(06 އޭޕްރީލް ގެ އަދަދާއި ގުޅޭ)
ماه بانو ވިދާޅުވިއެވެ. "ބޭބެއަކީ މޮޔައަކީމުއެވެ. އަނިޔާވެރިޔަކީމުއެވެ. އެކަމަކު އަޅުގަނޑަކީ ބޭބެގެ ކޮއްކޮއެވެ. ބޭބެގެ ލޭފޮދާ އަޅުގަނޑުގެ ލޭ ތަފާތެއް ނޫނެވެ. އެކަން ސާބިތުކޮށްދޭން އަޅުގަނޑަށް އެންމެފަހަރަކު ފުރުސަތު ދެއްވާށެވެ. އަޅުގަނޑަށް އޭނާ ކުރިޔަށް ވަޑައިގެންނެވިޔަނުދީ ނުހުއްޓުވިއްޖެނަމަ ބޭބެގެ ދުނިއުރަ އެކަށް ހުސްކޮށްލެއްވިޔަސް އަޅުގަނޑު އެކަން މަނައެއް ނުކުރާނަމެވެ." ماه بانو އެހެން ވިދާޅުވެފައި ޒަރުބަޚުތުގެ އުނަގަނޑުފުޅުގައި އޮތް ޚަންޖަރު ކުއްލިޔަކަށް ދަންމަވައިގެންފިއެވެ. ماه بانو އެނބުރިވަޑައިގެން حسّان އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. حسّان ވަނީ ތަންކޮޅެއް ކުރިޔަށް ވަޑައިގެންފައެވެ.
ماه بانو ވިދަވިދައިއޮތް ޚަންޖަރުގެ ތުނޑު މޭފުޅުގައި ޖައްސަވައިފައި ހަޅޭފުޅުލައްވައިގެންނެވިއެވެ. "ހުއްޓިވަޑައިގަންނަވާށެވެ. އެންމެ ފިޔަވަޅެއް ކުރިއަށް އެޅުއްވިޔަސް މިބައްތެލީން ފެނިވަޑައިގަންނަވާނީ އަޅުގަނޑުގެ ފުރާނަނެތް މަސްގަނޑެވެ. ކަލާ އެއްޗެކޭ ވިދާޅުވާން ތިޔައުޅުއްވީ އަޅުގަނޑުގެ ބައްޕާފުޅުގެ އަރިހުގައި ނޫންތޯއެވެ. ބައްޕާފުޅު އަވަހާރަވެއްޖެއެވެ. އަޅުގަނޑުގެ ބޭބެ ކަލާގެ ވާހަކަފުޅެއް އަޑެއް ނާއްސަވާނެއެވެ."
حسّان ހުއްޓިވަޑައިގެންފިއެވެ.
ماه بانو ކުޑަކޮށް މަޑުކޮށްލައްވައި ވިދާޅުވެއެވެ. "ކަލާ އެނބުރިވަޑައިގަންނަވާށެވެ. ކަލާގެ އެކުވެރީންވެސް މިފަރާތަށް އަޔަނުދެއްވާށެވެ. ކަލާގެ ކޮއްކޮއާ ބެހޭގޮތުން އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުނަމަ އަޅުގަނޑު ޔަޤީންކޮށް އަރުވަމެވެ. އަޅުގަނޑުމެން އޭނާގެ ކިބަޔަކުން ކަލާގެ ދުޝްމިނުކަމުގެ ބަދަލެއް ނުހިފާނޫއެވެ."
حسّان ވިދާޅުވިއެވެ. "ޒަރުބަޚުތެވެ! އަޅުގަނޑު ކުރިޔަކަށް ނުދާނަމެވެ. އަޅުގަނޑުގެ އެކުވެރީންވެސް އަނބުރައި ފޮނުވައިލާނަމެވެ. އެކަމަކު އަޅުގަނޑަށް ވާހަކަދައްކަން ފުރުޞަތެއް ދެއްވާށެވެ. އަޅުގަނޑު ކަލާއަށްޓަކައި ގެނައީ އަމާންކަމާއި، ޞުލްޙަޔާއި އެކުވެރިކަމުގެ މެސެޖެކެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަކީ ކިސްރާގެ ސިފައިންގެ މީހަކީމެވެ. ކިސްރާގެ ދުޝްމިނަކު އަޅުގަނޑުގެ ރަޙުމަތްތެރިޔަކަށް ނުވާނެއެވެ. ދެން އަޅުގަނޑުމެން ބައްދަލުވާނީ ހަމައެކަނި ހަނގުރާމައިގެ މައިދާނުންނެވެ. ވާހަކަދައްކާނީ ކަނޑިއައްޑަނައިގެ ބަހުރުވައިންނެވެ."
