ ބޭބެ ބިރެއް ނުގަނެއެވެ. ނަމަވެސް އޭނާ ކޮއްކޮ ހައްޔަރުކުރައްވައިގެން ގެންދަވާތަން ދެކޭކަށެއް ބޭބެއަށް ލާހިކެއް ނޫނެވެ."
ماه بانو މަޑުމަޑުން އިސްއުފުލައިލެއްވިއެވެ. އޭނާ އެނބުރިވަޑައިގެން ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު އަހުގެ ރިކާބުގައި ފައިންޕުޅު އަޅުއްވައިފައި އަހަށް ސަވާރުވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ. އޭނާގެ ޤައިދުގައި އަޅުގަނޑަށް ދިރިއިނދެވިދާނެކަމަށް ބޭބެއަށް ހީފުޅުވާނަމަ ބޭބެގެ ދުނިއުރައިގެ އެންމެފަހު ދުނިވެސް އަޅުގަނޑަށްޓަކައި ރައްކާކުރައްވާށެވެ. ނަމަވެސް އަޅުގަނޑަށް އެނގެއެވެ. އޭނާ ވަޑައެއް ނުގަންނަވާނެ. ދެން ދުވަހަކުވެސް އޭނާ ވަޑައެއް ނުގަންނަވާނެއެވެ. މިހާރު އަޅުގަނޑުމެން މިދުވަނީ ޚިޔާލީ ބިރަކަށް ފިލާންވެގެންނެވެ."
މިވާހަކަފުޅުތަކާއެކު ماه بانو ގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ.
ޒަރުބަޚުތު ވިދާޅުވިއެވެ. "ކޮއްކޮގެ ޚިޔާލުފުޅު ރަނގަޅުވުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ. އެކަމަކުވެސް އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނެއެވެ. މިހާރަކު އަޅުގަނޑުމެން މާބާރަކަށް އަސް ދުއްވުމުގެ ބޭނުމެއްނެތެވެ. އެކަމަކު މަޑުކޮށްގެން ތިބުމެއްވެސް ރައްކާތެރިޔެއް ނޫނެވެ."
އިރުކޮޅެއްވަންދެން އާދައިގެ ދުވެއްޔެއްގައި އަސް ދުއްވެވުމަށްފަހު ބައިމޭލެއްހައި ދުރުން ފެންނާންއޮތް އަވަށަކާ ދިމާޔަށް އިޝާރަތްކޮށްލައްވައިފައި ޒަރުބަޚުތު ވިދާޅުވިއެވެ. "ކޮއްކޯއެވެ! ކަމަކާނުލައި ކޮއްކޮއަށް އުނދަގޫފުޅެއް ކުރެވުނީތީ ބޭބެ ހިތާމަކުރަމެވެ. އެފެންނަ އަވަށަށް ގޮސްފައި އަޅުގަނޑުމެން އަރާމުކުރާނީއެވެ. ކޮއްކޮ އިއްޔެއްސުރެ އެއްވެސް އެއްޗެއް ފަރީއެއްވެސް ނުކުޅުއްވަމުއެވެ. އޭނާ އަޅުގަނޑުމެންގެ ފަހަތުން ވަޑައިނުގަންނަވާނެކަން މިހާރު ބޭބެއަށްވެސް ޔަޤީންވެއްޖެއެވެ. سُهيل މަދާއިނުގައި ހުންނަވަނިކޮށް އޭނާގެ ބޭބެ އަޅުގަނޑުމެންގެ ފަހަތުން ދުޝްމިނެއްގެ ޙައިޘިއްޔަތުން ވަޑައިނުގަންނަވާނެކަން ބޭބެއަށް ވިސްނައިނުގަނެވުނީތީ ބޭބެ ޙައިރާންވެއްޖައީމެވެ. ماه بانو އެވެ. ބޭބެގެ ވާހަކަ ރަނގަޅަށް އަޑުއައްސަވާށެވެ. سُهيل އަށް މިއިން އެއްވެސްކަމެއް އެނގިވަޑައިގެންނެވިޔަ ދެއްވައިގެން ނުވާނެއެވެ. ބޭބެ حسّان އާމެދު ދެކެނީ އަޅުގަނޑުމެންގެ ބައްޕާފުޅުގެ ޤާތިލު ކަމުގައެވެ. حسّان އަކަށް މާފެއް ނުކުރެވޭނެއެވެ. އެކަމަކު އަޅުގަނޑުމެން سُهيل ގެ ކިބަޔަކުން ބަދަލެއް ނުހިފާނޫއެވެ. ބޭބެއަށް ޔަޤީނެވެ. ދާދިއަވަހަށް އީރާނުގެ ލަޝްކަރުތައް ޢަރަބިކަރައިގެ ސަހަރާތަކަށް މިސްރާބު ޖަހާނެއެވެ. سُهيل ބޭބެގެ އުންމީދުތައް ފުރިހަމަކުރައްވައިފިނަމަ އޭނާ މާލަހެއްނުވެ އީރާނުގެ ލަޝްކަރުގެ ސިފައިންގެ މީހަކަށް ވާނެއެވެ. މިހާރުވެސް އޭނާއާ އެއްއުމުރެއްގެ އެއްވެސް ކުއްޖަކަށް ކަނޑިހެވިކަމުގައިވެސް ލޮންސިހެވިކަމުގައިވެސް ދުނިހެވިކަމުގައިވެސް އޭނާއަކާ ވާދައެއް ނުކުރެވޭނެއެވެ. ބޭބެ އޭނާއަށް މުސްލިމުންދެކެ ނަފްރަތުކުރާން ދަސްކޮށްދޭނަމެވެ. ބޭބެގެ ޙަޔާތުގެ އެންމެބޮޑު އުފަލަކަށްވާނީ ކޮންމެވެސް ދުވަހަކުން حسّان ޤައިދީއެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅުމެވެ. ބޭބެ ޖައްލާދެއްގެ ވާޖިބު އަދާކުރުވާނީ سُهيل ލައްވައެވެ. ماه بانو އެވެ! ކޮއްކޮ ބޭބެގާތު ވަޢުދުވެވަޑައިގަންނަވާށެވެ. މަދާއިނަށް ވަޑައިގެންފައި سُهيل ގެ ކުރިފުޅުމަތީގައި حسّان ގެ ވާހަކައެއް ނުދައްކަވާނޫއެވެ."
