މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެ ވަޑައިގެންފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރު މިރޭ ރާއްޖެ ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށެވެ.
ޖާބިރު ވީއައިޕީން ނުކުންނެވި މަންޒަރު 'ވަން އޮންލައިން'ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ޖާބިރު ރާއްޖެ ވަޑައިގެންނެވި އިރު، އޭނާއަށް މަރުހަބާ ދެންނެވުމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރަން ފުލުހުން އެދުމުންނެވެ. އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދެވި ޖާބިރު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ.
ޖާބިރު ކުރެއްވި ޓުވީޓަކުން މިއަދު ރާއްޖެ އަންނާނެ ކަމަށާއި އޭނާ ރާއްޖެ އަންނަ ފްލައިޓުގެ ތަފްސީލް ދީފައިވީ ނަމަވެސް، މިއަދު ޖާބިރު ރާއްޖެ ވަޑައިގެންނެވިއިރު އެއްވެސް ފުލުހަކު އޭނާ ހައްޔަރުކުރުމަށް ގޮސްފައެއް ނުވެއެވެ.
ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ މީރާއިން ކުރި ދައުވާ އިރު، ދައުލަތަށް 3.6 މިލިއަން ޑޮލަރު (55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން) ސިވިލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.