ޓެކްނޮލޮޖީ

އެލްޖީ އިން އަލަށް ނެރޭ ފޯނަށް ކިޔާނީ އެލްޖީ ވެލްވެޓް!

މުހައްމަދު އައުޒަމް

އެލްޖީއިން ދެން އެންމެ އަވަހަށް މާކެޓަށް ނެރެން ތައްޔާރުވަމުން އަންނަ ފޯނަށް ކިޔާނަން އާންމުކޮށްފި އެވެ.

އެލްޖީ އިން ބުނެފައިވާ ގޮތުގައި އަލަށް ބާޒާރަށް ނެރޭ ފޯނަށް ދީފައިވާ ނަމަކީ "އެލްޖީ ވެލްވެޓް" އެވެ.

އެކުންފުނިން ބުނެފައިވާ ގޮތުގައި އަލަށް ނެރޭ ފޯނަށް "އެލްޖީ ވެލްވެޓް" ކިޔާފައިވަނީ އެކުންފުނިން ކުރިން ނެރެފައިވާ ފޯނުތަކުގެ ނަންތަކާއި މުޅިން ތަފާތު ނަމެއް ކިޔުމުގެ އިތުރުން ކަސްޓަމަރުން ޝައުގުވެރިކުރުވާނެ ނަމެއް ދިނުމުގެ ގޮތުންނެވެ.

އެލްޖީ އިން ވަނީ އެކުންފުނީގެ އާ ފޯން "އެލްޖީ ވެލްވެޓް" ގެ ޑިޒައިންގެ ބައެއް މައުލޫމާތުތައްވެސް އާންމުކޮށްފައެވެ.

"އެލްޖީ ވެލްވެޓް" ގެ ފަހަތުގައި "ރެއިންޑްރޮޕް" ތީމުގެ ކެމެރާ ބަރިއެއް ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ތުރީޑީ އާކް ޑިޒައިންގެ ޑިސްޕްލޭއިން ފޯނުގެ ކުރިމައްޗާއި ފުރަގަހުން ތުރީޑީ ޓެކްނޮލޮޖީ ފުރިހަމައަށް ފެންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

"އެލްޖީ ވެލްވެޓް" ބާޒާރުން ލިބެން ހުންނާނެ ތާރީހެއް ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް ބައެއް ރިޕޯޓުތަކުން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު "އެލްޖީ ވެލްވެޓް" ބާޒާރުން ލިބެން ހުންނާނެކަމަށް ބުނެފައެވެ.