ماه بانو ޖަވާބުދެއްވިއެވެ. "ޝަރުޠެއްގެމަތީން އަޅުގަނޑު ވަޢުދުވަމެވެ. سُهيل އަޅުގަނޑުމެންގެ ޙިމާޔަތުގައި ހުންނެވިހައި ދުވަހަކު، ބޭބެ އޭނާޔަށް އެއްވެސް ހަރުކަށިފުޅުކަމެއް ދައްކަވައިގެން ނުވާނެއެވެ."
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެންނަށް ކެހިދެއްވަންވެގެން حسّان އަށް އަޅުގަނޑުމެންގެ ދަނޑުވެރީން މޭފުޅުގައި ޖައްސަވައިލެއްވޭކަމުގައިވާނަމަ އޭނާގެ ކޮއްކޮޔަށް ހެޔޮކޮށް ހިތާކަށެއް އަޅުގަނޑަކަށްވެސް އުނދަގުލެއް ނުވާނެއެވެ."
"ބޭބެ ހިތްޕުޅު ހަމަޖައްސަވާށެވެ. އަޅުގަނޑު އޭނާގެ އަރިހަކު حسّان ގެ ވާހަކައެއް ނުދައްކާނަމެވެ."
"އޭނާ ދިރިހުންނެވި ވާހަކަވެސް އަޅުގަނޑުމެންގެ ގެއަށް ވަޑައިގެންނެވި ވާހަކަވެސް ވިދާޅުވެގެން ނުވާނެއެވެ."
"އަޅުގަނޑެއް ނުބުނާނަމެވެ."
ޒަރުބަޚުތު އިރުކޮޅަކު މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "سُهيل ގެ ބޭބެ އަވަހާރަވެއްޖެއެވެ. މިހާރު ދުނިޔޭގައި ހުންނެވީ އަޅުގަނޑުމެންގެ ދުޝްމިނެވެ."
ماه بانو އިރުކޮޅެއްވަންދެން ހިމޭނުން އިންނެވިއެވެ. އިރުކޮޅެއްގެފަހުން އޭނާ ވިދާޅުވިއެވެ. "ބޭބެއެވެ. އަޅުގަނޑުގެ ހިތަށްއަރައެވެ. ބައްޕާފުޅު ދުނިޔޭގައި ހުންނެވިނަމަ އަޅުގަނޑުމެންގެ ވާހަކަ އަޑުއައްސަވައިފައި ވިދާޅުވާނީ ކީކޭބާވައެވެ."
"ކޮއްކޮ ތިޔަކަމާ ވިސްނައިވަޑައިގަންނަވާނެ ކަމެއްނެތެވެ. އަޅުގަނޑު ބައްޕާފުޅުގެ ރޫޙުފުޅުގެ އަޑު އަހައިފީމެވެ. ބައްޕާފުޅު ވިދާޅުވިއެވެ. ތިޔައީ އަހަރެންގެ ކުދީންކަމުގައިވާނަމަ حسّان އަށް މާފުނުކުރާތި އިނގޭއެވެ."
"އެކަމަކު ބޭބޭފުޅާއެވެ! ބައްޕާފުޅު މަސައްކަތްޕުޅު ކުރެއްވީ ބޭބެ ދުނިއުއްކެވިޔަ ނުދެއްވާން ވެގެންނެވެ. ބައްޕާފުޅު ތެދުވެވަޑައިގެންނެވުމުގެ ކުރީން ކޮންމެވެސް އެއްޗެކޭ ވިދާޅުވާންވެސް އުޅުއްވިއެވެ. ބައްޕާފުޅުގެ ތުންފަތްޕުޅު ހަލުއްވަނިކޮށް އަޅުގަނޑު ރަނގަޅަށް ދުށީމެވެ. ނަމަވެސް ދޫފުޅުގެ ވާގިވަނީ ނެތިފައެވެ."
