ކޮވިޑް19 އަށް އެހީވުމަށް މަސައްކަތް ކުރާ ހަތަރު އަންހެނަކަށް މަގުބޫލު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ފަރާތުން އެއްލައްކަ ޑޮލަރު ހަދިޔާ ކޮށްފިއެވެ.
އެކަން ޕްރިޔަންކާ އިއުލާނު ކުރީ އިންސްޓަގްރާމުގައި ކުރި ލައިވެއްގައެވެ. އެލައިވްގައި އޭނާ ވަނީ މިމަސައްކަތުގައި ބުރަކޮށް އެހީވާ ހަތަރު އަންހެނެއްގެ ނަން ފާހަގަކޮށްފައެވެ.
އެހަތަރު އަންހެނުންނާ ގުޅޭ ވާހަކަތައް ހިއްސާކުރުމަށްފަހު ކެޕްޝަނުގައި ޕްރިޔަންކާ ވަނީ އެމީހުން ނޮމިނޭޓްކޮށްދިން މީހުނަށް ޝުކުރު އަދާކޮށްފައެވެ. އެމީހުންނަކީ މިހާލަތުގައި ދިމާވަމުންދާ ހުރިހާ ދަތިތަކެއް ކަޑައްތުކޮށް ބަލިން ރައްކާތެރިކޮށްދިނުމަށް އަދި އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހުން ކަމުގައި ޕްރިޔަންކާ ފާހަގަކުރިއެވެ. އެހަތަރު މީހުންގެ ނަމަކީ އެމިލީ، ޖޯ، ޖަޔާ އަދި ޖެނީއެވެ.
އެގޮތުން އެމިލީ އަކީ އީއާރުގައި މަސައްކަތް ކުރާ ނަރުހެކެވެ. އާއިލާ ސަލާމަތުން ބޭތިއްބުމަށް އެމީހުންނާ ވަކިން ދިރިއުޅުން ބަދަލުކޮށް އޭނާ ގެންދަނީ ކޮންމެ ދުވަހަކުވެސް އީއާރައަށް ދާ ބަލީ މީހުނަށް އެހީވުމުގައި ވަގުތު ހޭދަކުރަމުންނެވެ.
ޖޯ އަކީ ކެއާ ފެސިލިޓީއެއްގައި ބަލި މީހުނަށް އެހީވަމުން އަންނަ އަންހެނެކެވެ. ޖަޔާ ވަނީ އޭނާގެ ވަގުތާއި ފައިސާ ހަރަދު ކޮށްގެން އެން95 މާސްކު ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުނަށް ހަދިޔާ ކޮށްފައެވެ. ޖެނީ ވަނީ ފީޑިން ހީރޯސްގެ ނަމުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކާތަކެތި ފޮނުވައިދުނުމުގެ މަސައްކަތެއް ފަށާފައެވެ.
ޕްރިޔަންކާ އާއި ފިރިމީހާ ނިކް ޖޯނާސް ވަނީ ކޮވިޑް19އާ ގުޅިގެން ޗެރިޓީ އޯގަނައިޒޭޝަން ތަކަށްވެސް ގިނަ ގޮތްގޮތުން އެހީވެދީފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ޕީއެމް ކެއާސް ފަންޑާއި ފީޑިން އެމެރިކާ އޯގަނައިޒޭޝަން ފާހަގަކޮށްލެވެއެވެ.