"ކަލާ ބޭނުންފުޅުގޮތަކީ ތިޔައީކަމުގައިވާނަމަ މާގިނަދުވަހަކު އިންތިޒާރު ކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ."
"ماه بانو ވިދާޅުވިއެވެ. "حسّان އެވެ. ދެން ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ބައްޕަޔަށް ކަލާގެ މައްޗަށް އެއްވެސް ޙައްޤެއް ލިބިވަޑައިގެންފައިވާނަމަ އަޅުގަނޑުގެ މި އެންމެފަހުގެ އިލްތިމާސް ޤަބޫލުކުރައްވާށެވެ. އަޅުގަނޑުމެންގެ ފަހަތުން ވަޑައިނުގަންނަވާށެވެ. މިވަގުތު ވާހަކަ ދެއްކެވުމުގެ އެއްވެސް ފައިދާއެއްނެތެވެ."
حسّان ސިކުންތުކޮޅެއްވަންދެން އެއްވެސް ހިއްސެއް ހަރަކާތެއްނެތި ހުންނެވިއެވެ. އެއަށްފަހު އަނބުރައިލައްވައިފައި ކޯރުގެ އަނެއްފަރާތުގެ އައްސޭރިޔަށް ވަޑައިގެންނެވުމަށްޓަކައި މަޑުމަޑުން ހިންގަވައިގެންނެވިއެވެ. އޭރު އޭނާގެ އެކުވެރީން އަސްމަތީގައި އާދެއެވެ. ކޯރުގެ އޮއިވަރާ ހަމަޔަށް ވަޑައިގެންނެވުނުތަނާ އޭނާގެ އެކުވެރިޔެއްގެ އަހުގެ އެހީ ލިބިވަޑައިގެންފިއެވެ. حسّان ވަރަށް ބާރަށް ވިދާޅުވެއެވެ. "އެންމެންވެސް އަނބުރައިލައިފައި އަންނާށެވެ."
حسّان ގެ އެކުވެރީންކުރެ އެކަކު ދެންނެވިއެވެ. "އެކަމަކު އޭނާވަނީ ކަލާ ޤަތުލުކުރައްވަން މަސައްކަތް ކުރައްވައިފައެވެ. ކަލާގެ އަސްކޮޅުވެސް މަރައިލައްވައިފައެވެ."
"ނޫނެކެވެ. ނޫނެކެވެ. އެންމެންވެސް އެނބުރި އަންނާށެވެ. އަހަރެން ތިޔަބައިމީހުންނަށް އަމުރުކުރަމެވެ."
حسّان ގެ އެކުވެރީން ހިތާދެކޮޅަށް އަސް އަނބުރައިލައިފައި އައިކޮޅަށް ދާންފަށައިފިއެވެ. حسّان އެއްގަމަށް ވަޑައިގެންފައި އައްސޭރީގެ ވެލިގަނޑުމަތީގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ހުންނެވީ ވަރަށްބޮޑަށް ވަރުބަލިފުޅުވެފައެވެ. حسّان ގެ އެކުވެރިޔެއް އޭނާގެ ބޮލުގައި އޮތް ފަގުޑިނަގައިފައި އެއިން ފޮތިވަރެއް ވީދައިލައިގެން حسّان ގެ މުލައްދަނޑިފުޅުގައިހުރި ޒަޚަމު ބަނދެފިއެވެ. އޭނާ حسّان އަށް ދެންނެވިއެވެ. "އަޅުގަނޑު ހައިރާންވެއްޖައީމެވެ. ކަލާ އަޅުގަނޑުމެން އެބޭފުޅުންގެ ފަހަތްޕުޅުން ދާން ހުއްދަ ނުދެއްވީ ކީއްވެގެންތޯއެވެ؟ ބައްލަވާށެވެ. އެބޭފުޅުން އަދިވެސް ކޯރުގެ އައްސޭރީގައި އިށީނދެވަޑައިގެން އެބަތިއްބެވިއެވެ. ކަލާ ހުއްދަ ދެއްވައިފިނަމަ އަޅުގަނޑުމެންނަށް ދާދި ފަސޭހައިން އެބޭފުޅުން ހައްޔަރުކުރެވިދާނެއެވެ."