"حسّان އަޅުގަނޑުމެންގެ ފަހަތުން ވަޑައިނުގެންނެވިނަމަކަ މި ޙާދިޘާއެއް ނުހިނގީހެވެ. ބައްޕާފުޅު އަޅުގަނޑު ދުނިއުކިޔަ ނުދެއްވާން އުޅުއްވީ މުސްލިމުންގެ ބަދަލުހިފުމުން ކޮއްކޮ ސަލާމަތް ކުރައްވާންވެގެންނެވެ. سُهيل ގެ ސަބަބުން އޭނާގެ ބޭބެ އަޅުގަނޑުމެންނާ ޙަމަލަ ނުދެއްވާނެކަން ވިސްނިވަޑައިގެންނެވޭތީ ކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުމެންގެ ގެއިން އަޅުގަނޑުމެން ޙިމާޔަތްދީފައިވާ ބޭފުޅަކު އެހައި ދަށުދަރަޖަޔަކަށް ވެއްޓިވަޑައިނުގަންނަވާނެކަމަށް އެންމެފަހު ވަގުތާ ހަމަޔަށްވެސް ބައްޕާފުޅު ހީފުޅުކުރައްވާތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް ބައްޕާފުޅު އަވަހާރަވެއްޖެއެވެ. ބައްޕާފުޅުގެ އެންމެފަހުގެ ހިތާމަފުޅަކީ، ޖިހާންދާދުގެ ރަޙުމަތްތެރިޔާ އަދި ބައްޕާފުޅު އަމިއްލަފުޅު ދަރިކަލެއްކަމުގައި ބައްލަވާ ބޭފުޅަކު މުސްލިމުންގެ ލަޝްކަރު ގޮވައިގެން އަޅުގަނޑުމެންގެ އަވަށް ހިއްޕަވައިދެއްވަން ވަޑައިގެންނެވިކަމެވެ."
+ + + + +
ހަތަރުވަނަޔަށްވީ ދުވަހު ޒަރުބަޚުތަށާއި ماه بانو އަށް މަދާއިނަށް ވަޑައިގެންނެވިއްޖެއެވެ. ޒަރުބަޚުތުގެ ގެހުރީ ދިޖުލަތު ކޯރުގެ އައްސޭރީގައެވެ. މަދާއިނުގެ ރަށްބޭރު އަވަށެއްގައެވެ. އެގޭގެ ދޮރާއްޓާ އިންވެގެން އެއްފަރާތެއްގައި ހުންނަނީ ވަރަށްބޮޑު އަސްތަބީލާއަކާއި ނޯކަރުންގެ ކޮޓަރިތަކެވެ. ދޮރާށީގެ އަނެއްފަރާތުގައި ހުރީ މެހުމާނުސަރާއެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ތަނަވަސް ސަރައްކާއްޔެކެވެ. ހަވޭލީގެ އެބަޔާއި މީހުން އުޅޭބަޔާ ވަކިކޮށްފައިވަނީ މެދުފާރެއްގެ ޒަރީޢާއިންނެވެ. އެފާރުގެ މެދުގައި ދޮރެއް ހުއްޓެވެ. އެބޭފުޅުން ދޮރާށީން އެތެރެޔަށް ވެދެވަޑައިގެންނެވުމާއެކު ނޯކަރެއް އެބޭފުޅުންނާ އިސްތިޤްބާލު ކުރިއެވެ. އޭނާ އެބޭފުޅުންގެ އަސްކޮޅުތަކުގެ ލަގަނުގައި ހިފަހައްޓައިފިއެވެ. ޒަރުބަޚުތު سُهيل ކޮބައިތޯ އޭނާއާ ސުވާލުކުރެއްވިއެވެ.
ނޯކަރު ޖަވާބު އެރުވިއެވެ. "ހެނދުނުހެނދުނާ އޭނާ އަސްމަތީގައި ބޭރަށް ވަޑައިގެންފިއެވެ. އަދިއެއް އެނބުރި ވަޑައެއްނުގަންނަވައެވެ. ޢަސްކަރީ ކުޅިވަރުތަކުގެ މުބާރާތެއް މިއަދު އޮތްވާހަކަ ވިދާޅުވިއެވެ."
ޒަރުބަޚުތު އެބޭފުޅުންގެ އަރިހުގައި އައި ނޯކަރުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ އަސްތައް އަސްތަބީލާއަށް ގެންގޮސް ބަނދެލާށެވެ. އެކަމަކު އަހަރެންގެ އަހުގެ ލަގަން ނެގުމުގެ ބޭނުމެއް ނެތެވެ."
ޒަރުބަޚުތު ވަޑައިގެންނެވީ ހަވޭލީގެ މީހުން ދިރިއުޅޭ ބަޔަށެވެ. އެބައިގެ ކުރިމަތީގައި އާދައިގެ ވަރެއްގެ މެދުގޯއްޗެއް އޮތެވެ. މެދުގޯއްޗާ ގުޅިފައިވަނީ ފެންޑާއެކެވެ. އެފެންޑާއާ އިންވެގެން ތިންކޮޓަރި ހުއްޓެވެ. ޒަރުބަޚުތު އޭނާގެ ކޮއްކޯފުޅާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. މިއީ އަޅުގަނޑުމެންގެ އައުގެއެވެ. ކޮއްކޮ އަރާމުކުރައްވާށެވެ. ބޭބެ ޢަސްކަރީ މަރުކަޒަށް ގޮސްލައިފައި ވަރަށް އަވަހަށް އެބައަންނަމެވެ. އަޅުގަނޑުމެންގެ އަވަށްޓެރީންގެ ތެރޭގައި ގިނައިން ތިއްބަވާނީ ސިފައިންގެ އޮފިސަރުންނެވެ. މިއަދު ވަރަށްގިނަ އަންހެންބޭފުޅުން ކޮއްކޮގެ އަރިހަށް ޒިޔާރަތް ކުރައްވާނެއެވެ."
