ރައްޔިތުންގެ މަޖިލިސް

ކައުންސިލް މެންބަަރުންގެ ދައުރު ދައްމާލުމަށް އިތުރު ބިލެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

މިހާރު ތިބި ކައުންސިލަރުންގެ މުއްދު ދަންމާލުމަށް، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބަދަލުގައި، އިތުރު ބިލެއް ހުށަހަޅައިފިއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މިބިލް ހުށަހަޅުއްވާފައިވަނީ، އެމްޑީޕީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ޖޫން ތިނަކަށް މުއްދަތު ހަމަވާ ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވަނީ، މިމަހު ހަތަރެއްގައި ބާއްވަން އޮތް ލޯކަލްކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް 19 ގެ ސަބަބުން މިމަހު 18 އަށް ފަސްކޮށް އެއަށްފަހުވެސް އިންތިހާބު ބޭއްވޭނެ ކަމަށް ނުފެންނާތީ އެވެ.

މީގެކުރިން ކައުންސެލަރުންގެ މުއްދަތު ދަންމާލުމަށް އެޓާނީ ޖެނެރަލް މަޖިލީހަށް ފޮނުއްވާފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށެވެ.

ގާނޫނުއަސާސީއަށް ގެންނަ ފަސްވަނަ އިސްލާހުގެ ގޮތުގައި ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އިސްލާހު ކުރަން ފޮނުވި އެ ބިލް ސްޕޮންސާ ކުރައްވާފައިވަނީ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

ނަމަވެސް ވޭތުވެދިޔަ ދެދުވަހު މަޖިލީހުގައި ކުރިއަށް ދިޔައީ މިދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ، އުފެދިފައިވާ ސުވާލުގެ ބަހުސެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާތީއެވެ.

އެކަމާ ބެހޭގޮތުން ކުރިއަށްދިޔަ ބަހުސްގައި، މިދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ރަނގަޅުގޮތް ނޫންކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފަކީ މި ބަހުސްގައި އެކަމަށް އިތުރު ގާނޫނެއް ހުށަހެޅިދާނެކަމަށް ހިޔާލު ފާޅުކުރެއްވި މެންބަރުންގެ ތެރެއިން މެންބަރެކެވެ.

ފަސްކޮށްގެން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބުވެ މަގާމާ ހަވާލުވުމުން މި ގާނޫނު އުވޭނެކަމަށް އަލަށް ހުށަހެޅި މި ބިލުގައި ވަނީ ބުނެފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މަޖިލީހުން ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މިއަދުގެ ޖަލްސާއަށް މި ބިލް އެޖެންޑާކޮށްފައި އޮތް ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް އަނބުރާ ގެންދިޔަކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައެއް ނުވެއެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ނަމުގައި ކައުންސިލް އިންތިހާބު ފަސް ކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ފަށަން ހަމަޖައްސާފައިވަނީ ކައުންސެލަރުންގެ މުއްދަތު ދަންމާލުމަށްފަހުގައެވެ.