حسّان ޖަވާބު ދެއްވިއެވެ. "އަހަރެމެން އައީ އެބޭފުޅުން ހައްޔަރުކުރާކަށެއް ނޫނެވެ."
އެހެންމީހެއް ވާހަކަ ދެއްކިއެވެ. "އެކަމަކު އޭނާ ކަލާގެ ވާހަކަފުޅު އަޑުއައްސަވާކަށެއްވެސް ޤަބޫލުފުޅެއް ނޫނެވެ."
حسّان މޮޅިވެރި ރާގެއްގައި ޖަވާބު ދެއްވިއެވެ. "ފަހަރެއްގައި ވާހަކަ ދައްކާން މުނާސަބު ވަގުތަކަށް ނުވަނީކަމުގައި ވެދާނެއެވެ."
އެއަވަށުގެ މީހަކު ބުންޏެވެ. "ކަލާ އެބޭފުޅުންނަށް ޙަމަލަދެއްވަން އުޅުއްވާކަމަށް ޒަރުބަޚުތަށް ޝައްކުވެވަޑައިގަތީ ކަމުގައިވެސް ވެދާނެއެވެ."
"އޭނާ ހުންނެވީ ކޮންކަހަލަ ވިސްނުންފުޅެއްގައިކަމެއް ނޭނގެއެވެ. ކޮންމެއަކަސް އޭނާގެ ބައްޕާފުޅު ދެވަނަފަހަރަށް އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދެއްވައިފިއެވެ. އޭނާ އަހަންނަށް އެހީވެވަޑައިނުގެންނެވިނަމަ އަހަރެންގެ އަސް މަރުވި ތީރު ވީހީ އަހަންނަށް ވަރަށް ނުރައްކާތެރި ތީރެއް ކަމުގައެވެ."
حسّان އާއި އޭނާގެ އެކުވެރީން ކޯރުގެ އަނެއްފަރާތަށް ބައްލަވާން ތިއްބެވިއެވެ. ޒަރުބަޚުތާއި ماه بانو އާއި ދެނޯކަރުން އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. ދެންތިބި މީހުން ފާލިކީއާއި އެހެން ތަކެތި ހިފައިގެން އެބޭފުޅުންގެ ފަހަތްޕުޅުން ހިނގައިގެންފިއެވެ. حسّان އަށް އެތަން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެންފިއެވެ. حسّان އޭނާގެ އެކުވެރީންގާތު ވިދާޅުވިއެވެ. "ދަމާ ހިނގާށެވެ."
