މެލޭޝިއާގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިކަން އާންމުކޮށްފައި ވަނީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހީން ހިމެނޭ ރަސްމީ ވައިބަރު ގުރޫޕެއްގައި އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ފަރާތުންނެވެ.
"މިއަދު މެލޭޝިއާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައި ވުމުން، އެކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ކުރަމުންދާ ވާހަކަ ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ އޮފިޝަލު އެ ވައިބަރު ގުރޫޕުގައި ވިދާޅުވެފައި ވެއެވެ.
އެއީ ކޮން ސަރަހައްދެއްގައި ދިރިއުޅޭ މީހެއްތޯ ބައެއް މީހުން ސުވާލު ކުރުމުން، ހައިކޮމިޝަނުގެ އެހެން އޮފިޝަލަކު ވަނީ އެކަންކަން ސާފުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
ހައިކޮމިޝަނުން މިހެން ވިދާޅުވި އިރު، މެލޭޝިއާގެ ރަސްމީ އިދާރާތަކުން ނެރެފައިވާ ކޮވިޑް ރިޕޯޓުގައި ރާއްޖޭގެ އެކަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ.