ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ، ދުނިޔެ ދުށް އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ގޭބަންދަށް ބަދަލުކުރުމަށް ކޯޓުން ނިންމައިފި އެވެ.
ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ޕެރަގުއޭއިން ހައްޔަރުކުރީ މިދިޔަ މަހުގެ ހަތް ވަން ދުވަހު އެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ ދައްކަން ޖެހުނު 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައި ނުވާތީ އެވެ.
ކޯޓުން ވަކި ގޮތެއް ނިންމަން ދެން އެދެމީހުން ޖަލުގައި ބައިތިއްބާފައިވާ އިރު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި އެ ދެމީހުންގެ ވަކީލުން ވަނީ 1.6 މިލިއަން ޑޮލަރު ދައްކައިފައެވެ. ރޮނަލްޑީނިއޯ އާއި އެނާގެ ބޭބެ ދޫކޮށްލުމަށް އެދެމީހުންގެ ލޯޔަރުން ހުށަހެޅުމުން އެމައްސަލަ ނުބަލައި ކޯޓުން ކުރީން އޮތީ މައްސަލަ ބޭރުކޮށްލާފަ އެވެ.
ގޭބަންދަށް ބަދަލު ކުރުމުން ރޮނާލްޑީނިއޯ ބަންދު ކުރުމަށް ނިންމާފައިވަނީ ޕެރަގުއޭގެ އަސުންސިއޯންގެ ހޮޓެލެއްގައެވެ.