+ + + + +
ޒަރުބަޚުތު ކޯރުގެ އެފަރާތުގެ އައްސޭރީން އެންމެފުރަތަމަ އަރައިވަޑައިގެންނެވުނު އަވަށުގައި قبــاد ގެ ހަށިކޮޅުގެ އެންމެފަހުގެ ރަސްމުތައް އަދާކުރެއްވިއެވެ. އެބޭފުޅުން އެރޭ މަޑުކުރެއްވީ އެއަވަށުގެ ބިންވެރިޔާގެ ގޭގައެވެ. އެބޭފުޅުންގެ ނޯކަރުން ފިޔަވައި އަރިހުގައި ދިޔަމީހުން ތިބީ އެނބުރިދާހިތުން ކެތްތެރިކަން ކޮޅުންލައިފައެވެ. ޒަރުބަޚުތު އިރުއޮއްސުމުން އެބައިމީހުން ފޮނުއްވައިލައްވައިފިއެވެ. އެމީހުނާއެކު އެބޭފުޅުންގެ ނޯކަރަކުވެސް ފޮނުއްވިއެވެ. އޭނާގާތު ވިދާޅުވިއެވެ. "ކަލޭގޮސް އަވަށުގެ ޚަބަރު ބަލައިގެން ހަމަ މިރޭ އެނބުރި އަންނާށެވެ." އެނޯކަރު އިރާދަމުގައި އެނބުރި އަތުވެއްޖެއެވެ. އޭނާ އައިސް ޚަބަރު ދިނެވެ. އަވަށުގައި އެއްވެސް ނުރައްކަލެއް ނެތެވެ. އޮތީ އަމަންއަމާންކަމެވެ. މުސްލިމުން ތިބީ ތިޔަބޭފުޅުންގެ ހަވޭލީގެ ކުރިމަތީގައި އޮންނަ ހުސް މައިދާނުގައި ފޭލިގެ ޖަހައިގެންނެވެ. މަޒާރުގެ ހަނގުރާމައިގައި ހައްޔަރުވި މީހުންވެސް ހަވީރު އެނބުރި އަތުވެއްޖެއެވެ. އެމީހުން އައުމާއެކު އަވަށުމީހުންގެ ބިރު ފިލައިފިއެވެ. އެމީހުން ބުންޏެވެ. "މުސްލިމުންނަކީ އަހަރެމެންގެ ދުޝްމަނުންނެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެބައިމީހުން އައީ އަނިޔާވެރި ސަރުކާރެއްގެ އަތްދަށުން އަހަރެމެން ސަލާމަތްކޮށްދޭން ވެގެންނެވެ."
ޒަރުބަޚުތު ސުވާލު ކުރެއްވިއެވެ. "ކަލޭ އެއިން އެކަކުވެސް ދުށީމުހެއްޔެވެ؟"
"ސާހިބާއެވެ! އަޅުގަނޑު އޭގެތެރެއިން އެތައްބަޔަކު ދުށީމެވެ. އެންމެފުރަތަމަ އަޅުގަނޑު ސިއްރު ސިއްރުން ގޮސްވަނީ ދަނޑުވެރިޔެއްގެ ގެޔަށެވެ. އަވަށުތެރޭގައި އެއްވެސް ނުރައްކަލެއް ނެތްކަން އެގެއިން އަޅުގަނޑަށް އެނގިއްޖެއެވެ. މުސްލިމުން އިޢުލާނުކޮށްފައިވަނީ އެމީހުންނަކީ މިސަރަޙައްދުގެ އެންމެންގެ ޖާނާއި މާލާއި ޢިއްޒަތް ޙިމާޔަތްކޮށްދޭ މީހުންކަމުގައެވެ. މުސްލިމުން އައުމުން ބިރުން ޖަންގަލިތަކަށްވަދެ ފިލި މީހުންވެސް އެވާހަކައިގެ ސަބަބުން އެނބުރި އަތުވެއްޖެއެވެ. އެންމެފުރަތަމަ އަޅުގަނޑަކަށްވެސް އެވާހަކަތަކެއް ޤަބޫލެއް ނުކުރެވުނެވެ. ދެން އަޅުގަނޑު ދިޔައީ ހަނގުރާމައިގައި ހައްޔަރުވުމަށްފަހު ވީއްލިގެން އެނބުރިއައި އެކިއެކި މީހުންގެ ގޭގެއަށެވެ. އަޅުގަނޑު އެމީހުނާ ވާހަކަ ދެއްކީމެވެ. އެމީހުން ބުނިގޮތުގައި މުސްލިމުން މިނިވަންކުރީ އަޅުގަނޑުމެންގެ އަވަށުގެ މީހުން އެކަންޏެއް ނޫނެވެ. މިހިސާބުގަނޑުގެ ހުރިހައި ޢަރަބި އަސީރުން ދޫކޮށްލައިފިއެވެ. އަޅުގަނޑުމެންގެ އަވަށުގެ އެންމެންގެވެސް އެންމެބޮޑު ހިތާމަޔަކީ މަނިކުފާނު އެއްވެސް ސަބަބެއްނެތި އަވަށް ދޫކޮށްލެއްވިކަމެވެ. އެމީހުން ބުނާގޮތުގައި މަނިކުފާނު އެނބުރިވަޑައިގެންފިނަމަ މަނިކުފާނު މުސްލިމުން ދެކެވަޑައިގަންނަވާނީ އިޚްލާޞްތެރި ރަޙުމަތްތެރީންގެ ގޮތުގައެވެ. އަޅުގަނޑުގެ ސާހިބާ އަވަހާރަވީ ޚަބަރު އިވުމުން އަވަށުމީހުން ވަރަށް ހިތާމަކުރިއެވެ."
ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "އަހަރެން އޮންނާނީ ބައްޕާފުޅު އަވަހާރަވީ ވާހަކަ އެމީހުންގެ ގާތުގައި ބުނުން މަނާކޮށްފައެވެ."
"ސާހިބާއެވެ. އަޅުގަނޑުމެން އަވަށަށް ދިޔައިރުވެސް ބައްތެލީގެ ފަޅުވެރީންގެ ތެރެއިން ކޮންމެވެސް މީހަކު ވަނީ އަވަށުމީހުންނަށް އެޚަބަރު ދީފައެވެ. އަޅުގަނޑާ އެކުގައިދިޔަ މީހުންކުރެ މީހެއްގެ ފަރާތުން މަނިކުފާނު މިރޭ މިއަވަށުގައި މަޑުކުރައްވާނެކަން އެނގުމުން ވަރަށްގިނަ މީހުން ފައިންޕުޅު ދެކެން އަންނާންވެގެންވެސް އުޅުނެވެ. މުސްލިމުން ކޮމާންޑަރުގެ އަރިހަށް އަޅުގަނޑު ގެންދާންވެސް އުޅުނެވެ. މިހާރު މާބޮޑަށް ދަންވެއްޖެއޭ މާދަން ހެނދުނު ދާނީއޭ ބުނެފައި އަޅުގަނޑު އެވާހަކަ އޮއްބައިލައިފީމެވެ. މުސްލިމުން މަނިކުފާނުގެ ފަހަތްޕުޅުން ދެވަނަފަހަރަށް އަތުވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ."
ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ކަލޭ ތިޔަ ބުނަނީ އެމީހުން މިރޭ ރޭގަނޑު މިއަވަށުން އަހަރެމެން ހައްޔަރުކުރުމަށްވުރެ މާދަމާ ދުވާލު މިއަވަށާ ދެތިން ކޯހެއްގެ ދުރުން އަހަރެމެން ހައްޔަރުކުރުމުގެ ނުރައްކާ މާކުޑަވާނެކަމުގައި ދެކޭނެކަމުގައި ހެއްޔެވެ؟"
ނޯކަރު ފިކުރު ބޮޑުވެފައިހުރެ ޖަވާބު ދިނެވެ. "ސާހިބާއެވެ! އެއީ އަޅުގަނޑަށް ހީވީ ކުށް ހީއަކަށްވެސް ވެދާނެއެވެ. އަވަށުގެ އެތައްބަޔަކު ތަރުކާރުކޮށް ބުނެފައިވަނީ މުސްލިމުންގެ ކޮމާންޑަރު މަނިކުފާނުގެ އަރިހަށް އައީ އެކުވެރިކަމުގެ ސިޓީއެއް ހިފައިގެން ކަމުގައެވެ."
