އިބްރާހިމް ޒަކީ
އެމަނިކުފާނު ދެނެވަޑައިގަންނަވާ ރައީސުލްޖުމްހޫރިޔާއަކީ އިންތިހާބީ މަގާމުތަކަށް މީހުން އައްޔަން ކުރައްވާނެ ރައީސުލް ޖުމްހޫރިއްޔާއެއް ނޫންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާނޫނަކުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރާއިރު، މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ބެހޭގޮތުން ވޭތުވެދިޔަ ދެދުވަހު ކުރިއަށްދިޔަ ބަހުސްގައި، ޖޫން ތިނަކަށް ކައުންސެލަރުންގެ ދައުރު ހަމަވާއިރު، އާ އިންތިހާބު ބޭއްވެންދެން، އެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު ގާނޫނުއަސަސީގެ 115 ވަނަ މާއްދާއާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގިނަ މެންބަރުންތަކެއް ވަނީ ވާހަކަ ދައްކަވައިފައެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް އެބާރުތައް ދިނުމުގެ ބަދަލުގައި، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލްވެސް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ކައުންސެލަރުންގެ މުއްދަތު ދަންމާލުމަށް އިތުރު ބިލެއް ހުށަހަޅައި މިއަދުގެ ޖަލްސާގައި ވަނީ އެބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.
ބިލުުގެ ފުރަތަމަ ކިއުން އިއްވެވުމަފަހު މަޖިލިސް ރައީސް ވިދާޅުވީ، ދިމާވެގެން މިއުޅޭ ހައްސާސް މައްސަލައަކީ، ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރު އިންތިހާބު ކޮށްފައިވާ ކައުންސެލަރުން ނެތުމުން އެކަމަށް ގޮތެއް ހަމަޖެއްސުމުގެ މައްސަލަ ކަމަށެވެ. އަދި އެކަމަށް އޮތް ގޮތަކީ ގާނޫނުއަސާސީ އިސްލާހު ކުުރުން ނުވަރަ އެ މަގާމުތަކަށް ރައީސުލް ޖުމްހޫރިއްޔާ މީހުން އައްޔަން ކުރެއްވުން ކަމަށްވެސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެދުވަހު ކުރިއަށްދިޔަ ބަހުސްގައި، 57 މެންބަރުން ވާހަކަ ދައްކަވާފައިވާއިރު، ވަރަށް މަދު މެންބަރުން ފިޔަވައި ހުރިހާ މެންބަރުން ބުރެވެވަޑައިގަތީ ގާނޫނުއަސާސީ އިސްލާހު ނުކުރުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ނޫން ދެން އޮތް ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އެތަންތަނަށް ބަޔަކު އައްޔަން ކުރުން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑު ދަންނަ ރައީސުލްޖުމްހޫރިއްޔާއެއް، އަޅުގަނޑު ދެކޭގޮތުގައި، އިންތިހާބީ މަގާމުތަކަކަށް މީހުން އައްޔަނެއް ނުކުރާނެ،" ކަމަށެވެ. އަދި އެ މައްސަލައިގައި ރައީސުލް ޖުމްހޫރިއްޔާއާ ވަކިން މަޝްވަރާވެސް ކުރެއްވިދާނެ ކަމަށާއި، އިންތިހާބީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަން ކުރުމަށް ޑިމޮކްރެޓިކް އެއްވެސް އުސޫލެއް ގަބޫލުކުރައްވާ ބޭފުޅަށް ގަބޫލު ނުކުރެއްވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ، ޑިމޮކްރަސީގެ ލާމަސީލު މިސާލެއް ކަަމަށެވެ.