ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ކެޔޮނިރު: ރާއްޖޭގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ނާޒުކު އިންތިހާބު!

މުހައްމަދު ބުޝްރީ

2

އެމްޑީޕީން ކޯލިޝަން ބޮލާލައި ޖަހައި، މަޖުލިހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމުމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޑިސެމްބަރު ތިން ވަނަ ދުވަހު ޓްވީޓް ކުރައްވާފައި ވަނީ ރައީސް ސޯލިހްގެ ސަރުކާރު ބަލިކަށި ކޮށްލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި މެޖޯރިޓީ ރައްޔިތުންގެ އުއްމީދުތަކާއެކީ އުފެދުނު ސަރުކާރު އެގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. މިއީ އެމްޑީޕީގެ ނިންމުމަށް އަލީ ޒާހިރު ދެއްވި ރައްދެއްކަން ސީދާ އެނގެން ނެތްކަމުގައި ވިޔަސް މިޓުވީޓަކީ ރައީސް ނަޝީދަށާއި އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ވެރިކަމުގެ ބާރުތައް ނަގައިދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސްގެ ޗީފް އޮފް ސްޓާފް ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.

ހަތަރު ލީޑަރުންނާއި ހަތަރު ޕާރޓީ ގުޅިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު، 2019 ވަނަ އަހަރުގެ މަޖުލިސް އިންތިހާބްވެސް ގުޅިގެން، ކޯލިޝަނެއްގެ ގޮތުގައި ވާދަ ކުރުމަށް އެއްބަސްވެ ސޮއި ކުރުމަށް ފަހު އެ ވައުދު އުވާލައި އެމްޑީޕީން ވަނީ މަޖުލިހުގެ 87 ގޮނޑިއަށްވެސް އެޕާޓީން ވާދަ ކުރަން ނިންމާފައެވެ. އެމް.ޑީ.ޕީ ގެ ޤައުމީ މަޖުލިހަށް މިކަން މިގޮތަށް ހުށަހެޅުއްވީ ޕާރޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމް.ޑީ.ޕީ އާއި ރައީސް ނަޝީދުގެ މިނިންމެވުމަށް ރައީސް ސޯލިހް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައި ނެތަސް ސިޔާސީ އެކި ފަރާތްތަކުން ދަނީ ކޯލިޝަންގައި ރެނދުލައިފި ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. މަޖުލިހުގެ މެޖޯރިޓީ ލީޑަރު، ޕީ.ޕީ.އެމް ގެ ވިލިމާފަންނު ދާއިރާގެ މަޖުލިސް މެމްބަރު އަހްމަދު ނިހާން މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެމް.ޑީ.ޕީ ގެ މިނިންމުމުގެ ސަބަބުން ކޯލިޝަންގެ މައި ތަނބު ކަމުގައިވާ ގާސިމް އިބްރާހިމް އާއި އެމް.ޑީ.ޕީ އާ ދެމެދު މައްސަލަ އުފެދިއްޖެ ކަމަށެވެ. ސިޔާސީ ދާއިރާ ދިރާސާކުރާ އެހެން ފަރާތަކުން ނަންނުޖެހުމަށް ޝަރުތުކޮށް ބުނެފައިވަނީ މިހާތަނަށް ސިޔާސީގޮތުން މަޑުމަޑުން އޮތް ސަންޓްރެވެލް ޝިޔާމްގެ އެމް.ޑީ.އޭ އާއި ޖުމްހޫރީ ޕާރޓީ އަދި އަދާލަތު ޕާރޓީ އާއި މައުމޫން ރިފޯރްމް މޫވްމެންޓް ގުޅިގެން، ރައީސް ސޯލިހްގެ ތާއިދާއެކު، ވަކި ކޯލިޝަނެއްގެ ގޮތުގައި މަޖުލިސް އިންތިހާބަށް ކުރިމަތި ލުމަކީވެސް މިހާރު އެކަށީގެންވާ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް ޔާމިނަށް ތާއިދު ކުރައްވާ، ޕީޕީ.އެމްގެ މެޖޯރިޓީ ލީޑަރ ނިހާން، ވަނީ އިދިކޮޅާ ގުޅިވަޑައިގަތުމަށް ޤާސިމަށް ދައުވަތު ދެއްވާފައެވެ. އެހެންކަމުން އެމް.ޑީ.އޭ އާއި ޖުމްހޫރީ ޕާރޓީ އަދި އަދާލަތު ޕާރޓީ އާއި މައުމޫން ރިފޯރްމް މޫވްމެންޓް ގުޅިގެން އެއްކޯލިޝަންގެ ގޮތުގައި އެމް.ޑީ.ޕީއާ ވާދަކޮށްފިނަމަ ރައީސް ޔާމިންގެ ތާއިދު އޮންނާނީ އެފަދަ ކޯލިޝަނަކަށް ކަމަށްވެސް ވެދާނެއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ކުރީކޮޅު ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެއް މިހާތަނަށް އައިސްފައިވަނީ މަރުގެ ހުކުމް ތަންފީޒުނުކޮށް ވަކި މުއްދަތަކަށް ބައިންލްއަގްވާމީ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރަން ނިންމިކަމަށް އިއުލާން ކުރުމުން އެކިފަރާތްތަކުން އެކަމަށް ފާޑު ކިއުމުން އުފެދުނު ޕްރެޝަރާއި، އިންޑިއާގެ 40 ސިފައިންނާއި އެކު އިންޑިއާގެ ދެ ހެލިކޮޕްޓަރ ރާއްޖޭގައި އޮންނަ އޮތުމަކީ ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގިނަބަޔަކު ބުނަމުން ދަނިކޮށް އިންޑިއާ ދިފާއު ކުރައްވައި ރާއްޖޭގެ އާ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވާހަކަ ދެއްކެވުމުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރެވެ. މިދެ މައްސަލަ މިހެން އޮއްވައި އެމް.ޑީ.ޕީއިން ކޯލިޝަނަށް ބުރޫއަރާ ގޮތަށް ނިންމި ނިންމުމުގެ ސަބަބުން ރައީސް ސޯލިހްގެ ސަރުކާރަށް އިތުރު ޕްރެޝަރުތައް މިހާރު ވަނީ ކުރިމަތިވެފައެވެ.

