ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާ ޕީޕީއެމްގެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި، ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ދީފިއެވެ.
އެ މެމްބަރުންނަށް ޓިކެޓް ކަށަވަރުވާނެކަން އިއުލާންކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
ޕީޕީއެމް އިން މިރޭ މަޖިލީހުގެ 24 މެމްބަރަކަށް ޓިކެޓް ދޭން ނިންމައި، އެ މެމްބަރުންގެ ނަންތައް ވަނީ އިއުލާންކޮށްފައެވެ. އެ ނަންތައް އިއުލާންކުރެއްވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަރީފް ހުސައިން (މުންދު)އެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓް ދިން މެމްބަރުންނަށް ރައްޔިތުންނަށް ތާއީދުކޮށްދިނުމަށް އެދޭ ކަމަށާއި މި ހަފްތާތެރޭގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭ އިތުރު ބޭފުޅުންތަކެއްގެ ނަންތައް އިއުލާންކުރައްވާނެ ކަމަށެވެ.