މާތްﷲ ގެ ރުއްސުވުމާއި ފާފަ ފުއްސެވުން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީނުގެ އެންމެ މަތިވެރި އަސާސަކީ ﷲ ތައާލާ އެއްކައުވަންތަ ކުރުން ކަމަށާއި ހައްގު ގޮތުގައި ﷲ އެއްކައުވަންތަ ކުރުން ކަމަށެވެ. އަދި ހައްގު ގޮތުގައި އިހުލާސްތެރިކަމާއެކު ޝިރުކުން އެއްކިބާވެ، އެކަމުން މުޅިން ބަރީއަވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައިފައެވެ.
"އަޅުގަނޑުމެންގެ ކޮންމެ މީހަކީ ގަދަކީރިތިވަންތަ ﷲ ތައާލާގެ އަޅަކީމެވެ. އަޅުގަނޑުމެންނަށް ފެށުމެއް ވީފަދައިން، ނިމުމެއް އޮންނާނެއެވެ. އެ ނިމުމާ އަޅުގަނޑުމެންނާ ބައްދަލުވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ދިރިހުރިހައި ހިނދަކު މިވަނީ އަމަލުކުރުމުގެ ފުރުސަތު ލިބިފައިވާ ވެއްޓެއްގައެވެ. އަދި ހަމަ އެފަދައިން އަހަރެމެން އެންމެން މި ތިބެނީ މަރުގެ ތުންފަތް މަތީގައިވެސް މެއެވެ. ދިރިހުރުމާއި މަރާ ދެމެދު، މިއޮތް ވަގުތުކޮޅުގެ ތެރޭގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެއެވެ. ބޭނުންހައި މަގެއް ހިޔާރުކޮށްގެން ވެސް ނުމެވާނެއެވެ. އޭގެ ބަދަލުގައި، ގަދައަޅައި މަސައްކަތްކުރަން ޖެހޭނީ ﷲ ތައާލާގެ ރުއްސެވުމާއި ފާފަ ފުއްސެވުން ހާސިލުކުރުމަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މިއީ އިމްތިހާނުގެ ހަޔާތެއްކަން ދަނެ، އަމަލުތައް ސީދާ ކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި އިއުތިގާދާއި، ބަހާއި އަމަލުތައް ﷲއަށް ހާސިލުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ، ލާ ކޮންމެ ނޭވާއަކީ ﷲ ތައާލާ އެއްކައުވަންތަކުރުން ރަމްޒުކޮށްދޭ އަމަލެއް ކަމުގައި ހެދުމަށް ނުހަނު ގަދައަޅާ މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އޭރުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަމަން އަމާންކަން ގާއިމުވާނެއެވެ. ސިލްމާއި ސަލާމަތްކަން އާއްމުވާނެއެވެ. ސާދާ ސީދާ ދިރިއުޅުމަކަށް މުޖުތަމައު މިސްރާބު ޖަހާނެއެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އުފެދޭނެއެވެ. އަނބިންނާއި ފިރިންގެ މެދުގައި އުލްފަތާއި ކުލުނު އުފެދޭނެއެވެ. އަދި މައިންބަފައިންނާއި ދަރިންގެ މެދުގައި ރުހުމާއި ލޯބި އުފެދި، އެންމެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ކަމަރުން ބަނދެވިގެންދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ހައްގު ގޮތުގައި ﷲ ތައާލާ އެއްކައުވަންތަ ކުރުމަކީ ނަރަކައިން މިންޖުވެ، ސުވަރުގެ ހާސިލުވާނޭ ސަބަބެއް ކަމަށެވެ.