ޓެކްނޮލޮޖީ

ކޮވިޑް 19 : އެޕަލް އާއި ގޫގުލް ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރެވޭނެ އެޕެއް އުފައްދަނީ

އެޕަލް އާއި ގޫގުލް ގުޅިގެން ކޮވިޑް19ގެ ކޮންޓެކްޓް ޓްރޭސް ކުރެވޭނެ އެޕެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ޓެކްނޮލޮޖީގައި އެންމެ ބޮޑު ދެ ކުންފުނި ގުޅިގެން އުފައްދާ މި އެޕަކީ ކޮވިޑް19 ގެ ވައިރަހަށް އެކްސްޕޯސްވުމުން ނުވަތަ ދިމާވާ މީހުން ބްލޫޓޫތު މެދުވެރިކޮށް ދެނެގަނެވޭނެ އެޕަކަށް ވާނެ ކަމަށް އެކުންފުނިތަކުން ބުނެއެވެ.

މެއި މަހު ނެރުމަށް އަމާޒު ހިފައިގެން ކުރަމުން އަންނަ މި މަސައްކަތުގައި ފުރަތަމަ ނެރެނީ އެހެން ހެލްތު އެޕަކަށް އިންޓަފޭސެއްގެ ގޮތުގައެވެ. އެ އެޕަކީ އައިއޯއެސް އަދި އެންޑްރޮއިންޑް ސިސްޓަމްތަކަށްވެސް ބޭނުން ކުރެވޭނެ އެޕަކަށް ވާނެއެވެ. އޭގެ ފަހުން ކުރިއަށް އޮތް މަސްތަކުގައި އިތުރަށް ފުޅާކޮށް އެއަށްވުރެ ރަނގަޅު އެޕެއް އުފައްދާނެކަމަށެވެ.

އެއެޕްގެ މަސައްކަތާ ގުޅޭ ގޮތުން ގޫގަލް އިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހެއްނަމަ އޭނާގެ ނަތީޖާ ކޮންމެ ގައުމެއްގެވެސް ޕަބްލިކް ހެލްތު އޮތޯރިޓީ މެދުވެރިވެގެން އެޕަށް ފީޑްކުރެވޭނެ ކަމަށެވެ. އެއަށްފަހު އޭނާ އެއްވެސް މީހަކާ ބައްދަލުވެއްޖެ ނަމަ އެއެޕްމެދުވެރިކޮށް އެމީހުން ހޯދޭނެއެވެ. ނަަމަވެސް މިގޮތަށް އެޕް މަސައްކަތް ކުރާނީ ބައްދަލުވާ ދެފަރާތަކީވެސް އެޕް ބޭނުން ކުރާ ދެފަރާތަށް ވުމުންނެވެ. ކޮވިޑު ޖެހިފައިނުވާ މީހަކު ބައްޔަށް ޕޮޒިޓިވް ވި މީހަކާ ބައްދަލުވެއްޖެނަމަ އެޕުން ނޮޓިފިކޭޝަނެއް ފޮނުވާނެ އެވެ.

މިއެޕް ބޭނުން ކުރާއިރު ހުރިހާ މީހުންގެވެސް އައިޑެންޓިޓީ ސިއްރު ކުރެވިފައިވާނެ ކަމަށް ގޫގުލްއިން ބުނެއެވެ.

ކޮންޓެކްޓް ޓްރޭސިން އަކީ ކޮވިޑް19 ކޮންޓްރޯލު ކުރުމަށް ގިނަ ގައުމުތަކުން ކުރާ އެންމެ މުހިންމު މަސައްކަތެވެ. މިހާރުވެސް އިސްރާއީލާއި ތައިލެންޑް އަދި ހޮންގް ކޮންގުގައި ކޮންޓެކްޓް ޓްރޭސް ކުރުމަށާއި ކަރަންޓީނު ކުރާ މީހުން މޮނިޓާ ކުރުމަށް ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.

އެމެރިކާއިން ވަނީ ދުނިޔޭގެ ޓެކް ކުންފުނިތަކުން ކޮވިޑް19 އަށް އެހީވުމަށް އިތުރަށް ކުރެވޭނެ ކަންކަން ބަލައިދިނުމަށް އެދިފައެވެ. އެގޮތުން އެގައުމުން ވަނީ ފޯނުގެ ލޮކޭޝަން ޑާޓާ ބޭނުންކޮށްގެން ވައިރަސް ފެތުރޭ ގޮތްތައް ބެލޭނެ ގޮތްތަކެއް ހޯދައިދިނުމަށް މިދިޔަ މަހު ފޭސްބުކާއި ގޫގުލްގައި އެދިފައެވެ.

ޕްރައިވަސީ އެޑްވޮކޭޓްސްއާއި އެކްސްޕާޓުން ވަނީ ކޮންޓެކްޓް ޓްރޭސިން ޓެކްނޮލޮޖީގައި މީހުންގެ މައުލޫމާތު ހާމަވެ، ކޮވިޑް19ގެ ޕެންޑަމިކް ނިމޭއިރު މީހުނަށް ފާރަލުމަށް ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނެއްބައި ފަރާތްތަކުން ވަނީ ބްލޫޓޫތު މެދުވެރިކޮށް އެގޮތަށް ބަލިހުރި މީހަކު ދެނެގަނެވިދާނެތޯ ސުވާލު އުފައްދާފައެވެ.

އެޕަލް އާއި ގޫގަލްއިން ބުނެފައި ވަނީ މި މަސައްކަތުގައި ޕްރައިވަސީއަށް ހާއްސަ އިސްކަމެއް ދީގެން އެކަން ފުރިހަމައަށް ރައްކާކޮށްދޭނެ ކަމަށެވެ. އަދި އެޕްގައި ފެންނަން ހުންނަ އެއްވެސް މައުލޫމާތަކުން މީހާ އަކީ ކާކުކަން ދެނެގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"ޕްރައިވަސީ، ޓްރާންސްޕޭރަންސީ އަދި މީހުންގެ ހުއްދައާއެކު މިކަން ކުރުމަކީ ބަލާނެ އެންމެ މުހިންމު ކަންކަން. އަޅުގަނޑުމެން ކުރާ މަސައްކަތުގެ މައުލޫމާތުތައް އެންމެނަށް ފެންނާނެހެން ހާމަކުރާނަން. އޭރުން ބަލަން ބޭނުން ބަޔަކަށް މިކުރާ މަސައްކަތް ފެންނާނެ." ދެކުންފުނީގެ ފަރާތުން ބުންޏެވެ.