"އެހެންވީއިރު އިރުއެރުމާއެކު އަވަށުގެ މޮޔައިންތައް މުސްލިމުން ގޮވައިގެން މިތަނަށް އަންނާން މަސައްކަތް ކުރާނެއެވެ." ޒަރުބަޚުތު އެހެންވިދާޅުވެފައި އޭނާގެ މޭޒުބާނާ ދިމާޔަށް ވިދާޅުވިއެވެ. "އަޅުގަނޑު މުސްލިމުންގެ ކޮމާންޑަރު ދަންނަމެވެ. އޭނާ ބޭނުންފުޅުވަނީ އަޅުގަނޑުމެން ޤަތުލުކުރެއްވުމުގެ ބަދަލުގައި ދިރިތިއްބައި ހައްޔަރުކުރައްވާށެވެ. އިއްޔެ ހަވީރު ކޯރު ހުރަސްކުރިއިރު އަޅުގަނޑު އެންމެފަހު ނޭވާޔާ ހަމަޔަށްވެސް އޭނާއާ ކުރިމަތިލާނެކަން ޔަޤީންކޮށް ނުދިންނަމަ އޭނާ އަޅުގަނޑުމެންގެ ފަހަތަކުން ނައްޓައެއް ނުލައްވާނެއެވެ. މާދަމާ އަވަށުމީހުން ގޮވައިގެން އޭނާ ވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންގެ ސަބަބުން ކަލާއަށް މުސީބާތެއް ކުރިމަތިވާކަށެއް އަޅުގަނޑު ނޭދެމެވެ. އަޅުގަނޑުމެން ހަމަމިހާރު ދަތުރު ފަށާނީއެވެ. ކަލާ އަޅުގަނޑުމެންގެ އެއްޗެހި ގެރިގާޑިޔަލެއްގައި މަދާއިނަށް ފޮނުއްވާށެވެ. އަޅުގަނޑު ވަރަށް އަވަހަށް އީރާނުގެ ބޮޑު ލަޝްކަރަކާއެކު އެނބުރި އަންނާނަމެވެ. އަޅުގަނޑު އެންމެ އިސްކަމަކަށް ހަދާން ބޭނުންވަނީ އަޅުގަނޑުގެ ކޮއްކޮ ވީއެންމެ އަވަހަކަށް މަދާއިނަށް ގެންދިޔުމެވެ."
+ + + + +
ޒަރުބަޚުތާއި ماه بانو އާ ދެބީނުން ކުޑައިރުކޮޅެއްގެފަހުން އެބޭފުޅުންގެ މޭޒުބާނުގެ ގެއިންބޭރަށް ނިކުމެވަޑައިގެންފިއެވެ. އެބޭފުޅުންގެ ހަތަރު ނޯކަރުން އަސްތަކުގެ ލަގަނުގައި ހިފަހައްޓައިގެން ގޯތިތެރޭގައި ތިއްބެވެ. އެބޭފުޅުންގެ އެއްޗެހިކޮޅުހުރީ ގެރިގާޑިޔަލަކަށް އަރުވައިފައެވެ. ޒަރުބަޚުތު ނޯކަރުންގެ ތެރެއިން އެކަކު ގާތުގައި ސާމާނުތަކާއެކު ދާން ވިދާޅުވިއެވެ. ދެމީހަކަށް އެބޭފުޅުންގެ އަރިހުގައި އަންނާން އެންގެވިއެވެ. ހަތަރުވަނަޔަށް ހުރީ އަވަށުގެ ޚަބަރު އޮޅުންފިލުއްވުމަށްޓަކައި ކުރީންވެސް ފޮނުވި މީހާއެވެ. ޒަރުބަޚުތު އޭނާގެ ގާތުގައި ވިދާޅުވިއެވެ. "ނިކަން އަޑުއަހައިބަލާށެވެ! އަހަރެން އަނެއްކާވެސް ކަލެޔާ މަސްއޫލިއްޔަތެއް ޙަވާލުކުރަމެވެ. ކަލޭ އެނބުރި ގެއަށް ދާށެވެ. އަވަށުމީހުންގެ ގާތުގައި ބުނާށެވެ. އަހަރެމެން އިރުއޮއްސުމާއެކު މަދާއިނަށްދާން ފުރައިފިއެވެ. މަގުމަތީން މުސްލިމުންނާ ދިމާވެއްޖެނަމަ އެމީހުންގެ ގާތުގައި ބުނާށެވެ. މިހާރު އަހަރެމެން އެތައް ކޯހެއްގެ ދުރަށް ހިނގައިދާނެއެވެ. ދަތުރުކުރި މަގުމަތީން އީރާނީ ސިފައިންގެ ގެމައެއްވެސް އަހަރެމެންނާ ގުޅިއްޖެއެވެ. ކާއޫސް ގާތު ބުނާށެވެ. އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނެއެވެ."
ޒަރުބަޚުތު ނޯކަރުންނާ ކަންކަން ޙަވާލުކުރައްވައިފައި ފޮނުއްވައިލެއްވުމަށްފަހު ماه بانو އަސްމައްޗަށް ސަވާރުކޮށްދެއްވިއެވެ. އެއަށްފަހު އެބޭފުޅުންގެ މޭޒުބާނާ މުސާފަޙާކުރައްވައިފައި އޭނާވެސް އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.