ޒަރުބަޚުތު ބޭރަށް ނުކުމެވަޑައިގެންފިއެވެ. ماه بانو ފެންޑާމަތީގައި ހުރި ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. ޒަރުބަޚުތު ބޭރަށް ނުކުމެވަޑައިގެންފައި ވަރަށް އަވަހަށް އެނބުރިވަޑައިގެންފިއެވެ. އޭނާ މެދުގޯތިތެރެއަށް ވެދެވަޑައިގެންނެވުމާއެކު ވަރަށް ބާރަށް ވިދާޅުވިއެވެ. "ماه بانو އެވެ! މިކޮޅަށް ވަޑައިގެންބައްލަވާށެވެ. ކޮއްކޮޔަށް ކުޅިވަރެއް ދައްކައިލަންވެގެންނެވެ."
ماه بانو ވަރަށްބާރަށް ވަޑައިގެން ވިދާޅުވިއެވެ. "ބޭބެއެވެ. ކީއްވީތޯއެވެ؟"
ޒަރުބަޚުތު ވިދާޅުވިއެވެ. "ކުޑައިކޮށް ބޭރަށް ނުކުމެވަޑައިގެން ބައްލަވަބައްލަވާށެވެ."
ماه بانو ޒަރުބަޚުތުގެ އަރިހުގައި ދޮރާށީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. މަގުގެ ކަނާތްފަރާތުން އޭނާއަށް ފެނިވަޑައިގެންނެވީ ދުވަމުން ފުމެމުން އަންނަ ސަތޭކަވަރަކަށް ކުދީންގެ ޖުލޫސެކެވެ. އެކުދީންގެ ކުރީގައި އަސްމަތީގައި ކުއްޖަކު އިނެވެ.
"މިއީ ކާކުތޯއެވެ؟" ماه بانو އޭނާގެ ބޭބެއާ ސުވާލުކުރެއްވިއެވެ.
"ކޮއްކޮޔަށް ވަރަށް އަވަހަށް އެނގިވަޑައިގެންފާނެއެވެ."
ކުދީންގެ ޖުލޫސު އެގެޔާ ދިމާޔަށް އެނބުރުމުން ماه بانو ވިދާޅުވިއެވެ. "ބޭބެއެވެ! ހީވަނީ އެއީ سُهيل ހެންނެވެ. އެކަމަކު މިއީ ކޮން ޖުލޫސެއްތޯއެވެ؟ ކުދީންތައް އޭނާއާ ޖެއްސުންކުރަނީކީ ނޫންތޯއެވެ؟"
"މަދާއިނުގެ ކުދީންނަކަށް سُهيل އަށް ޖެއްސުންކުރާކަށެއް ނުކެރޭނެއެވެ. އޭނާގެ މޫނުފުޅުމަތީން ހީވަނީ ކޮންމެވެސް މޮޅުކަމެއް ކުރައްވައިފައި ވަޑައިގެންނެވިހެންނެވެ."
سُهيل އަށް ކުއްލިޔަކަށް އެބޭފުޅުން ފެނިވަޑައިގެންފިއެވެ. އޭނާ އަސްމަތީން ފުންމައިލައްވައިފައި ދުވެވަޑައިގެންފައި އެބޭފުޅުންގެ އަރިހަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ އަރިހަށް ވަޑައިގެންނެވޭއިރަށް އޭނާގެ ނަޒަރު ފައިންޕުޅުގެ ނީވާބޮޑިޔާ ދިމާޔަށް ހަރުލައިފިއެވެ. ލަދުފުޅުން އޭނާގެ މޫނުފުޅު ރަތްވެއްޖެއެވެ. އޭނާގެ އަސް އޭގެ ލަގަނުގައި ހިފައިގެންހުރި ކުއްޖާގެ އަތުން ލަގަން ފިރުކައިގެން ދުވެފައި އައިސް ގޯތިތެރެޔަށް ވަދެގެން ހިނގައްޖެއެވެ. ޖުލޫސު ތަންކޮޅެއް ދުރަށް ހުއްޓިއްޖެއެވެ. ކުދީންތައް ޖެހިލުންވެފައިތިބެ އެކަކު އަނެކަކާ ދިމާޔަށް ބަލާންފަށައިފިއެވެ. އޭގެތެރެއިން ތަންކޮޅެއް ދޮށީއުމުރުގެ ކުއްޖެއް ލަދުންހުރެ ޒަރުބަޚުތުގެ އަރިހަށް އަތުވެއްޖެއެވެ. "سُهيل މިވަޑައިގެންނެވީ ދުނިހެވިކަމާއި ލޮންސިހެވިކަމުގެ މުބާރާތުން އެއްވަނަ ހޯއްދަވައިގެންނެވެ. އިއްޔެއޮތީ ކަނޑިހެވިކަމުގެ މުބާރާތެވެ. سُهيل އޭނާއާ ވާދަކުރި ހަތަރުކުދީންވެސް ބަލިކޮށްލެއްވިއެވެ. ދެން އޭނާއާ ވާދަކުރެއްވީ ޠަހްމާސަޕެވެ. ޠަހްމާސަޕާއި سُهيل އާ ވީއެއްވަރެވެ."
