އިބްރާހިމް ޒަކީ
އަންނަ ޖޫންމަހުގެ ތިނަކަށް މުއްދަތު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށަހެޅި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.
މިބިލް ހުށަހަޅުއްވާފައިވަނީ، އެމްޑީޕީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
މިއަދު 11:05 އެހާކަންހާއިރު ފެށި މަޖިލިސް ޖަލްސާ ދިހަވަރަކަށް މިނެޓު ތެރޭގައި މަޖިލިސް ރައީސް ނިންމަވާލެއްވީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ރިޔާސަތުން އަންގަވަން ބޭނުންވާ ކަންތައްތަކެއްގެ ގޮތުގައި ވާހަކަފުޅުތަކެއް ދެއްކެވުމަށްފަހު، މިއަދުގެ ޖަލްސާގައި ދެން އިތުރު މަސައްކަތެއް ނެތްކަމަށް ވިދާޅުވެއެވެ.
ޖޫން ތިނަކަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވަނީ، މިމަހު ހަތަރެއްގައި ބާއްވަން އޮތް ލޯކަލްކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް 19 ގެ ސަބަބުން މިމަހު 18 އަށް ފަސްކޮށް އެއަށްފަހުވެސް އިންތިހާބު ބޭއްވޭނެ ކަމަށް ނުފެންނާތީ އެވެ.
މީގެކުރިން ކައުންސެލަރުންގެ މުއްދަތު ދަންމާލުމަށް އެޓާނީ ޖެނެރަލް މަޖިލީހަށް ފޮނުއްވާފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށެވެ.
ގާނޫނުއަސާސީއަށް ގެންނަ ފަސްވަނަ އިސްލާހުގެ ގޮތުގައި ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އިސްލާހު ކުރަން ފޮނުވި އެ ބިލް ސްޕޮންސާ ކުރައްވާފައިވަނީ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
ނަމަވެސް ވޭތުވެދިޔަ ދެދުވަހު މަޖިލީހުގައި ކުރިއަށް ދިޔައީ މިދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ، އުފެދިފައިވާ ސުވާލުގެ ބަހުސެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާތީއެވެ.
އެކަމާ ބެހޭގޮތުން ކުރިއަށްދިޔަ ބަހުސްގައި، މިދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ރަނގަޅުގޮތް ނޫންކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.
ހަސަން ލަތީފަކީ މި ބަހުސްގައި އެކަމަށް އިތުރު ގާނޫނެއް ހުށަހެޅިދާނެކަމަށް ހިޔާލު ފާޅުކުރެއްވި މެންބަރުންގެ ތެރެއިން މެންބަރެކެވެ.
ފަސްކޮށްގެން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބުވެ މަގާމާ ހަވާލުވުމުން މި ގާނޫނު އުވޭނެކަމަށް އަލަށް ހުށަހެޅި މި ބިލުގައި ވަނީ ބުނެފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މަޖިލީހުން ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކައުންސެލަރުންގެ މުއްދަތު ދަންމާލުމުގެ ބިލުގެ މަސައްކަތް ލަސްވި ނަމަވެސް އިންތިހާބު ފަސް ކުރުމަށް ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020"ގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.