ފަތިސްވެ އިރަށް ދޮންކޮށްލިއިރު އެބޭފުޅުން ތިއްބެވީ އަވަށެއްގެ ބޭރުގައިހުރި ވަޅެއްގެ ކައިރީގައި މަޑުކުރައްވައިގެންނެވެ. އެބޭފުޅުންގެ ވަރުބަލިވެފައިވާ އަސްކޮޅުތަކަށް ފެންދެއްވުމަށްޓަކައެވެ. ماه بانو އިންނެވީ ވަރަށްބޮޑަށް ވަރުބަލިފުޅުވެފައެވެ. ޒަރުބަޚުތު ނުހަނު ލޯބިފުޅުން ماه بانو އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. "މިތަނާ އެންމެ ހަތަރު ކޯހުގެ ދުރުގައި އަޅުގަނޑުމެންގެ ސިފައިންގެ ޗެކްޕޯސްޓެއް ހުންނާނެއެވެ. އެތަނަށް ދެވެމުން އަޅުގަނޑުމެންނަށް އަރާމުކުރެވިދާނެއެވެ. އޭގެ އެކޮޅަކަށް އަޅުގަނޑުމެންނަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ."
ماه بانو ޖަވާބެއް ނުދެއްވިއެވެ. އަސްތަކަށް ފެންދެއްވައި ނިމިވަޑައިގަތުމުން އޭނާ ދަތުރު ފައްޓަވައިފިއެވެ. ގާތްގަނޑަކަށް ކޯހެއްހައި ތަނަށް ވަޑައިގެންފައި ماه بانو އޭނާގެ އަހުގެ ލަގަނަށް ދަންމަވައި އަސް މަޑުކޮށްލައްވައިފިއެވެ. ނޯކަރުންވެސް އެމީހުންގެ އަސްތައް މަޑުކޮށްފިއެވެ. ޒަރުބަޚުތު ތަންކޮޅަކަށް ވަޑައިގެންނެވުމަށްފަހު އަސް އަނބުރައިލައްވައިފައި އޭނާގެ ކޮއްކޯފުޅުގެ އަރިހަށް ވަޑައިގެން ހަޅޭފުޅު ލައްވައިގެންނެވިއެވެ."
"ކީއްވީތޯއެވެ؟ ކޮއްކޮ މަޑުކޮށްލެއްވީ ކީއްވެގެންތޯއެވެ؟"
"ބޭބޭފުޅާއެވެ! ތަންކޮޅެއް މަޑުން ވަޑައިގަންނަވާށެވެ. އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ." ماه بانو އެހެން ވިދާޅުވެފައި އަސްމަތީން ފައިބައިވަޑައިގެންފިއެވެ. އޭނާ އިސްތަށިފުޅުގައި ދެއަތްޕުޅުން ހިފަހައްޓަވައިގެން ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ.
ޒަރުބަޚުތު ވިދާޅުވިއެވެ. "ކޮއްކޯއެވެ. ކޮއްކޮޔަށް އުނދަގޫފުޅުވާނެވަރު ބޭބެއަށް އެނގެއެވެ. އެކަމަކު ތަންކޮޅެއް ހިތްވަރުކުރައްވާށެވެ. ނުރައްކާތެރި ސަރަޙައްދުން އަދިއެއް އަޅުގަނޑުމެންނަކަށް ބޭރަކަށް ނުނިކުމެވެއެވެ."
ماه بانو ތެދުވެވަޑައިގެންފިއެވެ. އޭނާ އަހުގެ ބާރުގައި ކޮޅަށް ހުންނެވުމަށްޓަކައި އަސްދާނަގޮނޑީގައި ދެއަތްޕުޅު އަޅުއްވައިލައްވައިފައި ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! އެ ނުރައްކަލަކަށް ފިލައިވަޑައިގަންނަވަން ބޭބެ ތިޔަ ދުވެވަޑައިގަންނަވާ ނުރައްކާ ކޯރު ހުރަސްކުރެއްވުމާއެކު ފިލައިފިއެވެ. އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ."