ޒަރުބަޚުތު ސުވާލުކުރެއްވިއެވެ. "ޠަހުމާސަޕަކީ ކޮންކުއްޖެއް ހެއްޔެވެ؟"
އެއީ ބަހުމަން ޖާދުވިއްޔާގެ ދަރިކަލުންނެވެ. އޭނާގެ އިސްކޮޅުފުޅު އަޅުގަނޑަށްވުރެވެސް ކައިވަތެއްހައިވަރު ދިގެވެ. މިއީ ޢަސްކަރީ މަކުތަބުގައި އޭނާގެ އެންމެފަހު އަހަރެވެ. ކަނޑިހެވިކަމުގައި އެއްވެސްކުއްޖަކަށް އޭނާއާ ވާދައެއް ނުކުރެވެއެވެ. ބޮޑެތި ކުދީން އޭނާއަށް ހިތްވަރުދީގެން سُهيل އާ މުޤާބަލާކުރުވަން ގެނައީމެވެ. ޠަހްމާސަޕް ވިދާޅުވީ އެސްފިޔަފުޅު ޖައްސަވައިލައްވާހައިއިރުކޮޅަކުން سُهيل ބަލިކޮށްލައްވާނެކަމުގައެވެ. ނަމަވެސް سُهيل އޭނާގެ ބޮޑާފުޅުކަން ވެއްޔާ މޮޑެލައްވައިފިއެވެ."
އެހައިތަނަށް ދިޔައިރު ޖުލޫސުގައި ބައިވެރިވި އެހެންކުދީންވެސް އެބޭފުޅުންގެ ވަށައިގެން ޖަމާވެއްޖެއެވެ. ޒަރުބަޚުތު އެކުދީންނާ ދިމާޔަށް ވިދާޅުވިއެވެ. "ދެން ތިޔަކުދީންވެސް ގޭގެއަށް ދާށެވެ. ތިޔަކުދީންގެ ރަޙުމަތްތެރިޔާ މިހާރުވަނީ ވަރުބަލިވެފައެވެ. އޭނާއަށް އަރާމުކުރުމުގެ ފުރުޞަތުދޭށެވެ."
ކުދީންތައް އެތަނުން ދާންފެށުމުން ޒަރުބަޚުތު سُهيل ގެ އަރިހުގައި ވިދާޅުވިއެވެ. سُهيل އެވެ. އަހަރެން ދިޔައީ ސިފައިންގެ ވެރިޔާގެ އަރިހަށް ދާންވެގެންނެވެ. سُهيل ގެ ޖުލޫސް ފެނިފައި އެނބުރި އައީއެވެ."
سُهيل ވިދާޅުވިއެވެ. "ބޭބެއެވެ! އަޅުގަނޑު އެކުދީން އަޅުގަނޑާއެކު އައުމުން މަނާކުރީމެވެ. ނަމަވެސް އެކުދީން އަޅުގަނޑާއެކު އަންނާންވެގެން ގަދަހެދީއެވެ. ބޭބެމެން ވަޑައިގެންނެވިކަން އަޅުގަނޑަށް އެނގިފައި އޮތްނަމަ އެމީހުންނަށް އަތުނުވެ އަސްމަތީގައި ބާރަށް ގެއަށް އަތުވެއްޖައީމުހެވެ."
"އަޅެ سُهيل އެވެ! ކޮއްކޮ މޮޅުކަމެއް ކުރެއްވުމުން ކޮއްކޮގެ ރަޙްމަތްތެރީން ކޮއްކޮގެ ޖުލޫސެއް ނެރުނީތީ ނުގަބޫލުފުޅުވީތޯއެވެ؟ ދެން ދައިތާފުޅުގެ އަރިހަށް ވާހަކަދައްކަވާން ވަޑައިގަންނަވާށެވެ. ބޭބެވެސް ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ."
ޒަރުބަޚުތު އެހެންވިދާޅުވެފައި ބޭރަށް ވަޑައިގެންފިއެވެ.
އިރުކޮޅެއްގެ ފަހުން ماه بانو އާއި سُهيل އާ ދެބޭފުޅުން ތިއްބެވީ ގޭގެ ފެންޑާމަތީގައެވެ. ماه بانو އިރުކޮޅެއްވަންދެން سُهيل އާ ދިމާޔަށް ބައްލަވަން ހުންނެވިއެވެ. އޭނާ ކުރިޔަށް ވަޑައިގެން سُهيل ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވަމުން ވިދާޅުވިއެވެ. "ބޭބެ ވިދާޅުވީ މިހާރު ދައިތައަކަށް سُهيل ނުވެސް އެނގޭނެކަމުގައެވެ. ޙަޤީޤަތުގައިވެސް މިހާރު ކޮއްކޮ ވަރަށް ބޮޑުފުޅުވެއްޖެއެވެ."
"ދައިތާފުޅުގެ ހާލުކޮޅު ރަނގަޅުތޯއެވެ؟" سُهيل ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ވަރުބަލިވެއްޖެއެވެ." ماه بانو ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަންނަވަމުން ޖަވާބު ދެއްވިއެވެ.
"ބައްޕާފުޅު ކޮބައިތޯއެވެ؟ ވަޑައެއް ނުގަންނަވާތޯއެވެ؟"
ماه بانو އިސްދަށަށް ޖައްސަވައިލައްވަމުން މޮޅިފުޅު ރާގަކަށް ވިދާޅުވިއެވެ. "سُهيل އެވެ. އިށީނދެވަޑައިގަންނަވާށެވެ!"
