ބޮލީވުޑް

ރިތިކުގެ އެހީ: މުނިސިޕަލް މަސައްކަތްތެރިންނަށް މާސްކު ބެހުމަށްފަހު 1.2 ލައްކަ ކެއުން ބަހަނީ

ކޮވިޑް 19 ގެ ސަބަބުން ކުރިމަތިވެފައި ވާ ދަތި އުނދަގޫ ހާލަތުގައި އެހީބޭނުންވާ މީހުންނަށް އިތުރު އެހީތެރިކަން ދިނުމަށް ރިތިކް ރޯޝަން ނިންމައިފި އެވެ.

ރިތިކް ކުރީން ވަނީ އެން95 އާއި އެފްއެފްޕީ3 މާސްކު މުމްބާއީގެ މުނިސިޕަލް މަސައްކަތްތެރިންނަށް ބަހާފައެވެ. މިހާރު ރިތިކް މި މިވަނީ ހާލުގައި ޖެހިފައިވާ މީހުނަށް ކާން ދިނުމަށް އެންޖީއޯއަކާ ގުޅިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގޭގައި ކައްކައިގެން އެތަކެތި އެންޖީއޯއިން ބަހާނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނަށާއި، ދުވަހު މުސާރަޔަށް މަސައްކަތް ކުރަމުން ދިޔަ މަސައްކަތްތެރީންނަށާއި ހާލުގައި ޖެހިފައި ތިބި މީހުނަށެވެ.

މި ހަރަކާތުގެ ދަށުން، 1.2 ލައްކަ ކެއުން ބަހަން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންޖީއޯގެ ފަރާތުން އެމީހުންގެ ފޭސްބުކުގައި ރިތިކްގެ ދީލަތި އެހީ ފާހަގަކޮށް ޕޯސްޓެއް ކޮށްފައިވާއިރު، ރިތިކް ވަނީ އެމީހުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ރިތިކް މިވަގުތު ހުރީ ދަރިންނާއި ކުރީގެ އަނބިމީހާ ސުޒޭން އާއެކު މުމްބާއީގައި ހުންނަ އެމީހުން ގޭގައި ސެލްފް އައިސޮލޭޝަނުގައެވެ. ރިތިކްއާއި އަންހެނުން އެގެއަށް ބަދަލުވީ ދެމީހުންވެސް ދަރީންނަށް މިވަގުތު ވަގުތު ދޭންވެގެންނެވެ.

އެންމެ އަވަހަށް ރިތިކް ފެނިގެންދާނީ ފިލްމު ސައްތޭ ޕޭ ސައްތާ އިންނެވެ. ދީޕިކާއާއެކު ފިލްމު މަހާބާރަތު ކުޅުމަށްވެސް ރިތިކަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ރިތިކް އަދި އެފިލްމު ކުޅުމަށް އެއްބަހެއް ނުވެއެވެ.