ކުޅިވަރު

ކޮވިޑް 19 ގެ އުސޫލުތައް މުގުރާލެވިފައިވާ ކަމަށް މޮރީނިއޯ އެއްބަސް ވެއްޖެ

އައިދާ އަބްދުލް ހަކީމް

އިއްޔެ ބޭއްވި ޓޮޓެންހަމް ހޮޓްސްޕާސްގެ ފަރިތަކުރުންތަކުގައި، ކޮވިޑް 19 ގެ އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތައް އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯ އާއި އެ ޓީމުގެ ކުޅުންތެރިން މުގުރާލައިފިކަމަށް ރިޕޯޓު ކުރުމާއި ގުޅިގެން އެކަމަށް ކޯޗު މޮރީނިއޯ އެއްބަސް ވެއްޖެ އެވެ.

އުތުރު ލަންޑަންގައި ހުންނަ، ޓޮޓެންހަމްގެ ޓްރޭނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންތަކުގެ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން އެކުލަބުން ވަނީ ކޯޗާއި ކުޅުންތެރިންނަށް ނަސޭހަތްތެރިވެފައެވެ.

އެ ފުޓޭޖުން ފެންނަ ގޮތުގައި، ޓޮޓްންހަމްގެ ދަނބުކުލައިގެ ކިޓް ލައިގެން ހުރި މޮރީނިއޯ ވަނީ ޕްރެކްޓިސް ސެޝަންގައި ޓީމުގެ މިޑްފީލްޑަ ޓެންގީ އެންޑޮމްބެލޭ އާ ކައިރީގައި ހުރެގެން ސެޝަން ކުރިއަށް ގެންގޮސްފަ އެވެ. އަދި އެހެން މަންޒަރަކުން ފެންނަ ގޮތުގައި ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޑިވެންޝަން ސަންޗޭޒް އަދި ރަޔަން ސެސެންގްނޮން ޖޮގިން ކުރަމުން ދިޔައިރު އެ ދެ ކުޅުންތެރިން ވަނީ ސޯޝަލް ޑިސްޓެންސް ގެއްލޭ ގޮތަށް ކައިރީގައި ތިބެގެން ދުވެފަ އެވެ.

މި ކަމާއި ގުޅިގެން ޓޮޓެންހަމް އަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފަ އެވެ. ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން އެ ކުލަބުގެ ތަރުޖަމާނު ބުނެފައި ވަނީ، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޮވިޑް 19 އާ ގުޅޭ ކަންކަން އަންގާފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.