ރަންވީރު ސިންގްގެ ފިލްމް "ސިމްބާ" ގެ ޓްރެއިލާ އިއްޔެ ރިލީސް ކޮށްފައިވާއިރު، ރަންވީރު މިވަނީ ފިލްމުގެ ޑައިރެކްޓަރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
ރޯހިތު ޝެޓީގެ މަސައްކަތް ފެނިފަ ހައިރާންވި ކަމަށް ބުނަމުން ރަންވީރު ބުނީ މި އިންޑަސްޓްރީގައި ލީޑުކުރާ ހުރިހާ ބަތަލުންވެސް ރޯހިތުއާ އެކު މަސައްކަތް ކުރަން ބޭނުންވާނެ ކަމަށެވެ.
ސިންބާ އަކީ ރަންވީރު ރޯހިތުއާ އެކު މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި ރަންވީރު ކުޅެނީ ފުލުހެއްގެ ރޯލެވެ.
ރޯހިތު ގޮތަށް އެއްވެސް މީހަކަށް ހީރޯއިންގެ ބައި ނުގެނެސްދެވޭނެ ކަމަށް ބުނަމުން ރަންވީރު ބުނީ ރޯހިތުގެ ފިލްމެއްގެ ލީޑް ރޯލު ކުޅެން ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ރަންވީރު ވަނީ މީގެ ކުރިން ރޯހިތުގެ އިޝްތިހާރެއްގައި މަސައްކަތް ކޮށްފައެވެ. އޭރުވެސް ރަންވީރު ވަނީ ރޯހިތުގެ ފިލްމެއްގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
"ރޯހިތު ގެ ފިލްމެއްގައި މަސައްކަތް ކުރަން ކުރިންވެސް ބޭނުންވި. ނަމަވެސް އެއީ އެހާ ފަސޭހައިން ވާ ކަންކަމެއް ނޫން. އެއީ ލިބޭ އެއްޗެއް ނޫން. މަސައްކަތް ކޮށްގެން ހޯދޭ އެއްޗެއް. ވަރަށް ބުރަ މަސައްކަތް ކޮށްގެން މި ރޯލު ލިބުނީ. ވަރަށް ބޭނުން ވެފަ ހުރި ކަމެއް މީ" ރަންވީރު ބުންޏެވެ.
ރަންވީރު އިތުރަށް ބުނީ ސިންބާ ގައި ހުރިހާ ވައްތަރެއްގެ އިހުސާސް އެކުލެވިގެން ވާ ކަމަށާއި މިއީ އެކްޝަން ޑްރާމާ ފިލްމެއް ކަމަށެވެ.