ރައްޔިތުންގެ މަޖިލިސް

ކައުންސިލް އިންތިހާބު ފަސްކުރާ ބިލް މިއަދަށް އެޖެންޑާކުރުމަށްފަހު މަޖިލީޙުގެ ޖަލްސާތައް ކެންސަލްކޮށްފި

އިބްރާހިމް ޒަކީ

ކޮވިޑް 19އާ ގުޅިގެން މިމަހުގެ 18 އަށް ފަސްކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާއި ހަމައަށް ފަސްކުރަން ހުށަހަޅާފައިވާ ހާއްސަ ބިލް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށްފަހު މަޖިލިސް ޖަލްސާތައް ކެންސަލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޖަލްސާ ކެންސަލްކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަށް ކަމަށެވެ.

މިއަދުގެ ޖަލްސާގެ އިތުރުން މިހަފުތާގެ ހުރިހާ ޖަލްސާއެއް ވެސް ވަނީ ކެންސަލްކޮށްފައެވެ.

މަޖިލިސް އިދާރާއިން ބުނީ މިހަފުތާގެ ޖަލްސާތައް ކެންސަލް ކުރީ، މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ގިނަ މަސައްކަތްތައް ނިންމުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެއީ މިހަފުތާގައި ކޮމިޓީތަކުގައި ހުރި މުހިންމު ގިނަ މަސައްކަތްތައް ނިންމުމަށް މެމންބަރުންނަށް ފުރުސަތު ދެއްވުމަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައި ވެއެވެ.

ކޮމިޓީތަކުގެ މަސައްކަތްތަކަށް ފުރުސަތު ދިނުމަށް މަޖިލީހުގެ ޖަލްސާތައް ކެންސަލް ކޮށްފައިވާއިރު، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލަ އާއި އެ މައްސަލައިގެ ބަހުސްގައި މެންބަރުން ހުށަހެޅުއްވި ކަންތައްތައް ދިރާސާ ކުރުމަށް މަޖިލިސް ރައީސް ވަނީ އެކި ކޮމިޓީތަކަށް ފޮނުވައިފައެެވެ.

އެކަމާގުޅިގެން ބައެއް ކޮމެޓީކަށް 17 ކަމެއް ބަލައި ދިރާސާކޮށް، ރިޕޯޓް އެކުލަވާލަން ހަވާލު ކޮށްފައިވާއިރު، އަނެއްބައި ކޮމިޓީތަކަށް އެއަށްވުރެ މަދު މަސައްކަތް ވަނި ހަވާލު ކޮށްފައެވެ.

މަޖިލިސް ރައީސް އެ މަސައްކަތްތައް ކޮމިޓީތަކާ ހަވާލު ކުރައްވާފައިވަނި ހަފުތާއެއްގެ ތެރޭގައި ނިންމުމަށެވެ.

އެކަމާގުޅިގެން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި މުއައްސަސާތައް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް އެކަންކަން ދިރާސާ ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ކޮމިޓީތަކުން ކުރިއަށް ގެންދެއެވެ.