އުރީދޫން ކޮންމެ އަހަރަކު ރޯދަ މަހު ބާއްވަމުން އަންނަ "އުރީދޫ މަސް ރޭސް" މިއަހަރު ނުބާއްވަން ނިންމައިފިއެވެ.
އުރީދޫ މަސްރޭސް ކެންސަލް ކުރިކަން އެ ކުންފުނިން އިއުލާނުކޮށްފައިވަނީ އިއްޔެ ކުރި ޓުވީޓެއްގައެވެ. މި ނިންމުމަކީ ކޮވިޑް 19 އާއި ގުޅިގެން މުޖުތަމައުގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އުރީދޫން ބުނެފައި ވެއެވެ.
މިއަހަރުގެ މަސްރޭސް ކެންސަލް ކުރި ނަމަވެސް، އަންނަ އަހަރު ރޯދަ މަހު ކުލަގަދަކޮށް މަސްރޭސް ބާއްވާނެ ކަމަށް އުރީދޫން ބުނެއެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އުރީދޫއން މަސްރޭސް ބޭއްވުމުގެ އިތުރުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. އުރީދޫ މަސް ރޭހަކީ ގިނަ ބަޔަކު އޭގައި ބައިވެރިވާ ފޯރިގަދަ ހަރަކާތެކެވެ.