އިންޑިއާ

މުމްބާއީ އަދި ނިއުދިއްލީ ހިމެނޭގޮތަށް އިންޑިއާގެ ބޮޑެތި ސިޓީތަކެއްގައި މާސްކު އެޅުން މަޖުބޫރު ކޮށްފި

މިންހާ ފާއިޒް ރަޝާދު

އިންޑިއާގެ އެންމެ ބޮޑެތި ބައެއް ސިޓީތަކުގައި މާސް އެޅުން މަޖުބޫރުކޮށްފި އެވެ.

މާސް އެޅުން މަޖުބޫރު ކުރި ސިޓީތަކުގެ ތެރޭގައި، ވެރިކަން ކުރާ ސިޓީ، ނިއުދިއްލީ އާއި ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ އަދި އުއްތަރު ޕްރަދޭޝް ހިމެނެ އެވެ. މި ސިޓީތަކުގެ ރައްޔިތުން ބޭރަށް ނުކުންނަ އިރު، މޫނު ނިވާކުރުމަށް ނުވަތަ މާސް އެޅުން ލާޒިމުކުރީ އިއްޔެ އެވެ.

"މާސްކު އެޅުމުން ކޮވިޑް ފެތުރޭ މިންވަރު މަދުކުރެވޭނެ، އެހެންކަމުން މި ސަރަހައްދުތަކުގައި ގެއިން ބޭރަށް ނުކުންނަ އިރު މާސްކު އެޅުން މަޖުބޫރުވާނެ" ދިއްލީ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް އިއްޔެ އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ދުނިޔެ މާސްކަށް ޖެހިފައިވާއިރު އެ ސިޓީތަކުގެ ހުރިހާ މީހުން މާސްކު އަޅާނީ ކިިހިނެއްތޯ ސުވާލު ކުރުމުން އިންޑިއާގެ ޔޫޕީ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތުގެ މީޑިއާ އެޑްވައިޒަރު އޭއެފްޕީއަށް ވިދާޅުވީ މާސްކަށް ވުރެ ބޮޑަށް "މޫނު ނިވާކުރުން" މި ބަސް ބޭނުން ކުރުން ރަނގަޅުވާނެ ކަމަށެވެ. އަދި މޫނު ނިވާކުރުމަށް ކޮޓަން ފޮތި ބޭނުން ކުރެވިދާނެ ކަމަށް އޭނާ ދިވާޅުވިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީންވެސް ވަނީ އެގައުމުގެ 1.3 ބިލިއަން މީހުން ގޭގައި ފޮތި މާސްކު ތައްޔާރުކޮށްގެން ނޭފަތާއި އަނގަ ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ.

މާޗް 25 އިން ފެށިގެން 21 ދުވަހުގެ ލޮކްޑައުނެއްގައި އިންޑިއާ އޮތް އިރު އެގައުމުގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 5200 އަށް އަރައިފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް 149 އަށް ވަނީ އަރައިފަ އެވެ.