އިބްރާހިމް ޒަކީ
ކޯވިޑް 19 ވަބާއާއި ގުޅިގެން، އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ އުސޫލު މިއަދު އާއްމު ކޮށްފިއެވެ.
މިގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި، މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި، އަދި ކުށުގެ ރެކޯޑް ސާފުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ތަފުސީލު އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
ކުރިން ތާވަލުކުރެވިފައިވާ ޝަރީއަތްތަކާއި ކޮންމެހެން ކުރިއަށްގެންދަން ޖެހޭ މައްސަލަތަކުގެ ތަފުސީލާއި، ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލުވެސް އެ އުސޫލުގައި ހިމެނެއެވެ.
އެ އުސޫލުގައި ބުނެފައިވަނީ އާއްމު އުސޫލެއްގެ ގޮތުން ކޯޓު ބަންދުވާނެ ކަމަށެވެ. ނަމަވެސް އީމެއިލް އާއި ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކޯޓުގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.
އުސޫލުގައި ބުނެފައިވަނީ، އީމެއިލް، ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުއާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް ކޮވިޑް 19އާއި ގުޅިގެން، ސަރުކާރު ބަންދު ދުވަހުގެ މުއްދަތުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތިދުވަހުގެ 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވާފައި ހުންނާނެ ކަމަށެވެ.
ކޯޓުގެ ދުވަހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އުސޫލުގައި ބުނެފައިވަނީ، ކޯޓުން ކަނޑައަޅާ މުވައްޒަފުންނަށް ރިމޯޓްކޮށް އެކްސެސްދީގެން ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށެވެ.
ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ހާއްސަ އުސޫލެއްގެދަށުން، ކަނޑައެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަަލަތައް ފިޔަވައި، އެނޫން މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތް ކުރިއަށްގެންދެވިދާނެ ބާވަތުގެ މައްސަލަތަކަށް ވާނަމަ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
.
ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ލިޔުންތައް ފޮނުވާނީ އީމެއިލް މެދުވެރިކޮށް ކަމަށާއި، ފޮނުވާ މެއިލް ލިބުނުކަން ކަށަވަަރު ކުރުމަށް އިދާރީ ކަމަކާ ގުޅުން ހުރި ލިޔުމެއް ނަމަ 3007349 އަށް ޝަރުއީ ކަމަކާ ގުޅޭ ލިޔުމެއް ނަމަ 3007318 އަށް ގުޅައި ލިޔެކިއުން ސުޕްރީމްކޯޓަށް ލިބުނުކަން ކަށަވަރުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. ދައުލަތުގެ އިދާރާއަކުންނަމަ އެލިޔުމެއް ފޮނުވާނީ ޖެމްސް މެދުވެެރިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.
އެފަދަ ލިޔުންތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން މީސްމީހުންނަށް އަންގަންޖެހޭ އެންގުންތަކާއި ހުށަހަޅާ ލިޔެކިޔުންތަކުގެ ޖަވާބު ފޮނުވާނީ އެފަރާތަކުން ދީފައިވާ ރަސްމީ އީމެއިލް އެޑްރެހަށް، ކަމަށާއި، ދައުލަތުގެ އިދާރާތަކަށް ފޮނުވާ ލިއެކިޔުންތައް ފޮނުވާނީ ޖެމްސް މެދުވެރިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އުސޫލުުގައި ބުނެފައިވަނީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުން ނިމުމުން އެ ޝަރީއަތުގެ އޯޑިއޯފައިލް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެ ކަމަށެވެ. އަދި އެކި ކަންކަމުގައި ކޯޓަށް ދައްކަންޖެހޭ ފައިސާއެއް ޖަމާކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކަމާބެހޭ އެކައުންޓަށް ކަމަށްވެސް ބުނެފައި ވެއެވެ.