سُهيل ކަންބޮޑުވެވަޑައިގަތުމާއެކު އެތަނުން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. ماه بانو އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު سُهيل އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "سُهيل އެވެ. ބައްޕާފުޅު ދެނެއް އަޅުގަނޑުމެންގެ ގާތަކަށް ވަޑައެއް ނުގަންނަވާނެއެވެ. ބައްޕާފުޅު މަދާއިނަށް ވަޑައިގެންނެވި މަގުމަތީގައި އަޅުގަނޑުމެންނާ އަބަދަށްޓަކައި ވަކިވެވަޑައިގެންފިއެވެ." އެހެންވިދާޅުވާއިރަށް ماه بانو ގެ ލޯފުޅުން ކަރުނަފޮދު އޮހިގެންފިއެވެ. سُهيل ވަރަށްގިނައިރުވަންދެން ماه بانو އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އޭނާގެ ލޯފުޅުގެ ކުރިމަތީގައިވެސް ކަރުނައިގެ ފަރުދާއެއް ހުރަސްވެއްޖެއެވެ. سُهيل އޭނާގެ ޖުއްބާކޮޅުގެ އަތުކުރިފުޅުން މޫނުފުޅު ފޮރުއްވައިފިއެވެ.
"ކޮއްކޮގެ ބޭބެގެ ވާހަކައެއް ނުއައްސަވާނުތޯއެވެ؟" ماه بانو އިރުކޮޅަކު މަޑުކޮށްލައްވައިފައި ސުވާލުކުރެއްވިއެވެ.
سُهيل ގެ ހިތްޕުޅު އުންމީދުން ފުރިގެންދިޔުމާއެކު ماه بانو އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް ކުއްލިޔަކަށް އޭނާގެ މޫނުފުޅުމައްޗަށް މާޔޫސްކަމުގެ ކަޅުވިލާތައް ފެތުރިގެންފިއެވެ. އޭނާ ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. "ބޭބެއާބެހޭ އެއްވެސް ޚަބަރެއް ދައިތާފުޅަށް ލިބިވަޑައެއް ނުގަންނަވާތޯއެވެ؟"
ماه بانو ހިތާމަވެރި އަޑުފުޅަކުން ވިދާޅުވިއެވެ. "އޭނާއާބެހޭ އެއްވެސް ޚަބަރެއް ކޮއްކޮޔަށް ދެންނެވޭނެނަމައެވެ. ކޮއްކޮ ވަރަށް ހިތްވަރުކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. ދުވަސްކޮޅެއްވަންދެން އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ އަވަށަކަށްވެސް ނުދެވޭނެއެވެ."
سُهيل ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑުގެ ބޭބެ ދުނިޔޭގައި ހުންނެވިކަމުގައިވާނަމަ ކޮންމެވެސް ދުވަހަކުން ވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންނަށް އެތަނަށް ނުދެވޭނަމަ ދައިތާފުޅުމެންގެ ކޮންމެވެސް ނޯކަރެއް ޚަބަރު ހިފައިގެން އަންނާނެއެވެ. ބޭބެއަށް ނުރައްކާއޮތީ ހުރުމުޒުގެ ފަރާތްޕުޅުންނެވެ. އަޅުގަނޑު އަޑުއަހައިފައިވާ ގޮތުގައި ހުރުމުޒު އަވަހާރަވެއްޖެއެވެ. މިހާރު މަދާއިނަށް ވަޑައިގަތުމުގައިވެސް ބޭބެއަށް ނުރައްކަލެއް ނޯންނާނެއެވެ."
ماه بانو ވިދާޅުވިއެވެ. "ދައިތަ ގާތު ވަޢުދުވެވަޑައިގަންނަވާށެވެ. ހުރުމުޒު އަވަހާރަވުމާމެދު ޒަރުބަޚުތުގެ ކުރިފުޅުމަތީގައި އުފާވެރިކަން ފާޅުނުކުރައްވާށެވެ. އޭނާ ވަނީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައިފިއެވެ. އެހެންކަމުން އީރާނުގެ އެންމެންވެސް އޭނާގެ ނަން ފާހަގަކުރާނީ ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. ދައިތަޔަށް އެނގެއެވެ. ކޮއްކޮއަށް އޭނާއަށް މާފެއް ނުކުރެއްވޭނެއެވެ. އެކަމަކު ޒަރުބަޚުތަކީ އީރާނުގެ ސިފައިންގެ މީހެކެވެ. ހުރުމުޒުގެ ނުބައި ވާހަކަ އަޑުއައްސަވާކަށެއް އޭނާ ޤަބޫލުފުޅެއް ނުވާނެއެވެ. ކޮއްކޮޔަށް އެނގިވަޑައިގެންފައި ނެތިހިނގައިދާނެއެވެ. މުސްލިމުން އަޅުގަނޑުމެންގެ އަވަށް ހިފައިފިއެވެ. އަޅުގަނޑުމެން އެތަނުން މިއައީ އަޅުގަނޑުމެންގެ ފުރާނަޔާއި އަބުރު ސަލާމަތްކޮށްގެންނެވެ. ބައްޕާފުޅު އަވަހާރަވުމުގެ އެއްސަބަބަކީ މުސްލިމުން އަޅުގަނޑުމެން ފަހައި އައުމެވެ. އަޅުގަނޑުމެން ބައްތެއްޔަށް އަރައިގެން ކޯރު ހުރަސްކުރިއިރުވެސް އެބައިމީހުންގެ އަސްވާރެއް ކޯރުގެ މިފަރާތުގެ އައްސޭރިޔާ ހަމަޔަށްވެސް އަޅުގަނޑުމެންގެ ފަހަތަކުން ނައްޓައެއް ނުލިއެވެ. ބޭބޭފުޅުގެ އެންމެފުރަތަ ތީރުން އޭނާ ޒަޚަމުވިއެވެ. ނަމަވެސް އޭނާ މަރައިލައްވަން ބޭބެ ޖައްސަވަން އުޅުއްވި ދުނި ޖެއްސެވުން ބައްޕާފުޅު މަނާކުރެއްވިއެވެ. ބައްޕާފުޅުގެ ސަބަބުން އޭނާ ސަލާމަތްވެއްޖެއެވެ. ނަމަވެސް ބައްޕާފުޅު ތެދުވެވަޑައިގެންނެވުމާއެކު ވެއްޓިވަޑައިގެންފިއެވެ."
