ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖަިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން އެއްވެސް މެންބަރަކު މަޖިލިސް ހުއްޓުވަން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ މަޖިލީސް ވޯޓަށް ދިއުމުގެ ކުރިން ހުއްޓައިލަން ޖެހުނީ ޕީޕީއެމްގެ މެންބަރުން ގަވާއިދާ ޚިލާފަށް އަމަލު ކުރުމުން ކަމަށެވެ.
އަދި ކޮންމެ ދުވަހަކު ޖަލްސާ ހުއްޓުވަން އެފުރުސަތު ނުދެއްވާނެ ކަމަށާއި ނިސްބަތްވާ ޕާޓީގެ މެންބަރަކު ކަމުގައި ވިޔަސް އަދި އެހެން ޕާޓީއެއްގެ މެންބަރަކު ކަމުގައި ވިޔަސް ފިޔަވަޅު އަޅާނެ ކަމަށް މޫސާ ވިދާޅުވިއެވެ.
''މަޖިލީހުގެ ގަވާއިދާ ޚިލާފްވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނަން. އިއްޔެގެ ވޯޓަށް ނުގޮސް ހުއްްޓާލަން ޖެހުނީ ޕީޕީއެމްގެ މެންބަރުންގެ ސަބަބުން. ކޮންމެ ދުވަހަކު މިހެން ކަންތައްވާކަށް ފުރުސަތެއް ނުދޭނަން އަޅުގަނޑު ރިޔާސަތުގައި އިނދެގެން. އަޅުގަނޑު ނިސްްބަތްވާ ޕާޓީއެއް އެހެން ޕާޓީއަކަށް ނުބަލާނަން.'' މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން މޫސަ ވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅައިފިނަމަ، ތަކެއްޗަށް ގެއްލުން ނުދީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އަމަލުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.