ރައްޔިތުންގެ މަޖިލިސް

އިންޓަނެޓުގެ އަގުހެޔޮކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

މިދަނޑިވަޅުގައި އިންޓަނެޓްގެ އަގު ހެޔޮކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮވިޑް 19 ގެ މި ދަނޑިވަޅުގައި ލުޔެއް ދިނުމަށް، އިންޓަނެޓުގެ އަގުހެޔޮ ކޮށްފައި ނުވާ މައްސަލައިގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މާޗް 26 ގައި އެމަނިކުފާނަށް ފޮނުއްވާފައިވާ ސިޓީގައިވާ މައްސަލަ، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް 19 އާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާކުރާ މީހުންނާއި، ދަރިވަރުން ގޭގައި ތިބެގެން މަސައްކަތްކޮށް، ކިޔެވުން ކުރިއަށްގެންދާއިރު، އެފަރާތްތަކަށް އިންޓަނެޓުގެ ލުއިތަކެއް ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރުމަށް، އެ އޮތޯރިޓީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށްދޭން ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

ސިޓިގައި މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ، މި ދަނޑިވަޅުގައި އިންޓަނެޓުގެ ހިދުމަތަކީ ޒަރޫރީ ހިދުމަތެއް ކަމަށެވެ. ނަމަވެސް މި ހައްސާސް ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ލުޔެއް ދީފައި ނުވާކަމަށެވެ. އަދި އެ ކުންފުނިތައް ރެގިއުލޭޓުކޮށް، ހިދުމަތުގެ އަގު ކޮންޓްރޯލްކުރުމުގެ ބާރު ކޮމިއުނިކޭޝަން އޮތޯރިޓީއަށް ލިބިފައިވީނަމަވެސް، އަމިއްލަ އިސްނެގުމަށް، މި ހާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައިި ނުވާކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.