ރިޔާސީ އިންތިހާބު

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކޮށްދިނުމަށް ޕީޕީއެމުން އީސީގައި އެދިއްޖެ

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކޮށްދިނުމަށް ޕީޕީއެމުން އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ދާއިމީ ނަތީޖާ ފަސްކޮށްދިނުމަށް އެދުމާއެކު މާދަމާ ބާއްވާ އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ޕީޕީއެމުން އިންތިހާބު ބާތިލްކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއޯއޯ އަހްމަދު ބުންޔާމީން އިސްވެ ހުންނަވައި، އިލެކްޝަންސް ކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހަޅަމުންދާ ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.

އިންތިހާބާ ގުޅޭ ޝަކުވާތައް ވީ އެންމެ އަވަހަކަށް ޕާޓީގެ އޮފީހަށް ހުށަހަޅުއްވައި ދެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންގެ ކިބައިން، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ވެސް ވަނީ އެދިވަޑައިގެންފައެވެ. ޕީޕީއެމް ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުގައި ނިހާން ލިޔުއްވާފައިވަނީ އިންތިހާބުގައި ގެޒެޓްކުރި ވޯޓާސް ލިސްޓުގައި ނަން އޮވެފައި، ވޯޓު ދޭން ދިޔައިރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ހުށަހެޅެމުންދާ ކަމަށެވެ.

ޕީޕީއެމްގެ ރަސްމީ ބަހެއް އަދި ލިބިފައިނުވި ނަމަވެސް، އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އިންތިހާބާ ގުޅޭ އެކިއެކި މައްސަލަތައް ހުށަހެޅެމުންދާ ކަމަށާއި އެ ޝަކުވާތައް ހުށަހަޅަން ޖެހޭ އިދާރާތަކަށް ޝަކުވާ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.