ކުޅިވަރު

މުސާރަ ކުޑަ ކުރުމަށް އެއްބަސްވި ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް ފަހުން ބޯނަހެއް ދޭން ނިންމައިފި

އައިދާ އަބްދުލް ހަކީމް

މުސާރަ ކުޑަ ކުރުމަށް އެއްބަސްވި ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް ސީޒަން ފެށުމުން ފަހުން ބޯނަސް ދޭން އެކުލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ކޮވިޑް 19އާއި ގުޅިގެން ލީޑްސް ޔުނައިޓެޑް އަކީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެއްބަސްވުމަކަށް އައި އިނގިރޭސި ފުރަތަމަ ކްލަބެވެ. އެގޮތުން އެކުލަބުގެ ކޮންމެ މަހެއްގެ މުސާރަ އަށް ހަރަދުކުރާ 3.1 މިލިއަން ޑޮލަރުގެ ތެރެއިން 1.2 މިލިއަން ޑޮލަރު ސަލާމަތް ކުރުމަށްޓަކައި އެޓީމުގެ ކޯޗާއި ކުޅުންތެރިންގެ އިތުރުން އޮފިޝަލުންވަނީ މުސާރަ ކުޑަ ކުރުމަށް އެއްބަސް ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ލީޑްސްގެ ވެރިޔާ އިޓަލީގެ މަހުޖަނު އަންދްރެއާ ރަޑްރިޒާނީ ވަނީ މި ވަގުތު ކްލަބްގެ ހުށަހެޅުމަށް އެއްބަސްވެ މުސާރަ ކުޑަކުރި ކުޅުންތެރިންނަށް ފަހުން ބަދަލެއް ދޭން ނިންމައިފަ އެވެ. އެ ގޮތުން މުސާރަ ކުޑަކުރި ކޮންމެ މީހަކަށް ސީޒަނުގެ މުސާރައިގެ ދެ ޕަސެންޓް ބޯނަހެއްގެ ގޮތުގައި ދޭގޮތަށް ވަނީ ނިންމައިފަ އެވެ.

އީީއެފްއެލް ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)ގެ އެއް ވަނައިގައި ހަޕޮއިންޓާއި އެކު އޮތް ލީޑްސްއަށް ބާކީ ނުވަ މެޗު އެބައޮތެވެ. އެޓީމުން އަންނަނީ އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަށް މަސައްކަތްކުރަމުންނެވެ.