ވިޔަފާރި

އަންނަ ހަފުތާގައިވެސް އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ތިން ދުވަހު

މަރިޔަމް ޝަހުދާ

އަންނަ ހަފުތާގައިވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ތިން ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ ހަފުތާގައިވެސް ސަރުކާރު ބަންދު ވާނެ ކަމަށް އިއުލާނު ކޮށްފައިވާތީ އެ އޮތޯރިޓީ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ތިން ދުވަހު ކަމަށެވެ. އެއީ އޭޕްރީލް 13 ވާ ހޯމަ ދުވަސް، އޭޕްރީލް 14 ވާ އަންގާރަ ދުވަސް އަދި އޭޕްރީލް 16 ވާ ބުރާސްފަތި ދުވަހެވެ.

މިތިން ދުވަހު އެމްއެމްއޭގެ ހިދުމަތްތައް ދިނުމަށް ހަމަޖައްސާފައިވާ ގަޑިތައްވެސް އެމްއެމްއޭގެ އިއުލާނުގައި އާންމު ކޮށްފައި ވެއެވެ. އެގޮތުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ މި ތިން ދުވަހު ހެނދުނު 9:30 އިން 12:30 އަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 9:30 އިން ފެށިގެން 11:00 އަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އަދި އެހެނިގެން ލިޔެކިއުންތައް އެ އިދާރާއިން މެއިލް މެދުވެރިކޮށް ބަލައި ގަންނާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭގެ އީމެއިލް އައިޑީއަކީ [email protected] އެވެ.