"ބައްޕާފުޅު އެއަނިޔާވެރިޔާ ސަލާމަތްކުރައްވާން އުޅުއްވީ ކީއްވެގެންތޯއެވެ؟"
ބައްޕާފުޅު ބިރުފުޅުގެން ވަޑައިގެންނެވީ އޭނާ މަރުވެއްޖެނަމަ އޭނާގެ އެކުވެރީން އަޅުގަނޑުމެން ދިރިތިއްބައި ދޫކޮށްނުލާނެކަން ވިސްނިވަޑައިގެން ކަމަށްވެސް ވެދާނެއެވެ. سُهيل އެވެ. ވިދާޅުވެބައްލަވާށެވެ. "އީރާނުގެ ލަޝްކަރު ކޮންމެވެސް ދުވަހަކުން އޭނާ ހައްޔަރުކޮށްފިނަމަ އަދި އޭނާ ކޮއްކޮގެ ކުރިފުޅުމައްޗަށް ހުށަހަޅައިފިނަމަ އޭނާޔަށް ހައްދަވާނީ ކިހިނަކުންތޯއެވެ؟"
سُهيل ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް އެއީ ކާކުކަމާއި އޭނާގެ ގެހުންނަނީ ކޮންތަނަކުކަން އެނގިއްޖެނަމަ އީރާނުގެ ސިފައިން އޭނާ ހައްޔަރުކުރޭތޯ އިންތިޒާރެއް ނުކުރާނަމެވެ. އޭނާ ހޯދަން އަޅުގަނޑު އެކަނިމާއެކަނިވިޔަސް ނުކުންނާނަމެވެ. އޭނާގެ ކިއްލާ ކިތަންމެ ވަރުގަދަޔަސް އޭނާގެ ހަށިފާރަވެރީން ކިތަންމެ ގިނަވިޔަސް އެކަމަކާ އަޅުގަނޑު ފަރުވާލެއް ނުބަހައްޓާނަމެވެ."
+ + + + +
ދިޖުލަތު ކޯރާއި ފުރާތު ކޯރާ ދެމެދުގައި ދިރިއުޅޭ ކްރިސްޓިއަން ޤަބީލާތަކުގެ މީހުން ހީކޮށްގެންތިބީ އީރާނުގެ ވަރަށް އާދައިގެ ލަޝްކަރެއްވެސް މުސްލިމުންގެ ކުރިއެރުން ހުއްޓުވަން ފުދޭނެކަމުގައެވެ. ނަމަވެސް މުސްލިމުން މަޒާރު ފަތަޙަކުރުމުން އެބައިމީހުންގެ މުސްތަޤްބަލާމެދު ތަންކޮޅެއް ސީރިޔަސްކޮށް ވިސްނާން ފަށައިފިއެވެ. ކްރިސްޓިޔަން ޤަބީލާތަކުގެ ވެރީން ކިސްރާ އުރުދުޝޭރުގެ ދަޢުވަތަކަށް މަދާއިނަށް ވަޑައިގެންނެވިއެވެ. ކިސްރާގެ ރުހިވަޑައިގަތުން ހޯއްދެވުމަށްޓަކައި އެއިން ކޮންމެ ބޭފުޅެއްވެސް އަނެއްބޭފުޅަކަށްވުރެ ބޮޑަށް ޖޯޝާއި ފޯރިޔާއި ހިތްވަރުފުޅާއި ޢަޒުމާއެކު ވާހަކަ ދެއްކެވިއެވެ. އޭގެ ދުވަސްކޮޅެއްގެފަހުން މަޝްހޫރުވީ ކްރިސްޓިޔަން ޤަބީލާތަކުގެ ބޮޑުން އެބޭފުޅުންގެ ޤަބީލާތަކުގެ ލަޝްކަރާއިގެން ވަލަޖާއާ ދިމާޔަށް މިސްރާބުޖައްސަވާ ޚަބަރެވެ. ބަހްމަނުގެ ވެރިކަމުގައި އީރާނުގެ ލަޝްކަރުވެސް ވަލަޖާއަށް އަންނަ ޚަބަރެވެ. ޝަހެންޝާހު އުރުދުޝާރު އާލާސްކަންފުޅާ އޮންނަވަނިކޮށް ދުވަސްކޮޅެއްގެފަހުން ލިބިވަޑައިގެންނެވީ ހުފައިރާއި މަޒާރެކޭ އެއްގޮތަށް ވަލަޖާގައިވެސް އިސްލާމީ މުޖާހިދުން އިސްލާމްދީނުގެ ނަޞްރުގެ ދިދަ ޖައްސަވައިފި ޚަބަރެވެ. މުސްލިމުންގެ އަތުން ބަލިވި ބަހުމަންގެ ލަޝްކަރު ވަލަޖާއާ މާދުރުނޫން ހިސާބަކަށް ޖަމާވަމުންދާ ޚަބަރެވެ.
