އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމަ މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވުމާއި ގުޅިގެން، ބައްސާމަށާއި އެ އާއިލާއަށް ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ތައުޒިއްޔާގެ ސިޓީއެއް ފޮނުއްވައިފި އެވެ.
އިންފަންޓީނޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި ގާތްތިމާގެ ބޭފުޅަކު އަވަހާރަވުމުން ލިބޭ ހިތާމަ ބުނެލާ ބަހަކުން ތަސައްވަރު ނުކުރެވޭނެ ކަމަށެވެ.
ހާއްސަކޮށް މާމަ ފަދަ ހާއްސަ ބޭފުޅަކު ވަކިވެދިއުމަކީ ދުވަހަކުވެސް ހަނދާން ނައްތައިލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކުގައި އުޅެފައިވާ އުފާވެރި ދުވަސްތަކުގެ ހަނދާންތައް މި ހިތާމަވެރި ވަގުތުގައި އައު ކުރުން މުހިއްމު ކަމަށް އިންފަންޓީނޯގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އިންފަންޓީނޯގެ ސިޓީގައި އިތުރަށް ވިދާޅުވީ މި ހިތާމައިގައި އޭނާގެ އަމިއްލަ ނަފުސާއި، މުޅި ދުނިޔޭގެ ފުޓުބޯޅަ އާއިލާ ޝާމިލުވާ ގޮތުން ބައިވެރިވާ ކަމަށެވެ.
މޫމިނާ އަބްދުލް ގައްޔޫމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިމަހުގެ ހަވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އެކަމަނާ އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައިތާފުޅެވެ.
މޫމިނާ އަވަހާރަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ބައްސާމްއަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.