މިންހާ ފާއިޒް ރަޝާދު
ކޮވިޑް 19 ގެ ސަބަބުން، އެންމެ ފުރަތަމަ ބަލި ފެތުރުނު ވުހާން ސިޓީގެ ލޮކްޑައުން އުވާލައިފި އެވެ. ލޮކޮ ޑައުން އުވާލުމާއި ގުޅިގެން އެ ސިޓީއަށް ވަނީ މީހުން ވަދެ ނުކުންނަށް ފަށައައިފަ އެވެ.
މިއީ 23 ޖެނުއަރީގެ ފަހުން އެ ސިޓީ މީހުނަށް ވަދެ ނުކުމެވޭ ގޮތަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. މިގޮތަށް ނުކުމެވެނީ ފޯނުގައި ހުންނަ ހެލްތު އެޕް "ގްރީން" ކޮށް ހުންނަ މީހުނަށެވެ.
ވުހާންގެ ރޭލުތަކާއި މަގުތައްވެސް ވަނީ ހުޅުވާލާފައެވެ. އޮފީސްތަކާއި ފެކްޓަރީތައްވެސް މިއަދުން ފެށިގެން ހުޅުވާލާނެއެވެ. ނަމަވެސް ސްކޫލުތައް ވަނީ ވަކިގޮތެއް އަންގަންދެން ބަންދުކޮށްފައެވެ.
އިއްޔެއަކީ ޗައިނާގައި ބަލި ފެތުރެން ފެށިފަހުންވެސް އެއްވެސް މީހަކު މަރުނުވާ ފުރަތަމަ ދުވަހެވެ.
11 މިލިއަންގެ އާބާދީއެއް އޮންނަ ވުހާން ސިޓީ ބަންދު ކުރީ ބަލި ކޮންޓްރޯލު ކުރުމަށެވެ. މިދިޔަ މަހު އެ ސިޓީގައި އެއް ހަފުތާ ވަންދެން އަލަށް ބަލި މީހަކު ނުފެނި ދިޔައެވެ. އެހެންކަމުން ޝޮޕިން މޯލްތައް ހުޅުވާލިއެވެ.
މިއަދުން ފެށިގެން ޕަބްލިކް ޓްރާންސްޕޯޓުތައް ހުޅުވާލައިފައިވާއިރު އެ ގޮތަށް ބޭރަށް ދެވޭނީ ކިއުއާރު ކޯޑެއް ބޭނުން ކޮށްގެން ސްކޭނު ކޮށްގެންނެވެ. އެ ކޯޑަކީ ކޮންމެ މީހަކަށް ވަކިން ދީފައި އޮންނަ ކޯޑެކެވެ. އަދި ކޯޑުން އެމީހެއްގެ ސިއްހީ ކަންކަން ބަލައިލެވެއެވެ.
ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުވެ ޓްރެވެލް އެޑްވައިޒަރީ ނެރެފައި އޮތް ނަމަވެސް 200 ފްލައިޓް މިއަދު ވުހާން އިން ފުރަން އޮތީ ހަމަޖައްސާފައެވެ. އެއީ 10000 ދަތުރުވެރިންނެވެ.
ވުހާން ސިޓީއަށް ދިރުން ލިބުނު ނަމަވެސް އަދިވެސް ޗައިނާގައި ލޮކްޑައުންކޮށްފައި ހުރި ސިޓީތައް އެބަ ހުއްޓެވެ. އެގޮތުން ބެއިޖިންގައި ހޯމަ ދުވަހުވެސް ޕޮޒިޓިވް ވި 31 މީހަކު އަލަށް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެ ސިޓީއަށް ވަންނަ ކޮންމެ މީހަކު ކަރަންޓީނު ކުރާއިރު ހެލްތު ޗެކަޕެއްވެސް ހަދައެވެ
ކޮވިޑް19 ޗައިނާގައި ފެތުރި، 3300 މީހުން މަރުވެފައިވާއިރު 81700އަށް ވުރެ ގިނަ މީހުނަށް ބަލި ވަނީ ޖެހިފައެވެ. ހޯމަ ދުވަހު އެގައުމުން 32މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް ހެލްތު ކޮމިޝަނުން މައުލޫމާތު ދެއެވެ.