ޕޮލިސް

އިންނަމާދޫގައި ބިދޭސީއަކަށް އަނިޔާކޮޮށްގެން ހައްޔަރު ކުުރުމުން ކޯޓުން ދޫކޮށްލި ދެމީހުން، އަނެއްކާވެސް ހައްޔަރުކޮށްފި

އިބްރާހިމް ޒަކީ

ރ. އިންނަމާދޫގައި މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލި ދެ ދިވެހިން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެދިވެހިން އަނެއްކާ ހައްޔަރު ކުރީ، އެ މީހުން ދޫކޮށްލި މައްސަލަ، އިއްޔެ އިންނަމާދޫ ކޯޓުން އަލުން ރިވިއު ކުރުމަށްފަހު ތުހުމަތު ކުރެވޭ، ދެމީހުން ހައްޔަރު ކުރުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، އެމީހުންގެ ބަންދަށް ހަތްދުވަސް ޖަހާފައިވާ ކަމަށެވެ.

ރ. އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި އެ ދެމީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އެދެމީހުންގެ މުއްދަތު ޖަހަން އިންނަމާދޫ ކޯޓަށް ހުށަހެޅުމުން އާދިއްތަ ދުވަހު އެދެމީހުން ކޯޓުން ވަނީ ދޫކޮށްލައިފައެވެ

ފުލުހުން ބުނީ، އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް މީހެއްގެ ގައިގައި ތަޅައިގަނެ ހިންގި މާރާމާރީގައި އެ ބިދޭސީ މީހާގެ ނޭފަތް މަތިން ފަޅައިގެން ގޮސް ދުޅަވެފައިވުމާއި ވާއަތު ލޯކައިރިން ފަޅައިގެން ގޮސްފައިވުމާއެކު މުޅި މޫނުމަތި އެއްކޮށް ދުޅަވެފައިވާ ކަމަށާއި އެ މައްސަލައިގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން 48 އަހަރާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކުރި ކަމަށެވެ.

ފުލުހުން ބުނީ، އެ މާރާމާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަށް އޭނާ ފެން ދޭން ހުއްޓައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެން ބުރާތީވެ، "ބޭބެ ފެންޖަހާއިރު މި ތަކެއްޗަށް ފެން އަންނަނީއޭ" އެތަނުން ބިދޭސީ މީހަކު އެމީހާޔާ ދިމާއަށް ބުނުމުން ހިތްހަމަ ނުޖެހިގެން ކަމަށް އެނގިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އިންނަމާދޫ ކޯޓަށް ގެންދިއުމުން އެ ދެމީހުން ކޯޓުން ދޫކޮށްލީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި ޑޮކްޓަރުގެ ލިޔުމާއި މަންޒަރު ދުށްފަރާތުގެ ބަޔާން ވެސް ކޯޓަށް ހުށަހަޅާފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެދެމީހުން އަނެއްކާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި މިވަނީ، އެމީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނިކޮށެވެ.

އެ ދެމީހުން އިންނަމާދޫކޯޓުން ދޫކޮށްލުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ހެކިތައް ހުށަހަޅާފައިވަނިކޮށް، ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލި މައްސަލަ ބެލުމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.