ބޮލީވުޑް

ކޮވިޑް 19 އަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ މީހުނަށް ސޯނޫ ސޫދުގެ ހޮޓާ ހުޅުވާލައިފި

ކޮވިޑް19 އަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރީން ތިބުމަށް ބަތަލު ސޯނޫ ސޫދުގެ ހޮޓާ ހުޅުވާލައިފިއެވެ.

ޖުހޫގައި ހުންނަ ހަ ބުރީގެ އެ ހޮޓާ ސޯނޫ ހަދިޔާ ކުރީ ކޮވިޑް19 އަށް ފަރުވާ ކުރުމުގައި ހަރަކާތްތެރިވާ މެޑިކަލް މުވައްޒަފުން ތިބުމަށެވެ.

އެކަމާ ގުޅިގެން މީޑިއާއަށް ދިން އިންޓަވިވުއެއްގައި ސޯނޫ ބުނީ ޑޮކްޓަރުންނާއި ނަރުހުންނާއި އިތުރު މެޑިކަލް މުވައްޒަފުންނަށް އެހީވުމަށް މިވަރުގެ ކަމެއް ކޮށްދެވޭތީވެސް އުފާވާ ކަމަށެވެ.

"މި ސިއްހީ ހިދުމަތްތެރީން އެކި ސިޓީ ތަކުން އައިސް އެތިބެނީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް. މީހުންގެ ފުރާނަ ސަލާމަތްކުރުމަށް. އެމީހުން އަރާމުކޮށް ތިބޭނެ ހިތްފަސޭހަ ތަނެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް. މި ހޮޓާ ހުޅުވާލާފައިވާކަން މިހާރު ވާނީ މުނިސިޕަލަށާއި ހޮސްޕިޓާތަކަށް އަންގާފަ." ސޯނޫ ބުންޏެވެ.

މީގެ ކުރިން ބޮލީވުޑް ސުޕާސްޓާ ޝާހުރުކް ޚާން އާއި އަންހެނުން ގޯރީ ޚާންވެސް ވަނީ އެމީހުންގެ އޮފީސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދިޔާ ކޮށްފައެވެ.