އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން މިމަހު 18 އަށް ލަސްކޮށްފައިވާ އިންތިހާބު އިތުރަށް ލަސް ކުރުމުގެ މަސައްކަތް ކުރާއިރު، މިހާރު ތިބި ކައުންސެލަރުންގެ މުއްދަތު ޖޫން ތިނަކަށް ހަމަވެގެންދާ މައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ، ސުޕްރީމް ކޯޓުން ހައްލު ހޯދުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި، ކުރީގެ ނައިބު ބުރައީސް ޑރ. މުއްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މިމަހު ހަތަރެއްގައި ބާއްވަން އޮތް އިންތިހާބު މިމަހު 18 އަށް އިލެކްޝަން ކޮމިޝަނުން ފަސްކޮށްފައިވާއިރު، އެހާތަނަށްވެސް ކޮވިޑް19 ގެ ހާލަތު ރަނގަޅު ރަނގަޅުވާނެ ކަމަށް ނުބެލެވޭތީ، އިންތިހާބު އިތުރަށް ފަަސް ކުރަން ޖެހިފައިވާއިރު، އެކަމަށް ހާއްސަ ގާނޫނަކުން އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކަމަށް ގާނޫނަކުން ހައްލެއް ހޯދަން ޖެހުނީ، އިންތިހާބު އިތުރަށް ލަސް ކުރުމުގެ ބާރު އިލެކްޝަންސްއަށް ލިބިގެންނުވާތީއެވެ.
އެގޮތުން އަންނަ އަހަރުގެ ޖެނުއަރީމަހާ ހަމައަށް އިންތިހާބު ފަސްކުރުމަށް ސަންސެޓް ގާނޫނެއް ހެދުމަށް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ނަމަވެސް އެ މުއްދަތުގައި، އަންނަ ޖޫން ތިނެއްގައި މިހާރު އިންތިހާބު ކޮށްފައި ތިބި ކައުންސެލަރުންގެ މުއްދަތު ހަމަވާނެތީ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްވެެސް ވަނީ ފަށައިފައެވެ. އެހެންކަމުން ދެން ކައުންސިލް އިންތިހާބު ބާއްވައި ކައުންސެލަރުން މަގާމުތަކާ ހަވާލުވަންދެން މިހާރު ތިބި ކައުންސެލަރުންނަށް މަގާމުގައި ތިބެވޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއްވެސް ފޮނުވައިފައެވެ.
ނަމަވެސް އެ ބިލު ފޮނުވުމާ ގުޅިގެން މިދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާބެހޭގޮތުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އެކަމާމެދު މަޖިލީހުގައި ވަނީ ތިންދުވަސް ވަންދެން ބަހުސްކޮށްފައެވެ.
އެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، މިދަނޑިވަޅަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، މިއީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުނޫން ކަމަށެވެ.
ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ވަގުތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނަސްގެން ނުވާނެ ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ 253 މާއްދާގެ ތިރިއަށް ހުރި މާއްދާތަކުގައި ބުނެފައިވަނީ އެ ބުނާ ކުއްލި ނުރައްކަލުުގެ ހާލަތު އިއުލާން ކުރައްވާނީ ގަރާރަކުން ރައީސުލް ޖުމްހޫރިްޔާ ކަމަށާއި އެ ގަރާރު މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށެވެ.
ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ، މިހާލަތަކީވެސް ރައީސުލްޖުމްހޫރިްޔާ އެޕްރޫވް ކުރައްވައިގެން ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުުރެވޭނެ ކަމަށެވެ.
މި ބަހުސްގައި ބައެއް މެންބަރުންވަނީ މުއްދަތު ހަމަވާ މަގާމުތަކަށް، އިންތިހާބު ބާއްވަންދެން މީހުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދިނުމަށް ވާހަކަ ދައްކަވައިފައެވެ. އަނެއްބައި މެންބަރުން ވަނީ ވަކި ގާނޫނަކުން އެކަމަށް ފަރުވާއެއް ހޯދަން ވާހަކަދައްކަވައިފައެވެ.
މިކަމުގައި ޑރ. ޖަމީލު ފާޅުކުރައްވާފައިވާ ހިޔާލުފުޅާ އެއްްގޮތަށް ވާހަކަ ދެއްކެވީ އެންމެ ހަތަރުވަރަކަށް މެންބަރުންނެވެ.
އެ މެންބަރުން ވިދާޅުވީ ކައުންސެލަރުންގެ މުއްދަތު ހަމަވެގެން ގާނޫނީ ހުސްކަމަކަށްދާ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭނީ ސުޕްރީމްކޯޓުން ކަމަށެވެ.
ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނިކޮށް، ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމަށް އިތުރުބިލެއް މިހާރުވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ފޮނުއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބަށްޓަކައި ކަމަށް ބުނެ ގާނޫނުއަސާސީ އިސްލާހު ކުރުމަކީވެސް ނުރައްކާތެރި ކަމެއް ކަމަށެވެ.
ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެވިދާނެކަމަށާއި، ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދުސްތޫރީ ހުކޫމަތަށް ސުޕްރީމް ކޯޓުން ހައްލު ހޯދުންކަމަށް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި މި މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ގާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުން ކަމަށާއި، އެންމެ މަތީ ކޯޓަކީ ދުސްތޫރީ ކޯޓު ކަމަށާއި، ދުސްތޫރީ ކަންކަމަށް އެ ކޯޓުގެ އިހުތިސާސް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ ކަމަށް ޖަމީލު ވުދާޅުވެފައިވެއެވެ.
ޑރ.ޖަމީލު ވިދާޅުވީ، ކުރިމަތިވާ ހާއްސަ ހާލަތްތަކުގައި އެ ހާލަތުގެ ބޭނުމަށް ބަލައި، އިންތިހާބުތައް ފަސްކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކުންނާއި އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ގާއިމްކޮށްފައިވާ ގާނޫނީ ހަމަތަކުން ސާބިތުވާ ކަމަށެވެ.
"މަޖިލީހުގައި އުޅުއްވާފައިވާ ބޭފުޅަކު ގާނޫނާ ހިލާފެއް ނުވާނެ. ޖުޑީޝަރީގައި އުޅުއްވީމާ ޝަރީއަތް ކުރައްވާނީ ރަނގަޅަށް. މިވިސްނުން ވިއްކަން މެންބަރުން އުޅުއްވާނީ ގޮތް ހުސްވީމާ. އެތައް މެންބަރަކު މަޖިލީހުގައި ކޮރަޕްޝަންގެ ވާހަކަ އެބަދައްކަވާ. މަގުބޫލުކަން ލިބޭނީ ހެޔޮ ފިޔަވަޅު އެޅިގެން،" ޑރ.ޖަމީލު ވިދާޅުވިއެވެ.