ޢިރާޤުގެ ކްރިސްޓިޔަން ޤަބީލާތަކުން ވަލަޖާގެ ނާކާމިޔާބީގެ ބަދަލުހިފުމަށްޓަކައި އިހުނަށްވުރެވެސް ވަރުގަދަ ހިތްވަރަކާއި ޢަޒުމާއެކު އުއްލައިސަށް ޖަމާވާން ފަށައިފިއެވެ. އެބައިމީހުންވަނީ އިތުރު އެހީއަށްއެދި ކިސްރާގެ އަރިހަށް ޚަބަރު ފޮނުވައިފައެވެ. ވަގުތުން އުއްލައިސަށް ވަޑައިގަތުމަށް ކިސްރާ ބަހްމަނަށް އެންގެވިއެވެ. ނަމަވެސް ފުރިހަމަޔަށް ތައްޔާރުވެވަޑައިނުގެން އެއްވެސް މައިދާނަކަށް ވަޑައިގަންނަވާކަށެއް ބަހުމަން ޤަބޫލުފުޅެއް ނޫނެވެ. އެހެންކަމުން ބަހުމަން އޭނާގެ ޖަނަރަލެއްކަމުގައިވާ ޖާބާނާ ލަޝްކަރުގެ ވެރިކަން ޙަވާލުކުރައްވައިފައި ވަޑައިގަތީ މަދާއިނަށެވެ. ކިސްރާއާ ސީދާ މަޝްވަރާކުރެއްވުމަށްޓަކައެވެ. މަދާއިނަށް ވަޑައިގެންނެވުމުން ބަހުމަނަށް އެނގިވަޑައިގަތީ ޝަހެންޝާހުގެ އާލާސްކަންފުޅު ނުރައްކާތެރި މަރުޙަލާއަކަށް ގޮސްފައިވާކަމެވެ.
އީރާނުގެ ތާރީޚުގެ އެދައުރަކީ ކޮންމެ ރަސްކަލަކު އަވަހާރަވުމަކީ އައު އިންޤިލާބެއްގެ ފެށުންކަމުގައިވެފައިވާ ދުވަސްވަރެވެ. އެދުވަސްވަރު ދައުލަތުގެ ބޮޑުން ޤައުމު ރައްކާތެރިކުރެއްވުމަށްވުރެ ބޮޑަށް ވިސްނައިވަޑައިގަންނަވަމުން ގެންދެވީ ޚުދު އެބޭފުޅެއްގެ މުސްތަޤްބަލާ މެދުގައެވެ. އެހެންކަމުން ބަހްމަން މަދާއިނުގައި މަޑުކޮށްލެއްވިއެވެ. އޭނާ ލަޝްކަރާ ޙަވާލުކުރައްވައިފައިވާ ޖާބާނަށް އަންގަވައިފައިވަނީ އޭނާގެ އަމުރުފުޅަކާނުލައި އުއްލައިސަށްވުރެ ކުރިޔަށް ވަޑައިނުގެންނެވުމަށެވެ. އެތައްދުވަހެއް ވީއިރުވެސް މަދާއިނުން ޚަބަރެއް ނައުމުންވެސް ޖާބާނު ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. އެހެނީ ކްރިސްޓިޔަން ވޮލަންޓިޔަރުންގެ ޢަދަދު އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަނެއްކޮޅުން މުސްލިމުން އެންމެބޮޑަށް ސަމާލުކަން ދެމުންގެންދިޔައީ ފަތަޙަކުރެވިފައިހުރި ތަންތާނގެ އިދާރީ ހިންގުން އިޞްލާޙުކުރުމަށެވެ. ބަހުމަން މަދާއިނުން ވަރަށްބޮޑު ލަޝްކަރަކާއިގެން ވަޑައިގަންނަވާނެކަމާމެދު ޖާބާން ޝައްކެއް ނުކުރައްވައެވެ. ނަމަވެސް އެއްދުވަހެއްގެ ހަވީރު އޭނާއަށް ޚަބަރު ލިބިވަޑައިގެންނެވީ خــالــد بــن الـوليـد رضـى اللّـه عنـــه ވަލަޖާގައި އީރާނުގެ ލަޝްކަރަށް އިންތިޒާރުކުރެއްވުމުގެ ބަދަލުގައި އުއްލައިސަށް އެބަވަޑައިގަންނަވާ ކަމުގައެވެ. ވިދިގެންއައި ދުވަހުގެ މެންދުރު ނުވަނީސް އުއްލައިސުގެ މައިދާނުގައި އީރާނީ ދިދަ މުސްލިމް ޣާޒީންގެ ފައިދަށުވެ ފުނޑުފުނޑުވެއްޖެއެވެ. ޖާބާނާއި އޭނާގެ ކްރިސްޓިއަން ޙަލީފުން ފިލައިގެން ހިނގައްޖެއެވެ. މަރުވެފައިވާ އެތައްބަޔެއްގެ ހަށިތައް ފުނިފުންޏަށް މައިދާނަށް ދޫކޮށްފައެވެ. އުއްލައިސުގައިވެސް އީރާނު ލަޝްކަރު ބުރަބުރައިގެންގޮސް ވިއްސިވިހާލިވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު އާލާސްކަންފުޅާ އެނދުދާންކޮޅުގައި އޮންނެވި ޝަހެންޝާހު އޭނާގެ އެންމެފަހު ނޭވާފުޅު ދޫކޮށްލައްވައިފިއެވެ.
(ނުނިމޭ)