ސިޔާސީ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ މައްސަލާގައި ދިވެހި ސަރުކާރަށް މިވަގުތު އެންމެ މަސްލަހަތު ބޮޑު ގޮތަކަށް ވާނީ އިތުރު އެއްވެސް އެއްބަސް ވުމެއްގައި ސޮއި ނުކޮށް، މަރުގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ވަކި ގޮތަކަށް ނުނިންމައި، އެކަމާ މެދު އެއްވެސް ކޮޅަކަށް އެއްޗެއް ނުބުނެ އަދި ދެއަހަރު ވަރު މަޑު ކުރުމަށް ފަހު ގޮތެއް ނިންމުމެވެ. އެއީ މިސަރުކާރަށް ހިންދެމިލަން ފުރުސަތު ހޯދުމުގެ ގޮތުންނެވެ.

މި ޑިސެމްބަރ މަހު 17 ވަނަ ދުވަހު ރައީސް ސޯލިހް އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ހެލިކޮޕްޓަރާއި ރާއްޖޭގައި ބޭސްކޮށްފައި ތިބި އިންޑިއާ ސިފައިންގެ މައްސަލަ އަށް މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ. މިކަމުގައި ރައީސް ސޯލިހް ލީޑަރޝިޕް ދައްކަވަން އެބަޖެހެއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެފައިވަނީ މި ދެ ހެލިކޮޕްޓަރަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހަދިޔާއެއް ކަމަށެވެ. އެހެން ކަމުގައި ވާނަމަ ދެ ހެލިކޮޕްޓަރ ރާއްޖޭގައި ބޭއްވުމަށް ފަހު އެއާއެކު ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތް ކަމަށް ފެނެއެވެ.

މި ހެލިކޮޕްޓަރުތައް ބަލަހައްޓަން ކަމަށް ބުނެ ބޭސްކޮށްފައި ތިބި 40 އިންޑިއާ ސިފައިންގެ ތެރެއިން ބައެއް މީހުން މިހާރު ޗުއްޓީއަށް އިންޑިއާއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން އެމީހުންނަށް ނުވަތަ އެމީހުންގެ ބަދަލުގައި އެހެން ބަޔަކަށް އަލުން ރާއްޖެ އައުމަށް ވިސާ ނުދީ، މިހާރު ތިބި ސިފައިންވެސް ފޭސް ތަކަކަށް ބަހާލައިގެން ފޮނުވާލާ ގޮތަށް ނިންމުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެނެއެވެ.

ހެލިކޮޕްޓަރުގެ މައްސަލައާ ގުޅުން ހުރި އެހެން މައްސަލައެއްވެސް މިހާރު ވަނީ ތިލަވެފައެވެ. އެއީ ރާއްޖޭގެ އުތުރުން ހަނިމާދޫ އެއަރޕޯރޓްގައި އިންޑިއާގެ ޑޯރނިއަރ އެއަރކްރާފްޓަކާއި އެކު އިންޑިއާ ސިފައިން ބޭތިއްބުމަށް އިންޑިއާއިން ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކައެވެ. މިފަދަ އެއްބަސް ވުމެއްގައި ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅުގައި ސޮއި ކުރެވޭނެ ކަމަށް އިންޑިއާ އާއި ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ރިޕޯރޓް ކޮށްފައި ވެއެވެ. މިފަދަ އެއްބަސްވުމެއްގައި ރައީސް ސޯލިހް ސޮއިކުރައްވައިފި ނަމަ އެމަނިކުފާނުގެ ސަރުކާރަށްް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ، ޕްރެޝަރު ކުރިމަތިވާނެ ކަމަށް ފެނެއެވެ. އަދި މިއީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އެންމެ ފައިދާ ހުރި ކަމަކަށް ނުވާނެ ކަން ކަށަވަރެވެ.