"ماه بانو އެވެ. ބޭބެއާ މެދަކު ބިރެއް ނެތެވެ. ބޭބެ ފިލާން މިދުވަނީ ކޮއްކޮޔާ ހުރެއެވެ. އެކަމަކު ކޮއްކޮގެ ވިސްނުންފުޅަކަށް އަދިވެސް އެކަމެއް...." ޒަރުބަޚުތު އެހެންވިދާޅުވެފައި ވާހަކަފުޅު ހުއްޓައިލެއްވިއެވެ. އޭނާ ނޯކަރުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ތިޔަބައިމީހުން މަޑުމަޑުން ކުރިޔަށް ދާށެވެ. އަހަރެމެން އެބައަންނަމުއެވެ."
ނޯކަރުން އޭނާގެ އަމުރުފުޅަށް ތަބާވިއެވެ. އެބައިމީހުން ތަންކޮޅެއް ދުރަށްދިޔުމުން ޒަރުބަޚުތު ވިދާޅުވިއެވެ.
"މިހާރު ކޮއްކޯފުޅަށް ވިސްނިވަޑައިގަންނަވަންވާނެއެވެ. އޭނާގެ މަޤްޞަދަކީ ބޭބެއާއެކު ބާރު ވަޒަންކުރެއްވުމެއް ނޫނެވެ. ކޮއްކޮ ހައްޔަރުކުރެއްވުމެވެ. އަޅުގަނޑުމެންނާއި އޭނާއާ ދެމެދު ކޯރުގެ ފެންގަނޑާއި އެއަށްފަހު ބޭބެގެ ތީރު ހުރަސްނޭޅިނަމަ އޭނާ އެނބުރި ވަޑައެއް ނުގަންނަވާނެއެވެ. ހަނގުރާމައިގައި ހައްޔަރުވި މީހުން މިނިވަންކުރައްވައިގެން ގެންނެވުމާއި އަޅުގަނޑުމެންގެ އަވަށުގެ މީހުންދެކެ މާބޮޑަށް ލޯބިފުޅުވާކަމަށް ހެދިވަޑައިގެން އުޅުއްވުމުގައި އޭނާގެ މަޤްޞަދަކީ އަޅުގަނޑުމެންނަށް މަކަރެއް ހެއްދެވުން ފިޔަވައި އެހެންކަމެއް ނޫނެވެ. އޭނާގެ ބޭނުންފުޅަކީ އަޅުގަނޑުމެންނަކީ އޭނާގެ ބާރުގެ ދަށުގައި ތިބިބަޔަކަށް ހެއްދެވުމެވެ. އޭނާ އަޅުގަނޑުމެންގެ ދަނޑުވެރީންނާއި ނޯކަރުން ހިތްހަމަޖައްސައިދެއްވީ އަޅުގަނޑުމެން އެކަމަށް ހެއްލިގެން އެނބުރި އަވަށަށް އަތުވެދާނެކަމުގެ އުންމީދުގައެވެ. އިރުއެރުމާއެކު އަވަށުގެ މޮޔައިން އޭނާގެ އަރިހުގައި އަޅުގަނޑުމެން ކޯރާ މާދުރުނޫން އަވަށެއްގައި މަޑުކޮށްގެން ތިބިވާހަކަ ދަންނަވާނެއެވެ. އޭނާ ހިނދުކޮޅެއްވެސް ނަންގަވައިނުލައްވައި އެއަވަށަށް ވަޑައިގަންނަވާނެއެވެ. މިހާރު އަޅުގަނޑުމެންގެ އަވަށަށް ޖަމާވެފައިވަނީ ކިހައި މުސްލިމުންނެއްކަމެއްވެސް ނޭނގެއެވެ. ބޭބެގެ ދުނިއުރަ ހުސްވެގެން ބޭބެގެ އަނގުންތައް ބުރިކޮށްފާނެތީކީ ބޭބެ ބިރެއް ނުގަނެއެވެ. ނަމަވެސް އޭނާ ކޮއްކޮ ހައްޔަރުކުރައްވައިގެން ގެންދަވާތަން ދެކޭކަށެއް ބޭބެއަށް ލާހިކެއް ނޫނެވެ."
(ނުނިމޭ)