ޗަައިނާއަށް ދިވެހި ދައުލަތުން ދޭންޖެހޭ ދަރަނީގެ ސީދާ އަދަދު އަދި މިހާތަނަށް ރަސްމީކޮށްް ހާމަ ކުރެވިފައި ނުވިއަސް އެއަދަދަކީ ގާތްގަނޑަކަށް ދޮޅު ބިލިއަން ޑޮލަރު ކަމަށް ބެލެވެއެވެ. ޗައިނާގެ "ޑެބްޓް-ޓްރެޕް" ނުވަތަ ދަރަނީގެ ދަންތުރައޭ ބުނެ، އެ ދަރަނިން ސަލާމަތް ވުމަށް އިންޑިއާއިން ލޯނު ނެގުމަކީ މޮޔަކަމެއް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ.ޝަހީދު ފަދަ ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން ދެއެވެ. މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް، ޝަރުތުތަކަކާ އެކު، ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާ ތަކުން ރިޕޯރޓް ކުރެއެވެ. މިއީ އެއްގައުމުގެ ދަރަނީގެ ދަންތުރައިން ސަލާމަތްވުމަށް އެހެން ޤައުމެއްގެ ދަންތުރާގައި ޖެހުންކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކެއެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހެލިކޮޕްޓަރާއި ޑޯނިއަރ ފްލައިޓާއި އިންޑިއާ ސިފައިން ބޭތިއްބުމާއި، އައްޑޫ ސިޓީގައި ޕޮލިސް އެކަޑެމީއެއް ހެދުމާއި، މިފަދަ ކަންކަމުގެ ސަބަބުން އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރަމުންދާ ކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް މަޖުލިސް އިންތިހާބުގައި ރައީސް ނަޝީދަށް ތާއިދުކުރާ އެމް.ޑީ.ޕީ ގެ ފަރާތްތަކަށް މަޖުލިހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝިދު ވަނީ ދެއްވާފައެވެ. އެހެންކަމުން މަޖުލިހުގެ 87 ގޮނޑިއަށް އެމް.ޑީ.ޕީން ވާދަކޮށް މަޖުލިހުގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތަކީ ޖުމްހޫރީ ޕާރޓީ އާއި އަދާލަތު ޕާރޓީ އަދި އެމް.ޑީ.އޭ އާއި މައުމޫން ރިފޯރމް މޫވްމެންޓުގެ ދައުރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުޑަކޮށް ރައީސް ނަޝީދުގެ ސިޔާސީ އެޖެންޑާ ހިންގުމަށް ކޮށޭ މަގެއްކަމުގައި ބެލެވެއެވެ.

މިހުރިހާ ކަމެއްގެ ތެރެއިން ދިވެހި ރާއްއްޖޭގެ ސިޔާސީ ކުރިމަގު 2019 ވަނައަހަރުގެ މާރޗް މަހު ބައްޓަންވެގެންދާ ގޮތަކުން ރައީސް ސޯލިހްގެ ސަރުކާރު ވެއްޓުމަކީ ވެސް އެކާށީގެންވާ ކަމެކެވެ. އެކަން އެގޮތަށް ވިޔަ ނުދިނުމަށް ޓަކައި ކޯލިޝަންގެ ބައިވެރިންނާއި އެމް.ޑީއޭ ފަދަ ޕާރޓީތަކުންވެސް ގުޅިގެން މަސަތްކަތް ކުރުމަކީ ސިޔާސީ ފިކުރު އެއްކިބާ ކޮށްފައި ޤައުމުގެ މަސްލަހަތު އިސްކުރުން ކަމުގައި ޤަބޫލު ކުރެވެއެވެ. ކުރިއަށް މިއޮތް އިންތިހާބަކީ ދިވެހިން ދިވެހީންގެ ކުރިމަގު ކަނޑައަޅާ އިންތިހާބެވެ. މިއީ ރިއާސީ އިންތިހާބަށް ވުރެ މާ މުހިއްމު އިންތިހާ ބެކެވެ. ރައްޔިތުންތިބީ ރައީސް ސޯލިހް، ޤާސީމް އިބްރާހިމް، ޝެއިހް އިމްރާން، މައުމޫން އަބްދުލް ޤައްޔޫމް އަދި އެމް.ޑީ.އޭ ގެ ލީޑަރ ޝިޔާމްފަދަ ބޭފުޅުން މިކަމުގައި ވިދާޅުވާ އެއްޗެއް ބަލަން ކެތްމަދުވެފައެވެ. މިއީ ޤައުމެއްގެ ހަޔާތުގައި ވަރަށްވެސް ނާޒުކު ދަނޑިވަޅެކެވެ!

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